ލިޔުނީ: އަހްމަދު އިނާޒް

ދިވެހިންނަކީ ވެސް އަދަބިއްޔާތުގައި މުއްސަނދި ތާރީޚެއް އޮތް ބަޔެކެވެ. ދިވެހި އަދަބިއްޔާތު ފުރަތަމަ ލިޔެވިފައި އޮތީ މީލާދީން 1150 ގެ ތެރޭގައި ލިޔެވުނު ބޮޑުތާހީދު ކަމުގައި ވިޔަސް އޭގެ މާކުރިއަށް ދިވެހި އަދަބު ގޮސްފައިވާކަން ދިވެހި އެކި އެކި ފޯކުލޯރުތަކުން ހާމަވެއެވެ. އެގޮތުން ރަންނަމާރި ވާހަކައާއި ސަފަރުކަތްދަ ވާހަކައާއި ބޮޑުގޮހޮޑާ ވާހަކަ ފަދަ އެތައް ވާހަކައެއް ދޫދޫމަތިން ކިޔައި މިހާހިސާބަށް ގެނެސްދީފައި ވަނީ ދިވެހި އަދަބެވެ. ހަމައެއާއިއެކު ދޮންމޮހަނު ވާހަކައާއި ދޮންހިޔަލާއާއި އަލިފުޅު ވާހަކައާއި މަހަބަދި ކަލޯ ވާހަކަފަދަ ކިތައްމެ ވާހަކައެއް ދިވެހިންގެ ދޫދޫމަތިން ވާރުތަ ކުރަމުން މިޒަމާނަށް ގެނެސްފައި މިވަނީ ދިވެހިބަހުގެ އަދަބީ ބާރުގައިކަން ކަށަވަރެވެ.
ދިވެހިން ތަރުބިއްޔަތު ކުރުމުގައި އެކިއެކި އެކިއެކި ނަސޭޙަތް ދިނުމުގައި ބޭނުންކޮށްފައި ވަނީ ދިވެހި ޅެމާއި ވާހަކައެވެ. ރޭގަނޑު ދެނަމާދު ދޭތެރެ ގެއިން ބޭރަށް ނުނިކުތުމާއި މައިންބަފައިންނަށް އިޙުތިރާމް ކުރަން ދަސްކޮށްދިނީ މި އަދަބިއްޔާތުގެ ތެރެއިންނެވެ. ކުދިން ނިންދަވަން ކިޔައިދީ އުޅުނު ހަޑިގިއްލާ ފަދަ ވާހަކަތަކުން ސާފުތާހިރުވާން ދަސްކޮށްދިނެވެ. އަދިވެސް މިފަދަ ވާހަކަތަކުން ތަރުބިއްޔަތުގެ އެތައް ސިފަތަކެއް ދަސްކޮށްދީފައިވެއެވެ. ދިވެހި އަދަބިއްޔާތުގެ ކުރީ ޒަމާނުގައި އޮތީ ވާހަކަ ކިޔައިދިނުމުގެ އަދަބެވެ. އޭގެ ތެރޭގައި އީޖާދީ އެތައް ވާހަކައެއް ހިމެނެއެވެ. ދިގު ވާހަކައާއި ކުރު ވާހަކައެވެ. މި ވާހަކަތައް ކިޔައިދިނުމުގައި ޑަބިޔާ ޖަހައި ފަރިހީގެ ޒަރިއްޔާއިންނާއި ރައިވަރުގެ ޒަރިއާއިން މުޖުތަމަޢަށް އެތައް އެތައް ވާހަކައެއް ފޯރުކޮށްދިފައިވެއެވެ.
އަދަބީގޮތުން ޖޯންރާ އަކީ ލިޔުންތެރިކަމާއި އަދަބީ އުސްލޫބުގެ ގޮތުން ތަފާތުކުރާ ތަފާތުތަކެވެ. އަދަބިގޮތުން ބައިކުރެވޭ ބައިކުރުންތަކެވެ. ޑރ. ރޯޝަނީ ދޯހަން ކޮށްފައިވާ ދިރާސާއެއްގައި ހާމަކުރައްވާ ގޮތުގައި ބަހެއްގައި އަދަބެއް އުފެދުނަސް އަދި ބަހުގެ ކޮންމެ ބާވަތެއްގެ ޖޯންރާއެއް އީޖާދު ކުޅަޔަސް އެއެއްޗެއްގައި އެ ޖަމާއަތެއްގެ ވެށި ނެތި ނުދާނެއެވެ. ވެށީގެ ކޮންމެވެސް ދިރުމެއް ލިޔުންތެރިޔާގެ ޚިޔާލުގައި ކުރަހައި ބަދަލުގެނެސް އާ އިޙުސާސްތަކެއް ފާޅުކުރަނީއެވެ. އެފަދަ އުފެއްދުމެއްގައި ވާނީ ކޮންމެވެސް އިންސާނެއްގެ ޙަޔާތުގެ ޞަފުޙާތަކެވެ. ވީމާ އަދަބު އުފެދެނީ އިންސާނާގެ ޙަޔާތާ ގުޅިގެންނެވެ. މިސާލަކަށް، ދުނިޔޭގެ މަޝްހޫރު ރޯމިޔޯ އެންޑް ޖޫލިއަޓް އަކީ އޭގައި ޙަޔާތެއް ފޮރުވައި ތިލަކޮށްފައިވާ ޚިޔާލުތަކެކެވެ. ސީރީން ފަރުހާދަކީ ވެސް އެފަދަ އުފެއްދުމެކެވެ. ބައެއް އަދަބަކީ ހަޔާތެއްގެ ކުރެހުން ނެތްނަމަވެސް ވަކި ފަރުދެއްގެ ޚިޔާލުގައި ކުރެހި ނުހިނގާ ނުފެނިދާ ޙަޔާތަކަށް ގެންނަ ދިރުމެކެވެ. 1986 ގައި ކިމް ޖޮން އިލް ކުރައްވާފައިވާ ދިރާސާއެއްގައި ހާމަކުރައްވާ ގޮތުގައި ކޮންމެ އަދަބީ އުފެއްދުމަކުން ދިރުން ފެނިގެން ދެއެވެ. ބައެއް އުފެއްދުމުން ދިރުން ފެނި ކިޔާ މީހާގެ އިހުސާސް ރޮއްވާލައެވެ. ހެއްވައެވެ. ނުވަތަ ގަބު ކޮށްލައެވެ. އެއީ އެ އީޖާދެއްގެ އަސަރުގައި ޙަޔާތް ކުރެހޭލެއް ބާރުގަދަކަމުންނެވެ.
ދިވެހިންގެ ދިވެހި ވެށި ދައްކުވައިދޭ ވާހަކަތަކާއި ޅެންތަކާއި ރައިވަރުތައް ވަރަށް ގިނައެވެ. މިސާލަކަށް ސައިކުރާ އިބްރާހީމް ނަޢީމުގެ ”ދިވެހި ދިދައިގެ އާދޭސް“ ކިޔައި ދޭހަކޮށްލުމުން ދިރުންނެތް އެއްޗެހީގެ ދުލުން ބުނެދޭނޭ އެތައް ވާހަކައެއް ޙަޔާތައް ގެނެސް އިންސާނުންގެ ފިކުރު ތިލަވާގޮތް ދެނެގަނެވޭނެއެވެ.