އަހުރެންގެ ޅައިރުން ފެށިގެން އަޑުއެހިވާހަކަތަކާއި ދުއްތަނުން މާޅޮސްމަޑުލުއުތުރުބުރީ ވާދޫއިން ފެންނާން އޮތް ދަރިފަސްކޮޅު (1 ވަނަ ބައި)

ލިޔުނީ: އިސްމާއިލް ނަސީރު، ޕްރިންސިޕަލް

ޖިނިއޮލޮޖީގެ ހޯދުންތަކަށް ބުރަވެ ބަލާލުމުން ވާދޫގެ ދަރިފަސްކޮޅުގެ ބައެއްނަންތަކާއި މަޝްހޫރު މީހުން އެއްމެ ދުރުންވެސް ގުޅުވާލެވެނީ މީލާދީން 1700 ގެ އަހަރުތަކުގެ މެދުތެރެއާއިއެވެ. އެއީ އޮޑިގޯތި ދޮންއައްޔާއި ވެޔޮދޮށުގޯތި މަރިޔަނބާހަމައިންނެވެ. އޮޑިގޯތި ދޮންއައްޔަކީ މުދިމު އައްޔެވެ. އެއީ އެއްމެ ދުރުހަދާންތަކާއި މި ލިޔުމަށް ހޯދުނު މަޢުލޫމާތުން ވާދޫގެ ދުރު ހޯދުންތަކުން ފެންނަ މުދިމެވެ. އަދި ނައިބެވެ. ރަށުގެ ވެރިމީހާވެސް މެއެވެ.  މި ދެމަފިރިން ފުރަތަމަކައިވެންޏަށް ދެދަރީން ލިބިފައިވަނިކޮށް ވަރިކުރިއެވެ. އެއަށްފަހު ދެވަނަ ފަހަރަށް ކައިވެނި ކޮށް އެކައިވެންޏަށް ހަތަރު ދަރީން ލިބި މި ދެމަފިރީންގެ ޖުމްލަ ހަ ދަރީން ތިއްބެވެ. ފުރަތަމަ ކައިވެންޏާއި ދެވަނަ ކައިވެނީގެ ދަރީންގެ އާއިލީމަތިކޮޅު ފެތުރިގެން މިއަދަށް ފެންނަންހުރިގޮތަށްބަލާލާނަމަވެ.

އާދެ އަޅުގަނޑުގެ ބައްފަ ފަރާތުން އަޅުގަނޑަކީ ށ. ނަރުދޫ ޒުލޭހާ (ދަލޭކަ) އަދި ޔޫސުފް (މުޅޯށި ޔޫސުބުގެ) އަހުމަދު ޔޫސުފް (ވާދޫ ކުޑަބެ) ގެ އިސްމާޢީލް ނަސީރެވެ. އަދި އަޅުގަނޑުގެ މަންމަ ފަރާތުން އަޅުގަނޑަކީ އޮޑިގޯތި ދޮންއައްޔާއި (މުދިމްޢަލީ) ވެޔޮދޮށުގޯތި މަރިޔަނބުގެ، ޔޫސުފާއި (ކުޑަބެ) ގަދަޔޫސުބުގެ މަރިޔަނބާ ކައިވެނިކޮށް ލިބުނު އާދަމް ޔޫސުފް ނ. ހޮޅުދޫ ހިޔަލައާއި ކައިވެނީގެ ގޮތުން ގުޅި ލިބުނު ޔޫސުފްއާދަމާއި، ޔޫނުސް އާދަމާއި ޒަކަރިއްޔާ އާދަމްގެ އިތުރުން، މަރިޔަމް އާދަމްގެ އިސްމާޢީލް ނަސީރެވެ. އެހެންކަމުން އަޅުގަނޑުގެ މަންމަފަރާތުން އަޅުގަނޑުގެ މުނި މުނި ނުވަތަ ހޫރުކާފައަކީ އޮޑިގޯތި ދޮންއައްޔެވެ. ނުވަތަ މުދިމް އައްޔެވެ.  އޮޑިގޯތި ދޮންއައްޔަކީ ވާދޫ ޢަލީޔޫސުފް (އަލިކަލޭފާނު، ވާދޫ ދޮންބެ) އަދި އިބްރާޙީމް ޔޫސުފް (ބޮޑުގެ އިބްރާހިމްބެ)ގެ މަންމަފަރާތު ކާފައެވެ. އަދި އެހެންމެ ސިއްތިކޮއިގެ ވެސް މަންމަ ފަރާތު ކާފައެވެ. އެހެންކަމުން، އޮޑިގޯތި ދޮން އައްޔަކީ ސިއްތިކޮއިގެ ކަދީދަގެ މުނިކާފައެވެ. ރިޓާޔާޑް ކާނަލް އިބްރާހީމް ރަޝާދުގެ މުނި މުނި ނުވަތަ ހޫރުކާފައެވެ. އަދި ވާދޫ ދޮންބެގެ ދަރި ސަކީނާ ޢަލީ ކަލޭފާނު ގެ މުނި ކާފައެވެ. ސަކީނާ ޢަލީކަލޭފާނުގެ،ރިޓާޔާޑް ކާނަލް މުޙައްމަދު މުޚުތާރު ޢަލީއާއި، ވާދޫ ކުރީގެ ކަތީބު އިބްރާޙީމް ނަސީމާއި، ވާދޫ ކައުންސިލްގެ ރައީސް ހުސައިން ޢަލީގެވެސް މުނި މުނި ނުވަތަ ހޫރުކާފައެވެ.

