ލިޔުނީ: އަޙްމަދު އިނާޒް

ފަތިހުގެ ފިނިކަން ހަށިގަނޑު ތެންމަމުން ހީގަންނަވަމުން ދިޔަ ނަމަވެސް އަހަރެން ( އަހުމަދު އިނާޒް ) އަހަރެންގެ ރައްޓެހިން ދަތުރަކު ދިއުމަށްޓަކައި ގަޑިއަށް ބަދަރު ސަރަހައްދަށް ގެންދިއުމަށް އެއްގޭ ދޮރުން އަނެއްގޭ ދޮރަށް ބޯދެމުން ގޮވަމުން ދިޔައީމެވެ. ފަހަރަކު މީހަކު ނިދިން ހޭލައްވާ ބޭނުންވާ ސާމާނު ހިފައިގެން ބަނދަރަށް ދިއުމަށް އަންގަމުން ދިޔައީމެވެ. ހުރިހާ އެންމެން ހަމަވުމުން ރ، ވާދޫއިން ހއ ގައި އޮންނަ އާސާރީގޮތުން މަސްހޫރު ރަށެއް ކަމުގައިވާ އުތީމަށް ދިއުމަށް ”އޮޅުވާލި“ ލާންޗްގެ ކައްޕީގެ ކުޅަދާނަ ކަމާއެކު ނައްޓާލެވުނީ ފަތިހު 5:30 ހާއިރުއެވެ. އެއީ 12 ޑިސެމްބަރ 2018 ވަނަ ދުވަހެވެ. ސޭލާން ލާފައިވާ ކަނޑުގެ ލޮނުގަނޑު ކަފަމުން ހަލުވި ދުވެލީގައި ލާންޗު ދަތުރުކުރަމުން ދިޔައިރު ، ދަތުރުގައި ބައިވެރިވާ އަހަރެންގެ 10 އެކުވެރިންނާއި އެކު އަހަރެން އުޅުނީ އެކިއެކި ލުއިކާނާ ކެއުމާއި، އެކަކު އަނެކަކަށް ދިމާކުރުމާއި، ލަވަ ކިޔުމާއި މަޖާ ކުރުމުގައެވެ. މިގޮތުގައި ދޮޅުގަޑިއިރު ހޭދަވީތަނާ އަހަރެމެންގެ މަންޒިލް ކަމުގައިވާ އުތީމުގެ ފެހިކަންގަދަ މަލަމައްޗާއި، ބޯކިރުކޮޅެއްފަދަ ދޮންވެލިގަނޑު ފާޅުވާން ފަށައިފިއެވެ. އުތީމުގެ ތަނަވަސް ކަނޑިންމައިން ލާންޗު ވަދެ ބަނދަރުގެ އުތުރު ފަރާތު ތޮށީގައި ބަނދެލެވުނު އިރު ގަޑިން 7:45 ވީއެވެ.

އުތީމަކީ ފެހިކަންގަދަ ވާބޯ ރަށެއްކަން ފުރަމަ ޖެޓީ މަތީގައި އެޅި ފިޔަވަޅުންވެސް އަހަންނަށް އިހްސާސްކުރެވުނެވެ. މިއިންކަމަކަށް ސިކުނޑި ހުޅުވާލުމުގެ ކުރިން އަހަރެންގެ ލޮލުގައި އަޅައިގަތީ ބަނދަރު މަތީގައި ހަދާފައިވާ ނަމޫނާ ކަޅުއޮށް ފުންމި ދޯންޏެވެ. އެހިސާބުން ލާންޗުގައިވާ އެއްޗެހި ބާލަން ޖެހޭނެކަންވެސް ހަނދާންނެތި އެންމެންހެން ދުއްވައިގަތީ ކަޅުއޮށްފުންމީގެ ކައިރީގައި ސެލްފީ ނެގުމާއި ގްރޫޕް ފޮޓޯތައް ނެގުމަށެވެ. މިގޮތަށް ގިނަ ފޮޓޯތަކެއް ހުރިހާ އެކުވެރިންގެ ޖެލަރީއަށް ވެސް، އުތީމުގެ ފުރަތަމަ ދެތިން މިނެޓްގެ ތެރޭގައި ޖަމާވިއެވެ. މިހެން މިކަމުގައި މަސްއޫލުވެ ތިއްބާ ހޭވެރިވީ ލާންޗުގެ ކައްޕި އެއްޗެހި ބާލާ ނިމުނީއޭ ކިޔާ ގޮވާލުމުންނެވެ. މިހިސާބުން ކުޑަ ”ބްރީފިންގ“ އެއް ދަތުރުގެ ބައިވެރިންނަށް އަހަރެން އެރުވީމެވެ. އެއީ އެކަކުވެސް ވަކި ނުވުމަށާއި، ރައްޓެއްސަކާ ދިމާވެ ކާން ދާންޖެހުނަސް ހުރިހާ އެންމެނަށް ކާންދޭންޖެހޭނެ ކަމަށެވެ. އެންމެން އެއްކޮށްހެން ހީގަނެފައި ބެކްޕެކްތައް ކޮޑަށް މަހާލައިގެން ރަށުތެރެ ބަލާލުމަށް މިސްރާބުޖެހީމެވެ. ދެފަރާތަށް ވިނަތައް އެއްކައިރިކޮށްލެވިފައިވާ ހަނި މަގަކުންނެވެ. ރޫޓްމާރޗް ޖައްސަމުންދާ ސިފައިންގެ ސަފެއް ދަފައިންނެވެ.
އުތީމަކީ އާސާރީގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. އެއީ އުތީމު ތިންބެއިން ނިސްބަތްވާ ރަށެވެ. ޕޯޗްގީޒުންގެ އަތްދަށުން ދިވެހިން މިނިވަންކޮށްދެއްވި ހިތްވަރުގަދަ އާރުކާޓީންގެ ގަނޑުވަރުވެސް ހުންނަ ރަށެވެ. މިރަށަށް އައުމުގެ މައިގަނޑު ބޭނުމަކީވެސް އެއީއެވެ. ދަތުރުގެ މަގުޞަދާއި އެއްގޮތަށް ފުރަތަމަވެސް ފެނުނު ސައިހޮޓާތަކާއި، ފިހާރަތައް ދޫކޮށް ދިޔައީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ކައިރިއަށެވެ. އެތަނުން ގަނޑުވަރަށް ވަނުމުގެ ހުއްދައެއް ހޯދުމަށް ޓަކައެވެ. މާލަސްތަކެއްނުވެ ހުރިހާ ބައިވެރިންނަށްވެސް 25 ރުފިޔާގެ ރޭޓުން ގަނޑުވަރު ބަލާލުމުގެ ޓިކެޓް ލިބިއްޖެއެވެ. އެއީ ހެނދުނު 8:30 ހާއިރެވެ. ގަނޑުވަރު ބަލަހައްޓާ ފަރާތަކާއި އެކު ގޮސް ގަނޑުވަރު ހުންނަ މަގަށް އެޅި އިރު މަގުގެ ކޮޅުން ލޮލުގައި ގަނޑުވަރުގެ ހުދު ދިދަތަކާއި ދޮރުއަށި ކޮޅާއި، ރަތްފުރާޅު އަޅައިގެންފިއެވެ. ގަނޑުވަރާއި ކައިރިވަމުން ދިޔައިރު އެންމެންގެ ހިތުގައިވެސް ގައުމީ ރޫޙް އުފެދެމުން ދިޔަ ފަދައެވެ. ދެއްކެމުން ދިޔައީވެސް މުހައްމަދު ތަކުރުފާނުގެ ހިތްވަރު ގަދަކަމާއި ގަނޑުވަރުގެ ފުރިހަމަ ކަމުގެ ވާހަކައެވެ.
