ލިޔުނީ: އަލްޔާ އަޙްމަދު އަރީފް، ގްރޭޑް 9

ދިވެހިރާއްޖެއަކީ، މާތް ﷲގެ ކުޅަދުންވަންތަކަމުން ދުނިޔޭގައި އުފެދިފައިވާ އެންމެ ރީތި، ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ކަނޑުގެ ރީތިކަމާއި ފަރުތަކުގެ ދިރުންތަކުން ފުރިފައިވާ މި ހިމޭން މާހައުލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ގެނެސްދޭ އަޖައިބު ކުރުވަނިވި ތަނެކެވެ. ރާއްޖޭގެ ތިމާވެއްޓަކީ ހަމައެކަނި ފަތުރުވެރިކަމަށް މުހިންމު އެއްޗެއް ނޫނެވެ. ބަޔޮޑައިވަރސިޓީގެ ގޮތުން، ކަނޑުގެ ދިރޭ އެއްޗެހިތަކާއި، ގަސްގަހާގެހި އަދި އެހެނިހެން ދިރުންތަކަށް މި ތިމާވެށި ބިންގާ އަޅައިދެއެވެ. އެހެންކަމުން، މި ތިމާވެށި ރައްކާތެރިކުރުމަކީ އަޅުގަނޑުމެންގެ މުސްތަޤުބަލާއި ދިރިއުޅުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ވަށާޖެހިފައިވަނީ ގުދުރަތީ ރީތިކަމާއި މުއްސަނދިކަމުންނެވެ. އެހެންނަމަވެސް، މި ރީތިކަމާއި މުއްސަނދިކަމަށް މިހާރު އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މި ގޮންޖެހުންތަކުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތަކެވެ. ކަނޑުގެ ސަތަޙަ އުފުލުމަކީ ރާއްޖޭގެ ކުދި ރަށްތަކާއި ދިރުންތަކަށް ވަރަށް އަސަރުކުރާ ކަންކަމެވެ. މީގެ އިތުރުން، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަތަކުގެ ސަބަބުން ކަނޑަށް ޖަމާވާ ކުނިތަކަކީ ވެސް ރާއްޖޭގެ ތިމާވެއްޓަށް ބޮޑު ނުރައްކަލެކެވެ. މި ކުނިތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުންވެ، ފަރުތައް ހަލާކުވެއެވެ.
މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ ކުޑަކުދިންނަށް ތިމާވެށީގެ މުހިންމުކަން ކިޔަވައިދީ، ގުދުރަތީ ވަޞީލަތްތައް ރައްކާތެރިކުރުމުގެ ރޫހު އެ ކުދިންގެ ހިތްތަކުގައި އަށަގަންނުވަންޖެހެއެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަކީ ވެސް ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ ވެސް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ކުރުގޮތަކަށް ދަންނަވާނަމަ، ދިވެހިރާއްޖޭގެ ތިމާވެއްޓަކީ އަޅުގަނޑުމެންގެ މުސްތަޤުބަލާއި، ދިރިއުޅުމުގެ ބިންގަލެވެ. މި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ޒިންމާއެކެވެ. މިއަދު އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކުން ވެސް ތިމާވެއްޓަށް އަސަރުކުރާނެކަން ހަނދާންކޮށް، އަންނަން އޮތް ޖީލުތަކަށް ރީތި، ސާފު، ތިމާވެއްޓެއް ދޫކޮށްލުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަމާތޯއެވެ!