ލިޔުނީ: އަހްމަދު އިނާޒް

ބަހަކީ މުވާސަލާތުކުރުމަށްޓަކައި އިންސާނުން ލިޔެގެން ނުވަތަ އަނގަބަހުން ބޭނުންކުރާ ލަފްޒުތަކުގެ ނިޒާމެކެވެ. (އިންގްލިސް ޑިކްޝަނަރީ ) އެގޮތުން ދިވެހިބަހަކީވެސް މިއީ މިފަދަ ނިޒާމެކެވެ. ވުމާއިއެކު ދިވެހިބަހަކީ، ދިވެހިންގެ އަމިއްލަވަންތަކަށް ދައްކުވައިދޭ، ފަޚުރުވެރި އަމިއްލަ ތަރިކައެވެ. ދިވެހިން ދިވެހިންނަށް ހަދައިދިން އެންމެއަގުހުރި ޖައުހަރެވެ. މިފަޚުރުވެރި ދިވެހިބަހުގެ ނިޒާމުވެސް ވަނީ ވުޖޫދުވުމަށްފަހު، ތަރައްޤީވަމުންގޮހެވެ.
ތާރީޚީ ދިރާސާތަކާއި ފެންނަންހުރި ބައެއްހެކިތަކަށްބަލާއިރު ދިވެހިންގެ ދަރިފަސްކޮޅު މީގެ 9000އަހަރު ކުރިއަށް ދާކަމަށްވެއެވެ. (ދިވެހިބަހާއި ތާރީޚަށް ޙިދުމަތްކުރާ މަރުކަޒު 1998މ) ވުމާއިއެކު ދިވެހިބަސް އުފެދިގެން އައީ ކަނޑައެޅިގެން މިވެނި ގޮތަކަށޭ، ބުނުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ކުރެވުނު ދިރާސާތަކުންވެސް ދިވެހިބަސް އުފެދުނީ ކިހިނެތްކަން އެނގޭމީހަކު އަދިއެއްނެތެވެ. އައްބާސް އިބްރާޙީމް(1998) ހާމަކުރައްވާ ގޮތުގައި، ބަހާބެހޭގޮތުން ހަދާފައިވާ ދިރާސާތަކުންނާއި ހޯދިފައިވާ ހޯދުންތަކުން އެނގޭގޮތުގައި ދިވެހިބަހަކީ އުމުރުން ވަރަށްދުވަސްވީ ބަހުގެ މޫތައް ވަރަށްގިނަ އެހެން ބަސްބަހާއި ގުޅިފައިވާބަހެކެވެ. ނަސީމާ މުޙައްމަދު(1998) ހާމަކުރައްވާ ގޮތުގައި ދިވެހި ބަހުގެ އަސްލަކީ ވަކި މިވެނި ބަހެކޭ ބުނެވޭ ވަރުގެ ދިރާސާއެއް ކުރެވިފައެއް ނެތެވެ. ނަމަވެސް އައްބާސް އިބްރާހިމާއި ނަސީމާ މުހައްމަދާއި(1998) ބަޔާންކުރައްވާ ގޮތުގައި ބަހާބެހޭ މާހިރުން ދިވެހިބަސް ހިމަނައިފައިވަނީ އިންޑޯ އާރިއަން (ސާންސްކުރިތު) ބަސްތަކުގެ ތެރޭގައެވެ. ދިވެހިބަހަށް އަސަރުފޯރުވާފައިވާ ބަސްތަކަށް ބަލާއިރު ދިވެހިބަސް ހިމެނިފައިވަނީ ޕްރޮޓޯ އިންޑޯ ޔޫރަޕިއަން ހިސާބުން އުފެދިގެންއައި އިންޑޯ އީރާނިއަން ގްރޫޕުން އުފެދުނު އިންޑޯ އާރިއަން ނުވަތަ ސާންސްކުރިތުގެ ހުޅަނގު، ހުޅަނގު ދެކުނު ބަސްތަކުގެ ގްރޫޕްގައެވެ. މިބައިގައި ހިމެނޭ ބަސްތަކުގެތެރޭގައި ދިވެހިބަސް، ސިންހަޅަބަސް، ގުޖުރާތީބަސް، މަރާޓީ އަދި ކޮންކަރީބަސްހިމެނެއެވެ.