”ވަދެވޭނީ ހުސްފަޔާ“ ގަނޑުވަރު ބަލަހައްޓާ ފަރާތުން ބުނެލި އަޑު އިވުމުން އެންމެންގެ ސަމާލުކަން ހުއްޓުނީ އެކަމަށެވެ. އޭރު ތިބެވުނީ ގަނޑުވަރުގެ މައި ދޮރުއަށި ކައިރީގައެވެ. އަހަންނާއި އަހަރެންގެ އެކުވެރިން ބޫޓްބޭލުމަށް ފަހު ގަނޑުވަރުގެ ހަރިންމަ ނުވަތަ ގޯތިތެރެއަށް ވަދެފީމެވެ. ހުދު ކަށިވެލީގައި ފައިޖެހުމުން ކުރެވެނީ އިހުގެ އަންބެލަމެއްގައި އުޅެވޭފަދަ އިހުސާސެކެވެ. ދޮރުއަށިން އެތެރެ ވި ދިމާ އަރިމަތީގައި އިހުގައި ކުދިންކިރަން ގެންގުޅުނު ފަދަ ބޮޑު ތަރާދެއް ހުއްޓެވެ. އަހަރެންނާއި އެކުވެރިން އެ ތަރާދުގައި އެލިލައި ހެދީމެވެ. އެއީ އިހުގައި ފޮނިކާތަކެތިން ކުދިން 7 އަހަރުވުމުން ކިރައި ޞަދަގާތްކުރުމަށް ބޭނުންކުރި ތަރާދެއް ކަމަށް މައުލޫމާތު ލިބުނެވެ. އަދި އޭގެ އަނެއްފަރާތުގައިވާ ހިރިގަލު ވަޅެއް ދެއްކުމަށް ގަނޑުވަރު ބަލަހައްޓާ ފަރާތުން މިސްރާބު ޖެހިއެވެ. ފުން ވަޅެކެވެ. ފެންމީރު ވަޅެކެވެ. އިހުގައި އުތީމު މީހުން ފެންބޮއި ކައްކާ ހެދީ އެވަޅުގެފެން ކަމުގައިވެސް އެހިސާބުން މައުލޫމާތު ލިބުނެވެ. މިކަންވެސް ދޫކޮށްގެން ނުވާނެޔޭ ބުނެ އަހަންނާއި އެކުވެރިން އެވަޅުން ފެންބުއީމެވެ. ތެދެކެވެ. ވަޅުގެ ފެން ވަރަށް މީރެވެ. ފާޑެއްގެ ރަހައެއްވެސް ނުހުރެއެވެ. އަހަރެންގެ ހައިރާންކަންވެސް އެހެން ބައިވެރިން ފަދައިން އިތުރުވިއެވެ.
ގަޑުވަރުގެ ދޮރުން އެތެރެއަށް ވަދެވިއްޖެއެވެ. އެއީ ބޭރުގެއާއި އެތެރިގެ ސަރަހައްދެވެ. އެތެރެއަށްވަނީ ދޮންވެލި ލެވިފައެވެ. ފުރާޅުތައް ބޯޖެހޭހައި ތިރިއެވެ. އޭރުގެ މީހުން ތިބެނީ މާ ކުރުކޮށް ބާވައޭވެސް ހިތަށް އެރިއެވެ. މަގަތު އެދާއި އުނދޯލި ދާންކޮޅާއި ކަޅުވަކަރު ފޮށިތައްވެސް އެތާނގައި ހުއްޓެވެ. ދިއްލުމަށް ބޭނުންކުރާ ވޮށްކޮޅުތަކާއި ފާނޫޒު ތަކެވެ. އިހުގެ މީހުންގެ މަސައްކަތްތެރިކަން ހިތަށް ސިފަވީ ގަނޑުވަރުގެ ތަނބުތަކާއި