ގެއްލުނު ވޮލެޓް

ލިޔުނީ : ހައްވާ އަލްސާ އަލީ/ ގްރޭޑް 6

ދުވަހަކީ އުޑުމަތި ސާފު، އަވިގަދަ ނަމަވެސް ވަރަށް ހިތްފަސޭހަ ފިނި ވައިރޯޅިވެރިވާ ދުވަހެކެވެ. ޖެހޭ ތާޒާ ފިނިވައިރޯޅިން އުފާ ހޯދަމުން ސާރާ ހިނގަމުން އައި ސްކޫލުން ގެއަށްދާށެވެ. ކުއްލިއަކަށް ސަރާގެ ލޮލުގައި އަޅައިގަތީ ސައިޑް ވޯކް ކައިރިއަށް ވެއްޓިފައި އޮތް އެއްޗަކަށެވެ. އެއި ވޮލެޓެކެވެ. ވަރަށް ޝައުގުވެރިކަމާއެކު އެ ނަގައި ހުޅުވާލިއެވެ. އެ ހުޅުވާލުމާއެކު ސާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވޮލެޓުގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ އާއި އެހާމެ މުޙިއްމު ކާޑުތަކެއް އޭގައި ހުއްޓެވެ.

ސާރާގެ ހިތަށް އެރިއެވެ.“މީތި އަޅުގަނޑު އަތުގައި ބޭއްވިއަސް އަދި ބޭނުންކުރިޔަސް އެކަކަށްވެސް ނޭނގޭނެ“ އެވެ.

އެކަމަކު ސާރާއަށް ހަނދާންވީ އޭނާގެ މުދައްރިސްގެ ބަސްތަކެވެ. ”ތިމާގެ ހަޤީޤީ އަޚްލާޤު ދައްކުވައިދޭނީ އެއްވެސް މީހަކު ބަލަހައްޓައިގެން ނުހުންނައިރު ކުރާ ޢަމަލުތަކުންނެވެ“

ސާރާ ނިއްމީ އެތާނގައި މަޑުކޮށްލާ ވަށައިގެން ބަލާލުމަށެވެ. މާ ދުރުނޫން ހިސާބެއްގައި މުސްކުޅި ބޭބެއެއް ވަރަށް ހާސްވެ ހުރެ ބިންމަތި ބަލާ ހޯދަމުންދެއެވެ. އިރުއިރުކޮޅުން ލައިގެން ހުރި އެއްޗެހީގެ ޖީބުތަކުގައި އަތްލާ ކަންތައް ކުރަމުންދާ ތަން ވެސް ސާރާއަށް ފެނެއެވެ. ސާރާ އޭނާ ގާތަށް ގޮސް ވަރަށް މަޑުމައިތިރިކަމާއި، އޯގާތެރިކަމާއި އެކު އަހާލިއެވެ. “ ބޭބޭ! އެއްޗެއް ގެއްލުނީތަ؟“

”އާނ، ބޭބެގެ ވޮލެޓެއް ގެއްލިގެން މިއުޅެނީ، އޭގައި ބޭބެއަށް ބޭސްފަރުވާ ކުރުމަށް ގެނައި ރުފިޔާތައް ހުންނާނީ، އަދި އެ ވޮލެޓަކީ ބޭބެގެ ދަރިން ބޭބެއަށް ދިން ހަދިޔާއެއް، އެހެންވެ އެ ވޮލެޓް ބޭބެ އަށް ވަރަށް މުހިއްމު …“

ސާރާ ހިނިތުންވެލަމުން ސާރާއަތުގައި އޮތް ވޮލެޓް ނަގާ ދިއްކޮލަމުން އަހާލިއެވެ. “ މިއީތޯ؟“ މުސްކުޅި ބޭބެގެ މޫނުމަތިން އުދާސްކަން ފިލައި އުފާވެރިކަމާއި ހިތްހަމަޖެހުން ފެނުނެވެ. “ ވަރަށް ބޮޑަށް ޝުކުރިއްޔާ، ދަރިފުޅާ! ބޭބެ ހީކުރި މިދެން ދުވަހަކުވެސް ނުފެންނާނޭކަމަށް..“

ވޮލެޓް ނަގައި ހުޅުވާލުމާއެކު ބޭބެ އޭގެން ފޮޓޯގަނޑެއް ނަގާ ދައްކާލިއެވެ. އަދި އޭގައި ހުރި ރުފިޔާއަށްވުރެ ބޮޑަށް ބޭބެއަށް މުހިއްމީ އެ ފޮޓޯކަމަށް ބުންޏެވެ. އޭގައި ވަނީ ބޭބެއާއި ބޭބެގެ އަންހެނުންނާއި 2 ދަރިންގެ ފޮޓޯއެކެވެ. ހިނދުކޮޅަކަށް އެއަށް ބަލަންހުރެފައި، އެ ބޭބެ ސާރާއަށް އިނާމެއްގެ ގޮތުގައި ކޮންމެވެސް ވަރަކަށް ފައިސާ ދޭން އުޅުނެވެ. ނަމަވެސް ސާރާ ބޯހޫރާލަމުން “ ނޫން ބޭބޭ، އަޅުގަނޑު ތި ބޭނުމެއްނޫން، މި ފައިސާ މިވަގުތު އެންމެ މުހިއްމީ ބޭބެއަށް، ބޭބެގެ ބޭސްފަރުވާއަށް، ބޭބެއަށް ބޭބެގެ ވޮލެޓް  ލިބުމުން އެލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން ފެނުމުން އަޅުގަނޑު ވަރަށް އުފާވެއްޖެ، އެވަރުން އަޅުގަނޑަށް ފުދިއްޖެ…!

އެބޭބެ ސާރާގެ އެ ރިވެތި އަޙްލާޤު ފެނިފައި ވަރަށް އުފާވިއެވެ. އަދި ހެޔޮދުޢާކޮށްފައި ހިނިތުންވެލަމުން ދާން ހިނގާއިގަތެވެ.

ސާރާވެސް އެނބުރި ގެއަށް ދާން ހިގަނގައިގަތެވެ. އޭނާ އިހްތިޔާރުކުރީ ރަނގަޅު ގޮތެވެ. ސާރާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސްކުރެވެމުން ދިޔައެވެ. އެ އިހްސާސްތަކަކީ އެއްވެސް އިނާމަކަށްވުރެ މާ އަގުހުރި އިހްސާސްތަކެކެވެ.

ރަނގަޅުކަންތައްތައް ކުރުމުން އަބަދުވެސް ހަޤީޤީ އުފާވެރިކަން ލިބިދޭނެއެވެ.

ކިޔާލަން

ދަބަސް

ލިޔުނީ: މަމްދޫހާ އިބްރާހީމް، ބެލެނިވެރިއެއް އެއްދުވަހަކު، އަލީ ކިޔާ ހީވާގި، ކިޔަމަންތެރި ފިރިހެން ކުއްޖެއް ސުކޫލް ނިމިގެން ގެޔަށް ދަނިކޮށް …

Leave a Reply

Your email address will not be published. Required fields are marked *