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނާއި ބެހޭގޮތުން މުހައްމަދު އިބުރާހިމް ލުތުފީ(1987) ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި އެއްމެކުރިން ވަޒަންވެރިވީ ބަޔަކާމެދު ތަފާތު ޙިޔާލުތަކެއް ގެންގުޅެއެވެ. އެގޮތުން އެއްބަޔަކު އެއްމެފުރަތަމަ ވަޒަންވެރިވީ އާރިއަނުންކަމަށް ބުނަމުންދާއިރު އަނެއްބަޔަކު ބުނަނީ ފުރަތަމަ ވަޒަންވެރިވީ ސްރީލަންކާގެ މީހުންކަމަށެވެ. އަދި ފުރަތަމަ އައީ ޢަރަބިންނާ ފާރިސީންކަމުގައިވެސް އެއްބަޔަކު ބުނެއެވެ. ޖޯންސްޓޭންލީ ގާޑިނަރ(1899) ކުރެއްވި ސައިންޓިފިކް ތަހުލީލުތަކާއި ހަވާލާދެއްވައި ނަސީމާ މުޙައްމަދު(1998) ހާމަކުރައްވަނީ ދިވެހިރާއްޖޭގެ އަހުލުވެރިންގެ ނަސްލު ގުޅިފައިވަނީ އިންޑިޔާގެ ސަބުކޮންޓި ނެންޓާއި، އޮޅުދޫކަރައާއި، ޢަރަބިކަރަ، އެފްރިކާ އަދި އަސޭކަރައިގެ މީހުންނާ ކަމުގައެވެ. ދިވެހި ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުންނަކީ، މިބައިމީހުންކަމަށް ވާނަމަ، ދިވެހިރާއްޖޭގެ މީހުން ފުރަތަމަ ބޭނުންކުރި ބަހަކަށް ވާންޖެހޭނީ މި މީހުން ވާހަކަދައްކާއުޅުނު ބަހަށް ކަމުގައި ބުރަވެވިދާނެއެވެ.
ދިވެހި ބަހުގެ އަސްލާ ބެހޭގޮތުންތަފާތު ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ވަކި ކަނޑައެޅިގެން އެއްވެސް ކޮޅެއްމެދެއް ފެންނާކަށް ނެތެވެ. ބައެއް ބޭފުޅުން، ދިވެހިބަހުގެ އަސްލަކީ ސާންސްކްރިތު ބަސް ކަމުގައި ބުނަމުންދާއިރު، އަނެއްބައި ބޭފުޅުން ސިންގަޅަބަސް ކަމުގައި ވިދާޅުވުމެވެ. ހަމައެއާއެކު، މަދުބޭފުޅުންތަކެއް ޕާލީބަހާއި، އިންޑިކް ބަސް ކަމުގައިވެސް ވިދާޅުވާއިރު، އަނެއްބައި ބޭފުޅުން، ދިވެހި ބަހަކީ، އިންޑޯ ޔޫރަޕިއަން ގްރޫޕްގެ ބަހެއްކަމަށާއި، އިންޑޯ އީރޭނިއަން ގްރޫޕުގެ ބަހެއް ކަމަށާއި، އިންޑޯ އާރިޔަން ބަސްތަކުގެ ބަހެއްކަމަށާއި، ސިންގަޅަބަހެއްނޫން ކަމަށް ވިދާޅުވެއެވެ.