ގޮނޑިތަކާއި ވޮށްކޮޅުތަކުގައި ނަގާފައިހުރި ފޮފަތަކާއި އަޅާފައިވާ އަތްކަން ފެނުމުންނެވެ. ހައިރާންވެ ސޮނި ނުހިކޭ ވަރެއްނޫނެވެ. އެހާމެ ފުރިހަމައެވެ. މިހާ ދުވަސްވީ މަސައްކަތްތެރިކަމެއް ފެނުނު މީ ފުރަތަމަ ފަހަރެވެ. އެހެންވީމާ ހައިރާން ނުވާންވީ ސަބަބެއްވެސް ނެތެވެ. ތަންކޮޅަކަށް އެތެރެއަށް ވަތް އިރު ފެނުނީ ހުދު ވިހޭފަށްތަކުން ފަރުދާލެވިފައިވާ އުނދޯލި ދާންކޮޅެކެވެ. ވަށައިގެން ކަންނެޔޮ ބަހައްޓައި ހުދު ބެޑުސީޓެއްގެ ދޫލައަކުން އުނދޯލިވަނީ ޖަރީކުރެވިފައެވެ. އެހާމެ ތަރުތީބެވެ. ސާފުތާހިރެވެ. އުނދޯލީގެ ބިއްދޮށުގައިވާ ފަރުދާއިން ކުރިންވެސް އަޑުއަހާފައިވާ، ސްކްރީން ކުލަ ތަސްވީރުތަކާއި އެކު ފެންނަން ހުއްޓެވެ. އެކަމަކު ފެންނަނީ އެކޮޅުކޮޅުންނެވެ. އަޖައިބެއް ފަހެ ނުވާނެ ހެއްޔެވެ؟ އެހެރީވެސް ކުޅަދުންވަންތަކަމެވެ. އިންސާނީ ހިކުމަތްތެރިކަމެވެ.
ހުރިހާ ބައިވެރިންވެސް ސްކްރީން ތަޖުރިބާކޮށް ވާނުވާ ބެލުމަށް ބެނުންވިއެވެ. މިއީ ގަނޑުވަރުގެ ބިއްދޮށު ބިތުގައި އެޅިފައިވާ ކުޑަލޯވަޅަކުން ފޮނުވާ އަލިން އުފެދިފައިވާ ސްކްރީނެކެވެ. ޕްރޮޖެކްޓަރެއް ފަދައެވެ. ލޯވަޅު އަތްއަޅާ ބައްދާލައި އަދި އިނގިލި އެތެރެއަށް ލައި އެއްޗެއް އިންތޯވެސް ޗެކްކޮށްލީމެވެ. އެކަހަލަ އެއްވެސް ކަމެއް ނެތެވެ. އިތުރަށް ބެލުމަށް ދަތުރުގެ ބައިވެރިއެއް ބޭރަށް ނެރެ ހިންގީމެވެ. ސްކްރީނުން އެފެންނަކީ ރަތްޓީސާޓްގައި ހުރި ހަސަނެވެ. ދަތުރުގައި ބައިވެރިވި ހަސަނެވެ. ބޭރަށް ފޮނުވާ ގަނޑުވަރު ވަށައިގެން ހިނގާ ހަސަނެވެ. އެކަމަކު އެކޮޅު ކޮޅުންނެވެ. މި ހިސާބުން އަހަންނަށްވެސް އަދި ދަތުރުގެ ބައިވެރިންނަށް ވެސް ދުލުގައި ދަތް އަޅާލުމަށް މަޖުބޫރު ވިއެވެ. މިއީ ގަނޑުވަރަށް ބޭރުން ދެވޭ ހަމަލާތައް ކުރިޔާލާ ދެނެގަތުމަށާއި ރައްކާތެރިކަމަށް ފާރަވެރިވުމަށް ބޭނުންކުރެވޭ ސީސީޓީވީ ކެމެރާއެކެވެ.
