ވާހަކަ – އެހީތެރިވުމުގެ ފައިދާ

ލިޔުނީ: ޔަޝްފާ ޙުސައިން

އަލީގެ ގޭގައި ރީތި މާ އަޅާ ގަސް ހުރެއެވެ. މި ގަސްތައް ހުންނަނީ ގޭގެ ބަގީޗާގައެވެ. އަލީ އެއްދުވަހަކު ބަގީޗާއަށް ދިޔައެވެ. ކުދިކުދި ހިނިތަކުގެ ގެ ހުރީ ގަސްތަކުގެ ހިޔަލުގައެވެ. އަލީއަށް އެ މަންޒަރު ފެނުމުން، ކޮންމެ ދުވަހަކު ހިނިތައް ކުރަމުންދިޔަ މަސައްކަތް ބަލަން ފެށިއެވެ. މި ހިނިތައް ކާނާ ހޯދައިގެން ގެއަށް ވައްދަނީ ހުރިހާ ހިންޏެއް ގުޅިގެންނެވެ. ނުހަނު ބުރަ މަސައްކަތުންނެވެ.

”އަވަސްކުރޭ، އަވަސްކުރޭ، ވާރޭ ވެހެން އުޅެނީ“ މަންމަ ހިނި ބުންޏެވެ.

ހިނިތަކުގެ ގެތަކާއި މާ ދުރުނޫން ހިސާބެއްގައި ހުރި ގަހެއްގައި ކުރަތްޕެއް އިނެވެ. އަލީއެކޭ އެއްގޮތަށް ކުރަފިވެސް ދިޔައީ ހިނިތައް ކުރަމުންދާ ބުރަ މަސައްކަތް ބަލަމުންނެވެ. ހިނިތަކަށްވުރެ ކުރަފި މާ ބޮޑެވެ. ވަރުގަދައެވެ. ބޮޑު ފިޔަގަނޑަކާއި، ދިގު ފައިތަކެއް ހުއްޓެވެ. ކުރަތްޕަށް އުދުހިގެން ދުރަށް ދެވެއެވެ. އެކަމަކު، ކުރަފީގެ މޫނުން ފެނުނީ އެކަނިވެރިކަމެވެ. ކުރަތްޕާއި ވާހަކަ ދައްކާނެ އެކުވެރިއަކު ނެތެވެ.

”ހިނގާބަލަ ކުރަތްޕާ ވާހަކަ ދައްކާލަން“ ކޮއްކޮ ހިނި ދެރަވެލާފައި ބުންޏެވެ.

”ނޫން ނޫން، އޭތި މާ ބޮޑު. އަހަރެމެން ކާލަފާނެ. ރަނގަޅު ވާނީ ދުރުގަ ތިބުން“ ބޭބެ ހިނި ބުންޏެވެ.

ހިނިތަކުގެ ވާހަކަ އަޑުއިވުމުން، ކުރަފި މާ ބޮޑަށް ދެރަވިއެވެ. ހިނިތަކާއި އެކުވެރިވާން ބޭނުންވިޔަސް، ކައިރިވާކަށް ނުކެރުނެވެ. ކުއްލިއަކަށް ވައިގަދަވިއެވެ. ގަސްތައް ހީވީ މުލުން ލުހިދާނެ ހެންނެވެ. ހިނިތަކުގެ ގެއަށް ވެލި އެޅެން ފެށިއެވެ. ބޭރުގައި ތިބި ހިނިތަކަށް ގެއަކަށް ނުވަދެވުނެވެ. ހިނިތައް ގެނައި ކާއެއްޗެހި ވަޔާއި ދާން ފެށިއެވެ. މަންޒަރު ބަލަން އިން ކުރަފި އެ ހިނިތަކަށް އެހީވާން ބޭނުންވިއެވެ. އެކަމަކު ހިނިތައް ބިރުގަނެފާނެތީ ކައިރިވާކަށް ނުކެރުނެވެ.

”އަހަރެމެންގެ ގެ ހަލާކުވަނީ“ ހިނިތައް ރޯން ފެށިއެވެ.

ކުރަފީގެ ހިތަށް އެރިއެވެ. އެހީތެރިވުމަކީ ރީތި ސިފައެކެވެ. ނުކެރިފައި އިނދެގެން އެހީއެއް ނުވެވޭނެއެވެ. ކުރަފި ހިތްވަރުކޮށްފައި އުދުއްސައިލިއެވެ. ހިނިތަކުގެ ކުރިމައްޗަށް ޖެއްސިއެވެ. ހުރިހާ ހިނިތައް ހުއްޓުނެވެ. ބިރުންގޮސް ބައެއް ހިނިތަކަށް ވާހަކަވެސް ނުދެއްކުނެވެ.