ކަންމިހެން ހުރިނަމަވެސް ދިވެހިބަހުގެ އަސްލާ ގުޅޭގޮތުން ވާހަކަދައްކާފައިވާ ގިނަ ބަހުގެޢިލްމުވެރިންގެ ނަޛަރުގައި، ދިވެހިބަހަކީ ސާންސްކުރިތުބަހުން އުފެދިފައިވާ ބަހެކެވެ. މިކަމަށް އިޝާރާތްކޮށް، ޙުސައިން ރަޝީދު އަޙުމަދު(1995) ވިދާޅުވާގޮތުގައި، ދިވެހިބަހަކީ ޢާރީބަހުގެ ގޮފިތަކުގެ ތެރެއިން ސާންސްކުރިތުބަހުގެ ގޮތްޕެއް ކަމުގައި ބުނެވިދާނެއެވެ. ސަބަބަކީ މިހާރު ހިންދު ކަރައާއި އިންޑިޔާ ކަނޑުގައި، ހިމެނިފައިވާ ރަށްތަކުގެ މީހުން ވާހަކަދައްކާ އުޅެނީ ސާންސްކުރިތުބަހުން އުފެދިފައިވާ ބަސްތަކުންކަމަށްވާތީއެވެ. ހަމައެއާއެކު، މުޙައްމަދު އަމީނު(1368ހ.) އޭނާގެ ފޮތް ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާގައި، ބަޔާންކުރައްވާފައިވާ ގޮތުގައި،“ދިވެހިބަހުގެ އަސްލަކީ ސާންސްކުރިތު ބަހާއި ޕާލީބަހެވެ“. ހަމައެއާއެކު،މިކަމަށް ތާޢީދުކޮށްފައިވާ ރާއްޖެއިން ބޭރުގެ ސައްޔާޙުންގެ ތެރޭގައި، ސޮންޖާ ޕްރިޓްޒްއާއި، ފްރެންސިސް ޕިރާޑު ޑިލާވަރު(1570)އާއި، އެމް ޑަބްލިޔު ސުގަތަޕާލާ ޑިސިލްވަރ ހިމެނެއެވެ. އެހެންކަމުން، ބަހުގެ ޢިލްމުވެރިންގެ ދިރާސާތަކުގެ މައްޗަށްބަލައި، ދިވެހިބަހުގެ އަސްލަކީ، ސާންސްކުރިތުބަސްކަމަށް ބުނެވިދާނެއެވެ.
ހަމަމިފަދައިން ދިވެބަހުގެ ދިރާސާ ހައްދަވައި ބޭފުޅުން ވިދާޅުވާގޮތުގައި ދިވެހިބަހާއި ސިންހަޅަބަސް އުފެދުނީ ”ޕްރޮޓޯ ދިވެހި-ސިންހަޅަ“ ޕްރާކިރިތުންނެވެ. ހަސަން އަހުމަދު މަނިކު(1987) ހާމަކުރައްވާ ގޮތުގައި މީލާދީ ސަނަތުން 500ވަރަކަށް އަހަރުކުރިން މިބަހުން ވާހަކަދައްކާ ބަޔަކު ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ދިޔަކަމަށް ބުނެވެއެވެ. މިގޮތުން މިބަސް މިދެގައުމުގައި ތަރައްޤީވަމުން އައިސް ދިވެހިރާއްޖޭގައި ބޭނުންކުރެވުނު އުސޫލުގެ ބަހަށް ދިވެހިބަސް ކިޔާފައި ވަނީއެވެ. އެގޮތުން ދިވެހިބަސް އުފެދި ތަރައްޤީވެ މިހާރުމިއޮތް ހިސާބަށް އައުމަށް ވަރަށްގިނަ ސަބަބުތައް މެދުވެރިވެފައިވެއެވެ.
މީގެއެތައް އަހަރެއްކުރިން މެދުތެރޭ އަދި އުތުރުއިރުމަތީ އިންޑިޔާގެ މީހުން ރާއްޖެ ޒިޔާރަތްކޮށް އުޅުމުގައި އެމީހުންގެ ބަހުގެ އަސަރު ދިވެހިބަހަށް ފޯރިއެވެ. އެމީހުން ބުޑިސްޓު ދީނުގެބަހާއި އެބައިމީހުންގެ އަކުރުވެސްގެނައެވެ. އިހުޒަމާނުގައި ބުޑިސްޓު ޔުނިވާސިޓީއެއް ކަމުގައިވާ[ނާލަންދާ]ގައި ބޭނުންކުރި [ޕްރޯޓޯ ނާގަރީ] އަކުރުގެ އަސަރު ދިވެހިރާއްޖޭގެ ލިޔުންތަކުން ފެނިފައިވާކަމީ، މީގެ އެއްހެއްކެވެ. ހަމައެއާއެކު ރާއްޖެ އިސްލާމްވުމަށްފަހުގައި ލޯމާފާނުން ވެސް މިއަކުރުގެ އަސަރު ފެނިފައިވާކަން ފާހަގަ ކުރެވެއެވެ. ރާއްޖޭގައި ބުޑިސްޓުދީން އޮތުމާއެކު ރާއްޖޭގައި ލިޔަންކިޔަން ދަސްކޮށްދިނުމުގެ ހަރަކާތްތަކުގައި ބުޑިސްޓުންގެ އެދުރުން ބައިވެރިވިކަމަށްވުމަކީ، ޤަބޫލުކުރެވޭ ކަމެކެވެ. އެހެންކަމުން، ބުޑިސްޓުން ނާލަންދާގައި ބޭނުންކޮށްފައިވާ އަކުރުގެ ނުފޫޒުވެސް ދިވެހިބަހަށް ކޮށްފައިވެއެވެ.