އުނދޯލި ދާންކޮޅު ކައިރިން ނުކުމެ ގަނޑުވަރާއި އިންވެފައިވާ އެހެން ކޮޓަރިއެއް ދެއްކިއެވެ. މިއީވެސް އާދައިގެ ވާހަކައެއް ނޫނެވެ. އުތީމު ތަކުރުފާނުމެން އާއިލާ މަލިކަށް ހިޖުރަކުރުމަށް ދިއުމުގައި ހަމަ އެކަނި ގަނޑުވަރުގައި ލައްޕާލި ދޮރުކޮޅު ހުރީ މި އިމާރާތުގައެވެ. ލެއްޕި ގޮތަށެވެ. މިދޮރު ލައްޕަނީ ކަހާލައިގެނެވެ. އެހެންގޮތަކަށް ދަންނަވާ ނަމަ ސްލައިޑް ކޮށްގެނެވެ. މި ކޮޓަރީގެ ދެ ބިތުގައި ހަމަ މިކަހަލަ ދެ ދޮރުވެއެވެ. ނަމަވެސް އަޖައިބަކީ މި ދޮރަކީ ކަހާލައިގެން ލައްޕާލި ދޮރަކަށް ވެފައި، ދޮރުގައި ތަންޑެއް މަކުޑިއެއް، ތަޅެއް ހުޅެއް ނެތްއިރުވެސް ދޮރު ހައްޔަރުވެފައިވާ ވުމެވެ. ދަގަނޑު ދަތްދަނގަޑާއި، ފާންތިލަ ބޭނުންކޮށް މަތާހެދުމުންވެސް ފޮރުފަތް ގުޑުވާވެސް ނުލެވުނު ކަމަށް މައުލޫމާތު ލިބުމުން ހައިރާންވެ ހިތަށް ބިރުވެރިކަމެއްވެސް ގެނުވިއެވެ. އެންމެންގެވެސް ހާލަކީ މީއެވެ.
އެސަރަހައްދު ދޫކޮށް ގަނޑުވަރާއި އެއް އިމެއްގައިވާ މަސްވަރާ މަޖިލީހުގެ ހޯލްބަލާލުމަށް އަހަރެމެން އަވަސްވީމެވެ. މިއީ ތަފާތު ބީރައްޓެހިންނާއި ރައްޔިތުންގެ މަސްވަރާތައް ކުރިއަށް ގެންދެވި ތަނެވެ. މާލޫދުތަކާއި ދީނީ ދުވަސްތަކުގެ ތަކުބީރު ކިޔުން ކުރިއަށް ގެންދެވުނި ބިނާއެވެ. މިތަންވެސް ވަނީ މަރާމާތުކުރެވުފައެވެ. ނަމަވެސް އަސްލު ނުގެއްލޭ އިހުގެ ސާމާނު ބޭނުންކޮށްގެންނެވެ. މިއީވެސް ފުރިހަމަ އިމާރާތެކެވެ. ގަނޑުވަރުގެ މި ހުރިހާ ތަނެއް ބަލާލުމަށް ފަހު ގަނޑުވަރުން ނުކުތުމަށް އަހަރެމެން މިސްރާބު ޖެހީމެވެ. ގަނޑުވަރުގެ ދޮރުއަށި ދޫކޮށް ނުކުތީ އެތަށް ހަނދާންތަކެއް އައު ކުރަމުންނެވެ. އެތައް ޒިކުރާތަކެއް އައު ކުރަމުންނެވެ. ހިތުގައި ގައުމީ ރޫޚާއި ޖޯޝް އަށަގަންނުވަމުންނެވެ.

ބޫޓްތަކަށް އަރައި ރަށުތެރެއަށް ދިއުމަށް ތައްޔާރުވެ ހިނގައިގަތްއިރު ގަޑިން 11 ޖަހަނީ އެވެ. ވެފައި ހުރި ބަނޑުހަޔާއި، ހެދުނުގެ ސައި ހިތަށް އައީ އެހިސާބުންނެވެ. ނަމަވެސް އަދިވެސް ގަނޑުވަރު ދޫކޮށްފައިދާކަށް ބޭނުމެއްނުވިއެވެ. އެންމެންގެ މަސްވަރާއާއި އެކު ހެދުނުގެ ސައިބޯލާނޭ ރަގަޅު ހޮޓަލެއް ފެނޭތޯ ގަނޑުވަރަށް ފުރަގަސްދީ ހިނގައިގަތީމެވެ. ނަމަވެސް ދެފިޔަވަޅެއް ކުރިއަށް އެޅިއްޖެ ނަމަ އެނބުރި ފަހަތްބަލާލެވޭ ހާލުގައެވެ.
އުތީމުގެ މަގުތަކަކީ ސާފު މަގުތަކެކެވެ. ޖަޒީރާވަންތަ ގޮތަކަށް މަގުގެ ދެފަރާތުގައިވާ ހިޔާގަނޑުތަކުގައި ޖޯލިފަތި ބެހެއްޓިފައި ވެއެވެ. ގިނައިން މި ޖޯލިތަކުން ފެންނަނީ އުމުރުން ދުވަސްވީ މީހުންނެވެ. ކޮންމެ މީހަކުވެސް ފެނުމުން ކޮށްކޮމެން ކޮންރަށެއްތޯ އަހާލައެވެ. މިއިން އަހަރެންނަށާއި އަހަރެންގެ އެކުވެރިންނަށް ދޭހަކޮށްދިނީ އުތީމުގެ ރައްޔިތުންގެ ހިންހެޔޮކަމެވެ. ސަފަރުވެރިންނަށް އޮންނަ ގާތްގުޅުމެވެ. ދިގުމަގުގެ ދެފަރާތުގައިވާ ބޭބެމެނާއި ދައްތަމެނަށް ޖަވާބުދާރީވަމުން އައިސް ހޮޓަލަކަށް ވަދެވުނު އިރު މެންދުރު 12 ޖަހައިފިއެވެ. މޭޒުދޮށުގައި އިށީނުމަށްފަހު އަވަހަށް ވޭޓަރަށް ގޮވާ ފެންފުޅިއެއް ގެނުވީމެވެ. އެކަކު އަނެކަކާއި ކޯޅިގަނެގެން ފެންބޮމުން ގެންދިޔައީމެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ހުރިހާ އެންމެން މަސްވަރާކުރީ ކާނެއެއްޗަކަށެވެ. މިއީ ހެދުނުގެ ސައިގަޑި ކަމަށް ނުވުމުން އެންމެންވެސް ބޭނުންވީ މެންދުރު ކާށެވެ. އެގޮތުން ފްރައިޑް ރައިސް އަދި ނޫޑްލްސް ގެނައުމަށް އޯޑަރު ދިނީމެވެ. އޯޑަރަށް ކާއެއްޗެހި ތައްޔާރުކޮށްގެން ގެންނަންދެން އަހަރެމެންތިބީ އޮލަ ވާހަކައި ގައެވެ. އެއްބަޔަކު ގަނޑުވަރުގެ ވާހަކައެވެ. އަނެއްބަޔަކު ރަށުގެ ހިތްގައިމު ވާހަކައެވެ. އަދިވެސް ގަނޑުވަރާއި ގުޅިފައިވާ ނުވަތަ އުތީބު ތިން ބަދަވިންނާއި ގުޅިފައިވާ ކަންކަން ބެލުމަށް ބޭނުންވާކަމަށް އެންމެންވެސް ބުނަމުން ދިޔައެވެ.
