ކީރިތި ޤުރުއާން ކިޔެވުމުގެ މުހިއްމުކަން

ލިޔުނީ: ފާޠިމަތު ޤާސިމް

ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި ކިޔަވައިދިނުމަކީވެސް އަޅުކަމެކެވެ. ޤުރުއާނުގެ ޢިލްމަކީ އިންސާނާގެ ދެދުނިޔެ ބާއްޖަވެރިކޮށްދޭ އިލްމެއް ކަމާއި މެދު ޝައްކެއްވެސް ނެތެވެ. މީސްތަކުންގެ ތެރެއިން، ހިތުގައި ކީރިތި ޤުރުއާނުގެ މިންވަރެއް ނުވާ މީހާގެ މިސާލަކީ ހުސް ގެއެއްގެ މިސާލެވެ.  އެ ގެއަކީ ޝައިތާނާއަށް ފަސޭހަކަމާއެކީ ވަދެވޭނެ ގެއެކެވެ. އެ ގެއެއްގައި ކީރިތި ޤުރުއާން ކިޔެވުމަކީ އެގެއްގެ މާހައުލު ރަނގަޅުވުމުގެ އިތުރުން ލިބޭ ނިޢުމަތްތަކާއި ބަރަކާތް އިތުރުވެގެންދާކަމެކެވެ. އެގެއެއްގައި ކީރިތި ޤުރުއާން ކިޔަވަން ފެށުމުން، އުޑުން މަލާއިކަތް ބޭލުން ފައިބާ ވަޑައިގަންނަވައެވެ. ނަމަވެސް ކީރިތި ޤުރުއާން ނުކިޔަވާނަމަ އެގެއްގައި،  ބަރަކާތްތައް ލިބުމުން މަހުރޫމްވެ ޝައިތާނާ ދިރިއުޅޭތަނަކަށް ވެގެންދެއެވެ. އެހެން ކަމުން ކޮންމެ ދުވަހަކީވެސް ތިމާ ދިރިއުޅޭ ގޭގައި ޤުރުއާން ކިޔަވާ ދުވަހަކަށް ހެދުން މުހިއްމެވެ.

އިސްލާމްދީނުގެ އަސާސްއަކީ ކީރިތި ޤުރުއާން ކަމަށްވާއިރު މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޤުރުއާން ކިޔެވުމުގެ މުހިއްމުކަން ދަރިންނަށް ވިސްނައިދެނީ ކިތައް ބެލެނިވެރިންބާ؟

ގިނަ މައިންބަފައިން ދަރިންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގައި ބޮޑަށް ބަރޯސާވަނީ ޤުރުއާން ކުލާސްތަކަށެވެ. މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ދަރިންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަކީ ހަމައެކަނި ޤުރުއާން ކުލާސްތަކުގެ ޒިންމާއެއް ނޫނެވެ. މައިންބަފައިން އަމިއްލައަށް ޤުރުއާނުގެ އަހުލުވެރިންނަށްވެ، ދަރިންނަށް ނަމޫނާ  ދައްކަންޖެހެއެވެ. ދަރިން ޤުރުއާނަށް އަހުލުވެރިކުރުމުގައި މައިންބަފައިންގެ ދައުރު އިންތިހާއަށް ބޮޑެވެ. ކީރިތި ޤުރުއާނަކީ އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ޤުރުއާނުގެ އިލްމު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާއަށް ދެދުނީޔޭގެ ބާއްޖެވެރިކަން ކަށަވަރެވެ. އަދި އޭގެ އިލްމުން މަހްރޫމްވެއްޖެ މީހާ ދަންނައެވެ. ފަހެ އެތައް ހެވަކުން އޭނާ މަޙްރޫމްވެއްޖެ ކަން ކަށަވަރެވެ.

Check Also

ޤުރްއާނަކީ މުޢުޖިޒާތެކެވެ.

ލިޔުނީ: އައިމިނަތު މަޖްދާ ކީރިތި ޤުރްއާނަކީ މާތް ﷲ ޞުބްހާނަހޫ ވަތަޢާލާ ކިޔެވުން އަޅުކަމެއް ކަމުގައި ލައްވައި މި އުއްމަތަށް …

Leave a Reply

Your email address will not be published. Required fields are marked *