ޓެކްނޮލޮޖީ – އަޅުގަނޑުމެންނަށް ބޭނުން ކުރެވެނީ އެންމެ ހެޔޮގޮތުގައިތޯ!

ލިޔުނީ : މައިރީން ހުސައިން މާހިރު / ގުރޭޑު – 5

މިފަދަ ކުރިއަރާފައިވާ ޒަމާނެއްގައި އިންޓަނެޓާނުލާ ނުވަތަ ޓެކްނޮލޮޖީއާއިނުލާ ދިރިއުޅުމަކީ ވަރަށްވެސް އުނދަގޫ ކަމެކެވެ. މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަރަށް މުހިންމު ބައެއްގެ ގޮތުގައި ޓެކްނޮލޮޖީ މިވަނީ ވެފައެވެ. މޮބައިލް ފޯނު، ކޮމްޕިއުޓަރ، ޓީ.ވީ އަދި ޓެބުލެޓް ފަދަ ތަކެތި ހިމެނެނީ ޓެކްނޮލޮޖީގެ ތެރޭގައެވެ. މިތަކެތީގެ ސަބަބުން އަޅުގަނޑު މެންނަށް ވަރަށް ގިނަގުނަ ފަސޭހަތަކެއް ލިބެއެވެ. މިސާލަކަށް، ރައްޓެހިންނާއި، އާއިލާ މީހުންނާ ވާހަކަ ދައްކާލުމަށާއި، ފިލާވަޅުތައް ހަދަން މަޢުލޫމާތު ހޯދުމަށްވެސް މިތަކެތި ބޭނުން ކުރެވެއެވެ. އަދި ފިލާވަޅުތައް ހެދުމުގައި އޮޅުންއަރާ އެއްވެސް ކަމެއް ދިމާވާނަމަ، ވަގުތުން މުދައްރިސުންނަށް މެސެޖު ކޮށްލެވެއެވެ. ނަމަވެސް މިތަކެތިން އަޅުގަނޑު މެންނަށް ބައެއް ގެއްލުންތައްވެސް ލިބެއެވެ. ކޮންމެ ވަސީލަތަކީވެސް އޭގެ ގެއްލުމާއި ފައިދާ އެކުލެވިގެންވާ ވަސީލަތެކެވެ. ނަމަވެސް ކޮންމެ އެއްޗެއްވެސް ހެޔޮގޮތުގައި ބޭނުން ހިފަން އެނގިއްޖެނަމަ، ލިބޭ ގެއްލުމަށްވުރެ ފައިދާ ގިނަވާނެއެވެ.

އެއްވެސް މީހަކު ޓެކްނޮލޮޖީ ގިނައިން ބޭނުންކުރާނަމަ، އެމީހެއްގެ ހަށިގަނޑަށް ވަރަށްގިނަ ގެއްލުންތައް ލިބުމަށް މަގުފަހި ވެގެން ދާނެއެވެ. މާގިނައިރު ފޯނަށް ނުވަތަ ކޮމްޕިއުޓަރަށް ބަލަން އިނދެފިނަމަ، ލޮލަށް ވަރަށް ބޮޑަށް އަސަރުކޮށް، ލޮލުގެ ފެނުން ދަށްވެދާނެއެވެ. އަދި ދުވަހުގެ ގިނަ ވަގުތު ޓީ.ވީ ބެލުމާއި، ގޭމު ކުޅެން އިށީއިނދެ އިނުމުގެ ސަބަބުން ކަރަށް ނުވަތަ އުނަގަނޑަށްވެސް ވަރަށް ބޮޑަށް ތަދު ވެދާނެއެވެ. ކުޅެން ނިކުމެލާ ހަރަކާތްތެރިވުމުގެ ބަދަލުގައި، ފޯނުން ނުވަތަ ޓެބުލެޓުން ގޭމު ކުޅެން ގިނަ ވަގުތު ހޭދަކުރުމުން، ކުދިންގެ ހަށިގަނޑު ދުޅަހެޔޮ ނުވުމާއި، ކުދިން ކަންނެތް ވުމުގެ މައްސަލަތައް ދިމާވެއެވެ. ހަށިގަނޑު ދުޅަހެޔޮކޮން ބެހެއްޓުމަށްޓަކާ، ހެލިފެލިވެއުޅުމާއި ކަސްރަތަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ދެކަމެވެ.

ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންނަށް، ގޭތެރޭގައިއުޅޭ މީހުންނާއި، ރައްޓެހިންނާއި އަދި އެހެންވެސް ގާތްތިމާގެ މީހުންނަށް ވަގުތު ނުދެވޭ ފަހަރު ދިމާވެއެވެ. މިސާލަކަށް ރައްޓެހިންނާއެކު ކުޅެން ނުވަތަ އާއިލާއާއިއެކު ވާހަކަ ދައްކާލަން ވަގުތު ދިނުމުގެ ބަދަލުގައި ގިނަ ވަގުތު މިހޭދަ ކުރެވެނީ އެއްކަލަ ޓެބުލެޓާއި، ފޯނު އަދި ޓީ.ވީ ކައިރީގައެވެ. މީގެ ސަބަބުން ރައްޓެހިންނާއި އައިލާގެ މީހުންނާއި އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރު ވެގެންދެއެވެ. އަދި މީގެ އިތުރުންވެސް، ފޯނަށް ނުވަތަ ޓީ.ވީއަށް ވަރަށް ބޮޑަށް ދެވިހިފާފައިވާ ކުއްޖެއްނަމަ، ފިލާވަޅުތަކަށް މާބޮޑު ސަމާލުކަމެއް ނުދެވި އެކުއްޖާގެ ކިޔެވުމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެއެވެ. އަދި ބައެއް ފަހަރު މިތަކެތީގެ ސަބަބުން، ރޭގަނޑު ލަހުން ނިދުމުން، އަނެއް ދުވަހު ސުކޫލަށްދާން ނުހޭލެވުން ފަދަ ކަންތައްތައްވެސް ދިމާވެއެވެ.

ކޮންމެ އެއްޗެއްގައިވެސް ފައިދާއާއި ގެއްލުންތައް ހުރެއެވެ. ޓެކްނޮލޮޖީއަކީވެސް މިފަދަ އެއްޗެކެވެ. ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންނަށް ގެއްލުން ނުލިބޭނެ ގޮތަކަށް، އެންމެ ރަނގަޅު ގޮތުގައި އެ ތަކެތި ބޭނުން ކުރަން ދަސްކުރަން ޖެހެއެވެ. ހަށިގަނޑަށް ފައިދާހުރި ގޮތަކަށް ކުޅެން ނިކުމެލާ، އާއިލާ މީހުންނާއި ރައްޓެހިންނާއެކު ވަގުތ ހޭދަކޮށް، ފިލާވަޅުތަކަށް ސަމާލުކަން ދެމުން ޓެކްނޮލޮޖީ ބޭނުންކުރާނަމަ، ޓެކޮނޮލޮޖީގެ ގެއްލުންތަކުން ސަލާމަތް ވެވޭނެއެވެ. އަޅުގަނޑުމެން ޑެއިލީކޮން ކުރަން ހުންނަ ހުރިހާ ކަމެއް ނިންމާލުމަށްފަހު، ލިބޭ ހުސްވަގުތުގައި ގޭމެއް ކުޅެލުމަކީ ގޯސްކަމެއް ނޫނެވެ. ގޭމުކުޅުމަކީވެސް ސިކުނޑިތާޒާވެ، ބޭކާރު ހިޔާލުތަކާއި، ވިސްނުންތަކުން ދުރުވާކަމެކެވެ. ނަމަވެސް ހައްދު ފަހަނައަޅާ ނުދާ ވަރަށެވެ.

Check Also

އޭއައި – މުސްތަޤްބަލުގައި ވަޒީފާތައް ގެއްލިދާނެތަ؟!

ލިޔުނީ : އިބްރާހީމް ޝަހީމް އާޓިފިޝަލް އިންޓެލިޖެންސްގެ ހަލުވި ކުރިއެރުމާ ގުޅިގެން، އިންސާނީ މަސައްކަތުގެ މުސްތަޤުބަލާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، …

Leave a Reply

Your email address will not be published. Required fields are marked *