މުސްކުޅި ފުރައިގެ ފިރެހެނަކު ހުދު ފޮތިކޮޅަކުން ބޯ ނިވާކޮށްލައިގެން އައިސް ހޮޓަލަށް ވަދެ އަހަރެމެން ތިބި މޭޒު ކައިރިއަށް ޖެހިލިއެވެ. އަދި ތިއީ ކޮންރަށެއްގެ ކޮންބޭނުމަކު އައި ކުދިންނެއްތޯ ސުވާލުކުރިއެވެ. އަހަރެމެން ދަތުރުގެ ބޭނުމާއި، މަގުސަދު ކިޔައިދިނީމެވެ. އަދި އެބޭބެ ގާތުން އިތުރު މައުލޫމާތު ސާފުކުރީމެވެ. ކެއުމުގެ ސުފުރާގައި ބޭބެވެސް ހިމަނައި ކާއެއްޗެހި އައުމުން ކާންފަށައިފީމެވެ. ކެއުމުގެ ތެރޭގައި ކުރެވުނު މަސްވަރާއިން އެނގުނީ ޖިހާދަށް ނުކުންނަވަން ދުވާކުރެއްވި ކަނދުވަލު މިސްކިތްވެސް އުތީމުގައި ހުންނަކަމެވެ. ހަމަ މިއާއި އެކު ކިރުދޫނި ހިއްޕަވަން ތަކުރުފާނު އުޅުއްވި ތުނޑިވެސް އޮންނަކަމާއި، އެތަންތަން ހިތްގައިމު ވާނޭ ކަމެވެ. ކައިނިމިގެން ދުފާލުމަށްފަހު އަހަރެމެންނާއިއެކު ދިއުމަށް ބޭބެއަށް ދައުވަތު ދެވުނެވެ. އެދައުވަތު ބޭބެ ގަބޫލު ކުރިއެވެ. މިހާހިސާބުން މި ދަތުރުގެ ”ޓްއަރ ގައިޑަކަށް“ ބޭބެ އައްޔަންވީއެވެ.
ރަށުގެ ވަލުހޭރި މަގުތަކުން ބޭބެގެ މާލިމީކަމުގައި އަހަރެމެން ދަތުރު ފެށީމެވެ. މަގުގެ ދެފަރާތުގައިވާ ފިތުރޯނުގަސްތަކުން މަގަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ހަމައެކަނި ފުރިހަމަކަމެއް ނޫނެވެ. ފުރާޅަކަށްވެސް ފުދެއެވެ. އިސާހިތަކު ކަނދުވަލު މިސްކިތް ދޮށަށް އާދެވިއްޖެއެވެ. މިސްކިތުގައިވާ ވެވުން ސާފުވެލައި ވުޟޫކޮށްކުމަށް ފަހު އަހަރެމެން އެންމެން އެދުވަހުގެ މެންދުރު ނަމާދު އެ މިސްކިތުގައި ކުރީމެވެ. ބޭބެގެ އިމާމުކަމުގައެވެ. ނަމާދުކޮށް ނިމުމުން އެ މިސްކިތުން ފެށުނު ޖިހާދުގައި ދިވެހިންނަށް ނަސްރު ދެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވީމެވެ. މިސްކިތުންފައިބައިގެން ދެންމިސްރާބު ޖެހީ ތުޑި ބަލާލުމަށެވެ.
ވަލުގެ ދިއްގާ ގަސްތަކުގެ ދަނޑިތައް އަރިކުރަމުން މަގުހަދަމުން ގޮސް ފުނައިން ފުރިފައިވާ ފުނަ ފަލެއްގެ ތެރޭގައިވާ މަގަކަށް ފެބިއްޖެއެވެ. ބައެއްފަހަރު މިއީ ޖޯގްރަފީން ދައްކާ ޕްރަގްރާމެއްބާއޭވެސް ހިތަށް އަރައެވެ. އެ ހިތްގައިމު މަގުން ގޮސް ތުނޑިއަށް ފޭބިއްޖެ އެވެ. ހުދު ސާފު ބޯކިރުފޮދެއް ދަފަ ވެލިގަނޑެކެވެ. ސާފުރީތި މޫދާ ގުޅިފައިވާ ހިސާބަށް ރާޅު ބީއްސަމުން ވެލިގަނޑާއި ކުޅެމުންދެއެވެ. ނުހަނު ރީތި ނާނާއެއް އިއްވަމުންނެވެ. އިސާހިތަކު އެންމެންވެސް މިނާނާގައި ޖެހި ތިބިތަނަށް ތިރިކުރުވައިފިއެވެ. ފަސްގަނޑުމަތީގައި އޮށޯއޮތުމަށް މަޖުބޫރު ކުރުވައިފިއެވެ. މިހެން ތިބެވޭއިރު މިއުޅެވެނީ ދުނިޔެ މަތީގެ ސުވަރުގޭގައި ކަން އިޚްސާސްކުރެވެއެވެ. ކިރުދޫނިތައް އައިސް ރާޅުޖަހާފަށުގައި އިށީދެލުމުން ހުޅިނަގާފައި ރާޅު އައިސް ފައްސާލަނީ ރާޅުގެ މިލްކަކަށް ވެރިވެ އިނުމުން ކަމުގެ އިޚްސާސްކުރެވެއެވެ. މިނިވަންޖައްވުގައި ކުދިކުރަނގި ތަކާއި މާރަނގަ އަދި ގާދޫނިތައް ފަނިހަނދިތައް އައިސް ފައްސަމުންދާ ކެރަތަކަށް ފާރަލަމުންދެއެވެ. ފަހަރަކު ދޫންޏެއް ލޮނުގަނޑަށް ވެއްޓިގަނެއެވެ. ވެއްޓޭވަރަށް ވުރެ ބާރަށް އުދުހި ގަނެއެވެ. މިއަށްވުރެ ހިތްފަސޭހަ މަންޒަރެއް ކޮބައި ހެއްޔެވެ.