 މުދިމް ޢަލީކާފަ ނުވަތަ އޮޑިގޯތި ދޮންއައްޔަކީ ކުރީގެ ކަތީބު މުހައްމަދު އިބްރާޙީމްގެ މުނި ކާފައެވެ. ހަމަ އެހެންމެ، އިބްރާހީމް ޔޫސުފްގެ،  ދެވަނަ ފިރިހެންދަރިފުޅު ކުރީގެ ޤާޟީއަބުދުލްޤާދިރުއިބްރާޙީމްގެ ދަރި ޢަލީ ނަސީމް (ކުރީގެ ކައުންސިލްގެ ރައީސް ޢަލީ ނަސީމް) ގެވެސް މުނި، މުނި ކާފައެވެ. އެހެންކަމުން، މިރަށުގެ ހިންގުމުގެ ނިޒާމް އެއްއާއިލާއެއްގެ މަތީގައި ހިނގަމުން އަންނަތާ މިހާރު ގަރުނަކަށްވުރެ ގިނަދުވަސް ވީއެވެ.

ވާދޫގައި 43 ތިން އަހަރު ކަތީބުކަން ކުރެއްވި އަދި ދަޢުލަތަށް 50 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މުޙައްމަދު އިބްރާޙީމް އަކީ އޮޑިގޯތި ދޮންއަލީގެ ހައްވަ( ބޯތަމާމަ) އާއި ކުޑައަލިބެގެ ޔޫސުފް (ގަދަޔޫސުބު) އިބްރާހީމް ޔޫސުފް (ބޮޑުގެ އިބްރާޙީމްބެ) ގެ މުޙައްމަދު އިބްރާޙީމްވެ. ވާދޫ ދޮންބެއާއި ބޮޑުގެ އިބްރާހީމްބެއަކީ އެއްބަނޑު އެއްބަފާ ދެބެއިންކަމުން ދޮންބެއަކީ މުޙައްމަދު އިބްރާހީމްގެ ބައްޕަފަރާތު ބޮޑުބޭބެވެސް މެއެވެ.

ކޮންމެއަކަށް އޮޑިގޯތު ދޮންއައްޔާއި ވެޔޮދޮށުގޯތި މަރިޔަނބުގެ ދަރީންނަށް ވަކިވަކީން ބަލާލާނަމެވެ.