”ކުރަފި އެ އައީ އަހަރެމެން ކާލަން“ ދައްތަ ހިނި ރޯން ފެށިއެވެ.

”ހާސްނުވޭ، އަހަރެން މިއައީ ތި އެކުވެރިންނަށް އެހީވާން“ ކުރަފި ބުންޏެވެ.

ކުރަފި އޭތީގެ ބޮޑު ދެ ފިޔަގަނޑު ހުޅުވައިލިއެވެ. ޖެހެމުންދިޔަ ވައިން ހިނިތަކާއި، ހިނިތަކުގެ ގެ ސަލާމަތްކޮށްދިނެވެ. ވައި މަޑުވިއެވެ. ކުރަފި އުދުހިގެން ގޮސް، އޭތި ކުރިންވެސް އިން ގަހުގައި ޖެއްސިއެވެ. މަންމަ ހިނި ކުރިއަށް ޖެހިލިއެވެ.

”ވަރަށް ބޮޑަށް ޝުކުރިއްޔާ! ކުރަފި އަހަރެމެންނާ، އަހަރެމެންގެ ގެ ސަލާމަތްކޮށްދީފި“ މަންމަ ހިނި ބުންޏެވެ.

ކުރަފި ހިނިތުންވެލިއެވެ. ހިނިތަކަށް އެހީތެރިވެވުނީތީ އުފާވާ ކަމަށް ކުރަފި ބުންޏެވެ. އަލީވެސް އުފާވިއެވެ. އަލީ ދުވެފައި ގޮސް ގެއަށް ވަނެވެ. ކުރަފި ކަންތައް ކުރިގޮތުގެ ވާހަކަ މަންމައަށް ކިޔައިދިނެވެ.

”މީހުންނަށް އެހީވުމަކީ ވަރަށް ރީތި ސިފައެއް“ އަލީގެ މަންމަ ބުންޏެވެ.

”ދެން ކުރަފި އެކަންޏެއް ނުވާނެތަ މަންމާ؟“ އަލީ ސުވާލުކުރިއެވެ.

”އެހީވާ ކުދިންދެކެ މީހުން ލޯބިވާނެ. އެކުވެރިވާނެ“ އަލީގެ މަންމަ ބުންޏެވެ.

އެދުވަހުގެ ފަހުން، ހުރިހާ ކަމެއް ބަދަލުވިއެވެ. ކުރަފީގެ އެކަނިވެރި ދިރިއުޅުން ނިމުނެވެ. ހިނިތައް ކުރަތްޕާއި އެކުވެރިވިއެވެ. ކާއެއްޗެހި ދީ ހެދިއެވެ. ހިނިތައް ކުރާ ކަންކަމުގައި ކުރަފި ބައިވެރި ކުރިއެވެ. ކުރަފީގެ އެހީގައި ހިނިތައް ބޮޑު ގެއެއް ހެދިއެވެ. ކުރަތްޕާއި ހިނިތައް ދިރިއުޅުނީ އުފަލުގައި އެ ގޭގައެވެ.

އަލީއަށް ވިސްނުނެވެ. މީހުންނަށް އެހީވާން ފެށިއެވެ. އެކަމާއި އަލީގެ މަންމަ ހުންނަނީ ވަރަށް އުފަލުންނެވެ. ކުޑަ ހިންޏާއި ކުރަފީގެ ދިރިއުޅުމުން އަލީއަށް ލިބުނީ އިބުރަތްތެރި ފިލާވަޅެކެވެ.

”ހުރިހާ ކުދިންވެސް މީހުންނަށް އެހީވައްޗޭ“ އަލީ ބުންޏެވެ.

-ނިމުނީ-

Check Also

ވާހަކަ – ލީނާގެ ދިރިއުޅުން

ރިޔާޝާ މުޙައްމަދު ނަޖީބް / ގްރޭޑް 6 ލީނާއަކީ ވަރަށް ނިކަމެތި ކުއްޖެކެވެ. އެހެން ނަމަވެސް ލީނާއަކީ މީހުންނަށް އިޙްތިރާމް …

Leave a Reply

Your email address will not be published. Required fields are marked *