”ހިނގާކުދިންނޭ ދާން“އަސުރުގެ ބަންގީގެ އަޑުއިވުމުން ބޭބެ ބުނެލި އަޑަށް އަމިއްލަ ގައިގައި އަތުން ތަޅަމުން ވެލިފޮޅަމުން އެންމެން ކަހަލަ ގޮތަކަށް ތެދުވެއްޖެއެވެ. އަސްރުގެ ނަމާދަށް ވެސް ދިއުމަށް ހުރިހާ އެންމެން ބޭނުންވީ ކަނދުވަލު މިސްކިތަށެވެ. އިހު އައި މަގުންގޮސް މިސްކިތުގެ ވެވުން ސާފުވެލައި ނަމާދުކޮށް އަވަދި ވެއްޖައީމެވެ. މިސްކިތުންފައިބައި ފިނިހަކަ ދުވެލީގައި އަތިރިމަގުން ބޭއާއި ދުނިޔަވީ ވާހަކަތައް ދައްކަމުން ބަނދަރަށް ދިއުމަށް ދަތުރު ފަށައިފީމެވެ. ބަނދަރަށް ދެވުނު އިރު ލާންޗުގެ ކައްޕިވެސް އޮތީ ލާންޗްގެ ފަހަތު ދިގު ސީޓްގައި ނިދިފައެވެ. ކައްޕި ހެލައްވާލީ ނެގެންހުރި ގޮތަކަށް ފޮޓޯވެސް ނެގުމަށް ފަހުގައެވެ.
ބޭބެއާއި ސަލާންގަލާންކޮށްލައި ނުހަނު ޝުކުރުވެރި ވުމަށްފަހު އުތީމުން ފުރީ ހަވީރު 4:45ގައެވެ. ނިޔާމަ ދުވެލީގައި ލާންޗް ދުއްވަމުން އައިސް ވާދޫގެ ފެނުނު އިރުވެސް ހިތާއި ސިކުނޑިވީ އުތީމުގައެވެ. އުތީމު ގަނޑުވަރުގައެވެ. ކަނދުވަލު މިސްކިތާއި މިސްކިތް ފަސްދީ ފޭބޭ ގުދުރަތީ ތުނޑީގައެވެ. ވާދޫއަށް ބަދަރުޖެހިއިރު، މަޣުރިބު ނަމާދު ބަންގީގެ ކަލިމަތައް، މިސްކިތްތަކުގެ މުންނާރުތަކުން ގުގުމަމުން ދަނީ އެވެ. ހުރިހާ ރައްޓެހިންނަށް އެރޭގެ ކޮފީއިން ބައްދަލު ވުމަށް ދައުވަތު ދެމުން އަހަރެން ގެއާއި ދިމާއަށް ހިނގައިގަތީ ގޭކުދިންނަށް ދަތުރުގެ ފޮޓޯތައް ހިއްސާކޮށްލުމަށް ކެތްމަދުވެފައި ހުރެއެވެ.
Faanooz Vaadhoo School