މި ދެމަފިރީންގެ ފުރަތަމަ ކައިވެންނަށް ލިބުނު ދެދަރީންނަކީ ހައްވަ( ބޯތަމާމަ)އާއި ބޮޑުއީސައެވެ. ބޮޑު އީސައަކީ މާވަޑިކާފަ ނުވަތަ ޢަބުދުﷲ ޢީސަގެ ބައްޕައެވެ. އަދި މާވަޑިކާފަގެ ދަރީންނަކީ، މާވަޑިފާތުމަ، އަބުދުލްކަރީމް، ކުޑަކަމަނަ،(އަބުދުއްރަހީމާއި ނަފީސާގެ މަންމަ)،ދާވޫދު އަބުދުﷲ (އަޙުމަދު ދާވޫދުގެ ބައްޕަ)، އައިޝަތު އަބުދުﷲ ނުވަތަ އައިސަފަހަރިއެވެ.

ބޯތަމާމައާއި ވާދޫ ކުޑައަލިބެގެ ޔޫސުފް ( ގަދަ ޔޫސުބް) އާއި ކައިވެނިކޮށް ޢަލީ ޔޫސުފް (ވާދޫދޮންބެ)، އިބްރާހީމް ޔޫސުފް (ބޮޑުގެ އިބްރާޙިމްބެ) އަދި ސިއްތިކޮއެ ލިބުނެވެ. އެހެން ކަމުން މިއީ އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ. އަދި މުދިމް ޢަލީގެ ކާފަދަރީންނެވެ.

އޮޑިގޯތި ދޮންއައްޔާއި ވެޔޮދޮށުގޯތި މަރިޔަނބުގެ ދެވަނަ ކައިވެޏަށް ލިބުނު ދަރީންނަކީ ޢަބުދުއްރަޙުމާނު ނުވަތަ މާމަ ދޮންބެއެވެ. މާމަ ދޮންބެއަކީ މުދިމެކެވެ. އަދި ނާއިބެއްވެސް މެއެވެ. އެއީ ބައްޕަ މުދިމް ޢަލީ ފަދައިންނެވެ. ޔޫސުފު ނުވަތަ ކުޑަބެއަކީވެސް މުދިމް ޢަލީގެ ދަރިއެކެވެ. އަދި މާމަ ދޮންބެގެ ވާރުތަ މުދާ ލިބުނު މީހެއްވެސް މެއެވެ. އެގޮތުން، މާމަދޮންބެގެ ބޮޑުފޮށި އަޅުގަނޑުމަންމަގެ މަރުދުވަހަށްވެސް ބޭނުންކުރީ އަޅުގަނޑުމެންގެ ގޭގައެވެ. އާދެ ރ.ވާދޫ ނޫރާނީގޭގައެވެ. މި ޔޫސުފަކީ އަޅުގަނޑުގެ މަންމަފަރާތު ކާފަގެ ބައްޕައެވެ. ނުވަތަ މަންމަފަރާތުންއަޅުގަނޑުގެ މުނިކާފައެވެ.

އޮޑިގޯތި ދޮންޢަލީގެ ދަރި އޮޑިގޯތި އައިސަ ނުވަތަ އާހިދައިތަ، ނުވަތަ ކަމަނަ، މި ކަމަނަ ކަޅުއަލީގޯތި އަހުމަދާއި ކައިވެނިކޮށް ޔޫސުފް ލިބުނެވެ. މި ޔޫސުފަކީ އާއިޝަތު ޔޫސުފް، ނޫކޮކާގެ އައިސްދައިތަގެ ބައްޕައެވެ. އަދި މުޙައްމަދު ނަޖީބުގެ ކާފައެވެ. ، ޒުލައިހާ ނުވަތަ ދަލޭކަ ގެ ބައްޕަވެސްމެއެވެ. ނަފާ އިބްރާހީމް ވަހީދު ނުވަތަ ބޮޑޭގެ މަންމަ ފަރާތު ކާފައެވެ. މި އައިސަގެ އައިމިނަ އަކީ  އަލީ އިބްރާޙީމާއި، ރަޝީދާ އިބްރާޙީމްގެ މަންމައެވެ.

