ލިޔުނީ: މަމްދޫހާ އިބްރާހީމް، ބެލެނިވެރިއެއް

އެއްދުވަހަކު، އަލީ ކިޔާ ހީވާގި، ކިޔަމަންތެރި ފިރިހެން ކުއްޖެއް ސުކޫލް ނިމިގެން ގެޔަށް ދަނިކޮށް މަގުމަތިން ރީތި ފައިސާ ދަބަހެއް ފެނިއްޖެއެވެ. ދަބަސް ނަގައި ބެލިއިރު، ދަބަހުގައި ވަރަށް ގިނަ ފައިސާ އާއި، މުހިންމު ކާޑުތަކެއް ހުއްޓެވެ. އަލީގެ ހިތަށް އެރިއެވެ. ”މިދިމާވީ ކިހާ ރަނގަޅަށް ހެއްޔެވެ؟ މިހާރު މަށަށް ބޭނުންވާ ބައިސްކަލް މި ފައިސާއިން ގަނެވޭނެއެއްނު.“ ނަމަވެސް، އޭނާގެ މުދައްރިސުންނާއި، މައިންބަފައިން އަންގަވާފައިވާ އިރުޝާދުތައް ހަނދާނަށް އައިސް އޭނާ ހުއްޓުނެވެ. ”އަމާނާތްތެރިކަމަކީ ވަރަށް މުހިންމު ސިފައެއް“ މި ބަސްތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ.
އަލީއަށް ވިސްނުނެވެ. މި ފައިސާ ދަބަހުގެ ވެރިފަރާތް މިހާރު ހުންނާނީ ކިހާ ދެރަވެ ހާސްވެފައި ހެއްޔެވެ؟ އޭނާ ނިންމީ އެ ދަބަސް ސްކޫލްގެ ޕްރިންސިޕަލް އަށް ދިނުމަށެވެ. އަލީ އަވަހަށް ސްކޫލަށް އެނބުރި ގޮސް، ޕްރިންސިޕަލްގެ އޮފީހަށް ވަނެވެ.
”ސަރ، މިއޮތީ ދެންމެ އަޅުގަނޑު ސުކޫލުން ގެއަށްދާން ދިޔަ މަގުމަތިން ފެނުނު ލާރި ދަބަހެއް.“ އަލީ ދަބަސް ޕްރިންސިޕަލްއަށް ދައްކާލަމުން ބުންޏެވެ. ޕްރިންސިޕަލް އަލީއާއި ދިމާލަށް ބަލާލިއިރު އޭނާގެ ހިތުގައި އުފާވެރިކަން އުފެދިގެން ދިޔައެވެ. ޕްރިންސިޕަލް ދަބަސް ބަލައިގެންފިއެވެ. ދަބަސް ތެރޭގައި ހުރި ކާޑުތަކުން އޭގެ ވެރިފަރާތަކީ މުސްކުޅި އަންހެނެއްކަން އެނގިގެންދިޔައެވެ. ސްކޫލުން އެ އަންހެންމީހާއަށް ގުޅާފައި، ދަބަސް ގެއްލިފައިވާ ވާހަކަ ބުންޏެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެ އަންހެންމީހާ ސްކޫލަށް އަތުވެއްޖެއެވެ.
އެ އަންހެންމީހާއަށް އެނގުނީ އަލީ ކިޔާ ކުއްޖަކަށް ދަބަސް ފެނިގެން ޕްރިންސިޕަލް އަށް ހަވާލުކުރިކަމެވެ. އެކަމާ އެމީހާ ވަރަށް އުފާވެ، އަލީއަށް ޝުކުރުއަދާކުރިއެވެ. ”ދަރިފުޅު ތިކޮށްދިނީ ވަރަށް ބޮޑު ކަމެއް. މީގެ ތެރޭގައި ހުރި ފައިސާ އަށްވުރެ މުހިންމު ލިޔެކިޔުންތަކެއް ހުންނާނެ. ދައްތަ ހީކުރީ މިތަކެތި ދުވަހަކުވެސް ނުފެންނާނެ ކަމަށް.“ އެ އަންހެންމީހާ ބުންޏެވެ. އެހެން ބުނަމުން އޭނާ އަލީއަށް ހަދިޔާއެއް ދިނެވެ. އަދި އަލީގެ އަމާނާތްތެރިކަމަށް ތައުރީފުކުރިއެވެ.
އަލީއަށް ލިބުނު ހަދިޔާއަށްވުރެ ބޮޑަށް އުފާވީ އޭނާ ކުރި ހެޔޮކަމުން އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމެވެ. އެދުވަހު ގެއަށް އައިސް، އަލީ މަންމައަށާއި، ބައްޕައަށް ކަންތައްދިމާވި ގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އަދި މަންމައާއި ބައްޕަ ވަރަށް ލޯބިން އަލީ ގައިގައި ބައްދާލުމަށްފަހު ބުނެލިއެވެ. ދަރިފުޅު ތިކުރީ ވަރަށް ހެޔޮކަމެއް! މިއަދު ދަރިފުޅު ތިޔަ ސާބިތުކޮށްދިނީ، ދަރިފުޅަކީ ހަޤީގަތުގައިވެސް މަންމައާއި ބައްޕަގެ ހެޔޮ ނަސޭހަތްއަހާ ޤަބޫލު ކުރާ ކުއްޖެއްކަން! އަމާނާތްތެރިކަމަކީ ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ހުންނަންޖެހޭ މުހިންމު ސިފަތަކެއް. ހެޔޮކަން ކުރުމުން ލިބޭ އުފަލަކީ ދުވަހަކުވެސް ނުނިމޭނެ އުފަލެއް!
މި ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ އިބުރަތަކީ، ކޮންމެ ހާލަތެއްގައިވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން ދެމެހެއްޓުމަކީ، އެންމެ ރަނގަޅު ގޮތްކަމެވެ. އެއީ ހަގީގީ އުފަލާއި، އިހުތިރާމް ލިބިގަތުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
Faanooz Vaadhoo School