ލިޔުނީ: އައިމިނަތު މަޖްދާ

ކީރިތި ޤުރްއާނަކީ މާތް ﷲ ޞުބްހާނަހޫ ވަތަޢާލާ ކިޔެވުން އަޅުކަމެއް ކަމުގައި ލައްވައި މި އުއްމަތަށް ކައު ކުރެއްވި ސާޙިބާ މުޙައްމަދު صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ އަށް ލައުޙުލް މަޙްފޫޒުން ބައިތުލް ޢިއްޒާއަށް އަދި ބައިތުލް ޢިއްޒާއިން ދުނިޔޭގެ ބިމަށް ފޮނުއްވާފައިވާ އެކަލާނގެ ކަލާމްފުޅެވެ. މި ފޮތަކީ އެފޮތަކާއިމެދު ދެބަސް ވެވެން ނެތް ފޮތެކެވެ. މި ފޮތުން އަހަރެމެން ތަފާތު މައްސަލަތަކަށް ޙުކުމް ނެރެވެއެވެ. ހަމަ އެހެންމެ މި ފޮތަކީ ބާއްވައިލެއްވުނީއްސުރެ ޤިޔާމަތާއި ހަމައަށްދަންދެން ރައްކާތެރި ކުރެވިގެންވާ ހަމައެކަނި ފޮތެވެ. ކުރީ ޒަމާނުގައި ބާއްވައިލެއްވުނު ފޮތްތަކަށް ވަނީ އެފޮތެއް ބާއްވައިލެއްވުނު ޤައުމެއްގެ މީހުން އެމީހުން ބޭނުންވާ ގޮތަށް ބަދަލުކޮށް އަޞްލަށް އުނިކަން ގެނެސްފައެވެ.
ޤުރްއާނަކީ ޤިޔާމަތާއި ހަމައަށް ރައްކާތެރިކުރައްވާފައިވާ ފޮތަކަށް ވީ ހިނދު، މިފޮތަކީ އަހަރެމެންގެ ރަސޫލާ އަށް ދެއްކެވި މުޢުޖިޒާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާޅުވެގެންވާ މުޢުޖިޒާތެވެ. އެގޮތުން މި ފޮތަކީ މުޢުޖިޒާތަކަށް ވީ ސަބަބު ތަކުގެ ތެރޭގައި މި ފަދަ ފޮތެއް އަހަރެމެން އާދައިގެ އިންސާނަކަށް ގެނެސްގަތުމަށް ކުޅަދާނަކަން ލިބިގެން ނުވުމާއި މި ފޮތުގައި ކުރީގެ ޙާދިޘާ ތަކާއި ކުރިއަށް އޮތް ތަނުގައި ހިނގާނެ ކަންކަމުގެ ވާހަކަތައް އައިސްފައިވުން ހިމެނެއެވެ. މި ފޮތަކީ މީގެ 1400 އެތަށް އަހަރެއް ކުރިން ބާއްވައިލެއްވުނު ފޮތެއް ކަމުގައިވީނަމަވެސް، މި ފޮތުގެ އަކުރަކަށް ފިއްޔަކަށް އުނި އިތުރުކަމެއް ނުގެނެވުމަކީ ޙައިރާންވާވަރުގެ ކަމެކެވެ. ހަމަ އެހެންމެ ޢިލްމުވެރިން މި ފަހުން ހޯދާ ހުރިހާ ކަންކަމެއް މީގެ 1400 އެތައް އަހަރެއް ކުރިން ބާއްވައިލެއްވުނު ފޮތެއްގައި ހުރުމަކީ މިފޮތަކީ އަޖައިބުކުރަނިވި ފޮތެއްކަން ސާބިތުކޮށްދޭ ކަމެކެވެ. އެގޮތުން އިންސާނާގެ އިނގިލީގެ ނިޝާން ތަކުގެ ވާހަކައާއި ޖޯޑު ޖޯޑަށް ތަކެތި އުފެއްދުމުގެ ވާހަކައާއި މަނި ތިއްކަކުން އިންސާނާ އުފެއްދެވުމުގެ ވާހަކައާއި މިފަދަ އެތައް ވާހަކައެއް މި ފޮތުގައި ބަޔާންވެފައިވެއެވެ.
މި ފޮތަކީ އެފަދަ ފޮތެއް އިންސާނުންނާއި ޖިންނީން އެއްވެގެންވެސް ގެނެސްގަތުމުގެ ކުޅަދާނަކަން ލިބިގެން ނުވާ ފޮތެއް ކަމަށް ގޮން ޖައްސަވަމުން ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްރާ ސޫރަތުގެ 88 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ“ ކަލޭގެފާނު ވިދާލުވާށެވެ! މި ޤުރްއާން އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ. “ އެހެންކަމުން ކުދިންނޭވެ! ތިކުދިން މިފޮތް ކިޔަވާ މީގެ މާނަ ފަހުމްވެ މިފޮތާއި އެއްގޮތަށް ޢަމަލު ކުރަން މަސައްކަތް ކުރާ ކުދިބަޔަކަށް ވަމާ ހެއްޔެވެ؟