އައިސައާއި އަހުމަދުގެ ދެވަނަ ދަރިއަކީ އަޙުމަދު އިބްރާހީމްއެވެ. އަޙުމަދު އިބްރާޙީމަކީ  ޢަބުދުއްރައްޒާގު އިބްރާހީމް، ޢަބުދުލްބާރީ އިބްރާހީމް، ސަކީނާ އިބްރާހީމް، ރަޒީނާ އިބްރާހީމް އަދި ސާރަތު އިބްރާހީމް ގެ ބައްޕައެވެ.

އޮޑިގޯތި ދޮން ޢަލީ ނުވަތަ މުދިމްޢަލީގެ  އައިމިނަ ނުވަތަ ކަމަނަ އަކީ މުޙައްމަދު ޢަބުދުއްﷲ ،ކަމަނަ މުޙައްމަދުގެ މަންމައެވެ. ކަމަނަ މުޙައްމަދުގެ އާދަމް މުޙައްމަދުގެ ހަގު ފިރިހެން ދަރިފުޅަކީ އިސްމާޢީލް ޝަމީމް އާދަމް އެވެ. މިއަދު އިސްމާޢީލް ޝަމީމު އަދާކުރައްވަމުން ގެންވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް، ޑައިރެކްޓަރ ޖެނެރަލް އޮފް ޑައިރެކްޓެރޭޓް އޮފް އިންޓެލިޖެންސްގެ މަޤާމެވެ. އެހެންކަމުން މުދިމް އައްޔަކީ އިސްމާޢީލް ޝަމީމުގެވެސް މުނި މުނި ނުވަތަ ހޫރުކާފައެވެ.

މުޙައްމަދު ޢަބުދުﷲގެ ދަރި  ޢަބުދުލް ޙަމީދު މުޙައްމަދު،ޢަބުދުލް ޙަމީދު މުޙައްމަދަކީ ވާދޫގެ ކުޑަކަތީބުކަން ގިނަދުވަސްތަކެއްވަންދެން ކުރެއްވި އަދި ކަތީބުކަންވެސް ކުރެއްވި މުދިމް ޢަލީގެ މުނިކާފަ ދަރިއެކެވެ. ދީނީތައުލީމަށް މޮޅު، ޅެންވެރިކަމާލިޔުންތެރިކަމަށް ލޯބިކުރެއްވި ބޭފުޅެކެވެ. 

މުދިމް ޢަލީގެ އައިމިނާގެ މުޙައްމަދު ޢަބުދުﷲ ގެޢަލީ މުސްތަފާ މުޙައްމަދު،ޢަލީ މުސްތަފާ މުޙައްމަދަކީ ގިނަދުވަސްތަކެއްވަންދެން ވާދޫގެ މިސްކިތުގެ އިމާމެވެ. މި ދެންނެވި އައިމިނައަކީ އާއްބާސް މުހައްމަދު، ފާތުމަތު ރިޒާ އަދި އަބުދުއްސަލާމް މުޙައްމަދުގެ މާމައެވެ. ޢަބުދުއްސަލާމް މުޙައްމަދަކީ ގިނަދުވަސްތަކެއްވަންދެން ސަރުކާރަށް ޚިދުމަތްކުރެއްވި މިރަށުގެ ކުޑަކަތީބެކެވެ. އަދި ޓިނުން ތަކެތި އުފެއްދުމުގެ ލާމަސީލު ފަންނުވެރިއެކެވެ.

އެހެންކަމުން ވާދޫގެ މައިގަނޑު ދަރިފަސްކޮޅު ފެތުރި ނިއުޅެމުން އައިގޮތަށް ކޮންމެވެސް ވަރަކަށް ބަލާލެވިއްޖެ ކަމަށް ދެކެމެވެ. އަދި މި ފަދަ ދެވަނަ އަދި ތިން ވަނަ ލިޔުމެއް ލިޔުމުގެ ހެޔޮ ތަޢުފީޤު މާތްﷲ މިންވަރުކުރައްވާށިއެވެ. އާމީން..

Leave a Reply

Your email address will not be published. Required fields are marked *