ދީނީ ތަޢުލީމުގެ މުހިންމުކަން  

ލިޔުނީ : މަމްދޫހާ އިބްރާހީމް

ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާ ހަވާލުކުރަށްވާފައިވާ އަގުބޮޑު އަމާނާތެކެވެ. އެ އަމާނާތް ހެޔޮގޮތުގައި ރަނގަޅަށް ބެލެހެއްޓުމަށްޓަކާ އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ކޮންމެ މަންމައެއް އަދި ބައްޕައެއްގެވެސް އިސް ވާޖިބެކެވެ. ދަރިންނަށް ދެވޭ ތަޢުލީމުގެ ތެރެއިން އެންމެ އަސާސީ އަދި އެންމެ މުހިންމު ތަޢުލީމަކީ ދީނީ ތަޢުލީމެވެ. މިދުނިޔޭގެ ދިރިއުޅުމުގައި ކާމިޔާބުހޯދާ، އާޚިރަތުގެ ބާއްޖަވެރިކަމަށް ވާސިލުވުމަށްޓަކައި، ކުޑައިރުންސުރެން ދީނީ ކަންކަން އުނގައްނައިދިނުމަކީ، ހުރިހާ ގޮތަކުންވެސް ދަރިންނަށް ފަހިކަން ލިބިގެންދާނެ މަގެކެވެ. އެހެނީ، ދީނީ ތަޢުލީމަކީ އިންސާނާގެ ޝަޚްޞިއްޔަތު ބިނާކޮށް، ރިވެތި އަޙްލާޤާއި، ހެޔޮ ސިފަތަކުން ޒީނަތްތެރިކުރާނެ މައިގަނޑު އެއް ފޭރާމެވެ. ހާއްސަކޮން މިޒަމާނުގެ ބެލެނިވެރިން މިކަމާ ދޭތެރޭ ވިސްނާލުމަކީ ވަރަށް ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެނީ، މިހާރަކަށް އައިސް ގިނަ ބެލެނިވެރިން، އެމީހުންގެ ދަރިންނަކީ ސުކޫލް މާހައުލުގައި ކިޔަވައިދޭ، އިނގިރޭސި މާއްދާތަކަށް މޮޅު، އިނގިރޭސިބަހަށް ދޫފަރިތަ ކުދިންނަށް ހެދުމަށް ވަރަށް ބޮޑަށް ބާރުއަޅާކަން ފާހަގަ ކުރެވެއެވެ. މިކަމަކީ އެއްވެސް ހާލެއްގައި ގޯސް ކަމެކޭ އަޅުގަނޑު ނުބުނާނަމެވެ. ނަމަވެސް، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމު ޤަޢުމަކަށްވެފައި، ދީނީ ތަޢުލީމަކީ އަޅުގަނޑުމެންގެ ދަރިންނަށް އެންމެ މުހިންމު އެއް ތަޢުލީމް ކަމުގައި ދެކެން ވާނެއެވެ. ބަރާބަރަށް ނަމާދުކޮށް، ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުޢާނުގެ މޫރިތި އާޔަތްތަކުން ކޮންމެވެސް މިންވަރެއް އެކުދިން ލައްވާވެސް، އަދި ބެލެނިވެރިންވެސް ކިޔަވާލުން ކިހިނެއްވާނެ ތޯއެވެ.

ދީނީ ތަޢުލީމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ނަމާދުކޮށް، ޤުރުޢާން ކިޔަވަން ދަސްކޮށްދިނުމެއްވެސް ނޫނެވެ. މީގެ އިތުރުން، މާތްﷲއަށް ބިރުވެތިވެ، އެކަލާނގެއަށް ކިޔަމަންވުމުގެ ރޫޙު އުފެއްދުމާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ސީރަތުން ނަސޭހަތް ލިބިގަތުމާއި، އިސްލާމީ އަޚްލާޤާއި އާދަތައް ކުދިންނަށް ދަސްކޮށްދީ ބުނެދިނުމަކީ އަޅުގަނޑުމެން ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ ވަރަށްބޮޑު ޒިންމާއެކެވެ. އެގޮތުން ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އަނެކާއަށް އިޙްތިރާމް ކުރުމާއި، ކެތްތެރިވުމާއި، އޯގާތެރިކަމާއި، ރަޙުމްކުރުމުގެ މަތިވެރި ސިފަތައް ކުދިންގެ ހިތްތަކުގައި އަށަގަންނުވައި، ދީނީ ހަމަތަކުގެ މަތިން ދިރިއުޅުން ބައްޓަށް ކުރުމަށް މަގުދައްކައިދިނުމަކީ މި ތަޢުލީމުގެ މުހިންމު ބައެކެވެ.

ދަރިންނަށް ދީނީ ތަޢުލީމް ދިނުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮންނަނީ މައިންބަފައިންނަށެވެ. މިގޮތުން، ގެއަކީ ދަރިފުޅު ދިރިއުޅުމުގެ ފުރަތަމަ މަދަރުސާއެވެ. މައިންބަފައިންގެ ހެޔޮ ނަމޫނާއާއި، ދީނީ އަޅުކަންތައްތަކަށް ބާރުއެޅުމާއި، ދީނީ ފޮތްތަކާއި މައުލޫމާތުތަކަށް ދަރިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމުން، އެކުދިންގެ ހިތްތަކުގައި ދީނަށް އޮންނަ ލޯބި އިތުރު ވެގެން ދާނެއެވެ. މީގެ އިތުރުން މުޖުތަމަޢުގައިވެސް ދީނީ ތަޢުލީމު ދިނުމުގައި މިސްކިތްތަކާއި، މަދަރުސާތަކާއި، ދީނީ މަރުކަޒުތައް މުހިންމު ދައުރެއް އަދާކުރެއެވެ. އަޅުގަނޑުމެންގެ ދަރިންނަށް އުނގައްނައިދޭ މުދައްރިސުންނާއި، ދީނީ ޢިލްމުވެރިންގެ ބައިވެރިވުމަކީވެސް ދަރިންނަށް ދީނީ ޢިލްމު އުނގެނުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ.

ކުދިންނަށް ދީނީ ތަޢުލީމު ދިނުމުގެ ސަބަބުން އެކުދިންގެ ދިރިއުޅުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދެއެވެ. ދީނީ ތަޢުލީމު ލިބިފައިވާ ދަރިއަކީ ވަރުގަދަ އީމާނެއްގެ ވެރިއަކަށްވެ، އެކުއްޖާގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ދީނީ ހަމަތައް ބަލައިގަންނަ، އަދުލުވެރި ނަސްލަކަށް ވެގެން ދާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. މީގެ ސަބަބުން ދަރިފުޅަށް އަމިއްލަ ނަފުސުގެ ހިތްހަމަޖެހުމާއި، އާއިލާއަށް ބަރަކާތާއި ހަމަޖެހުން ލިބިގެންދާނެއެވެ. އަދި ދީނީ އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދަރިންނަކީ މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ، މަސްއޫލިއްޔަތު އުފުލާ، ޤާބިލު ބަޔަކަށް ވެގެންދާނެއެވެ. ވީމާ، އަޅުގަނޑުމެންގެ ދެލޮލުގެ ނޫރުފަދަ ލޯބިވާ ދަރިންނަށް ދީނީ ތަޢުލީމު ދިނުމަކީ މިދުނިޔޭގެ ކާމިޔާބީއާއި، އާޚިރަތުގެ ބާއްޖަވެރި ކަމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއް އިންވެސްޓްމަންޓެވެ.  

Check Also

ރާއްޖޭގެ ތިމާވެށި

ލިޔުނީ: އަލްޔާ އަޙްމަދު އަރީފް، ގްރޭޑް 9 ދިވެހިރާއްޖެއަކީ، މާތް ﷲގެ ކުޅަދުންވަންތަކަމުން ދުނިޔޭގައި އުފެދިފައިވާ އެންމެ ރީތި، ޤުދުރަތީ …

Leave a Reply

Your email address will not be published. Required fields are marked *