މީލާދީން 10ވަނަ ޤަރުނާއި 12ވަނަ ޤަރުނާ ދޭތެރޭގައި ހިނގި ސިޔާސީ ހެލުންގަނޑެއްގެ ތެރެއިން ރާއްޖެއަށް ސިންގަޅައިން އައި އައުމުގެ ތެރޭގައި ސިންގަޅަބަހުގެ ނުފޫޒު ދިވެހިބަހުގެ ތެރެއަށް ވަދެފައި ވާކަމަށް ބެލެވެއެވެ. ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކުން ސިލޯނު މީހުންނަށް ކިޔާ އުޅޭ ނަންތަކާ ދާދި ގާތްކުރާ ނަންތައް ހުރުމުން އެބައިމީހުން ވެސް ދިވެހިރާއްޖެއަށް އައިސް އެމީހުންގެ ބަހުގެ ނުފޫޒުވެސް ދިވެހިބަހުގެ ތެރެއަށް ވަދެފައި ވާނެކަމަށް ބެލެވެއެވެ. ބަންގާޅާ ރާއްޖެއާ ދެމެދުއޮތް ވިޔަފާރީގެ ގުޅުމުގެ ތެރެއިން ބަންގާޅުބަހުގެ އަސަރުވެސް ދިވެހިބަހުގެ ތެރެއަށް ވަދެފައި ވާކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު މެލޭޝިޔާގެ މީހުން ގެންގުޅުނު ބަހުގެ ރަހައާއި، ދިވެހިރާއްޖެ އިސްލާމްވުމަށްފަހު، މީލާދީން 12ވަނަ ޤަރުނުގެ ތެރޭގައި ފާރިސީބަހުގެ އަސަރުވެސް ދިވެހިބަހުގެ ތެރެއަށް ވަދެފައި ވާކަން ފާހަގަކުރެވެއެވެ. 16ވަނަ ޤަރުނުގައި ޕޯޗުގީޒުބަހުގެ ނުފޫޒު ދިވެހިބަހުގެ ތެރެއަށް ވަދެފައި ވާއިރު، 17ވަނަ ޤަރުނާއި 20ވަނަ ޤަރުނާ ދޭތެރޭ އުރުދޫބަހުގެ އަސަރާއި، އިނގިރޭސިބަހުގެ އަސަރު ވެސް ދިވެހިބަހުގެ ތެރެއަށް ވަދެފައިވާކަން ފާހަގަ ކުރެވެއެވެ.
ވިޔަފާރިއާއި އެހެންވެސް މުހުތާދު ތަކުގައި އަންނަ ދަތުރުވެރިންގެ މަންޒިލަކަށް ދިވެހިރާއްޖެވުމީ، އިހު ދިވެހިބަސް އޮތްގޮތަށް ދިރުންލިބި ކުރިއެރުމަށް ދިމާވި ސަބަބަކަށެވެ. މީގެއިތުން ދުނިޔޭގެ އަނިޔާވެރި ބާރުތަކުން ހިމާޔަތްލިބުމަށް ކުރެވިފައިވާ އެއްބަސްވުންތަކާއި، އެގައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮތްގާތް ގުޅުމާއި، މިގައުމަށްލިބޭ ބޭރުގެ އެހީތަކާއި ކުރެވޭ ވިޔަފާރިއާއި، ބިދޭސީން ޒިޔާރާތްކުރުން އަދި ހިޖުރަކުރުމުގެ އިތުރުން ތަފާތު މީޑިޔާތަކުގެ ނުފޫޒުން ބަހަށްކުރި އަސަރާއި، ދުނިޔެ ބަނަވަ ވަމުންދާ ދިއުމުގައި ބަހަށްކުރި އަސަރަކީ ބޭރުބަސްބަހުގެ ކުލަ ދިވެހިބަހުގައިޖެހި ދިވެހިބަސް ކުރިއެރުމަށް މެދުވެރިވި ސަބަބުތަކެވެ. މިދެންނެވި ގޮތްގޮތުންނާއި، ބޭރުކަރަތަކުން އިލްމު އުނގެނި ރާއްޖެއަށް އެއިލްމު އާއްމުކުރުމުގެ ތެރެއިން ބަސް ތަރައްޤީވެ ދިޔަކުގައި ބެލެވެއެވެ.