ލިޔުނީ: އަޙްމަދު އިނާޒް

ދުނިޔޭގެ އެއްވެސް އަދަބެއްގައި އަދަބިއްޔާތު ފެށުނީ މިވެނި އެވެނި ސަބަބަކާ ހުރެކަމަށް ބުނެ ނިންމައިފައި ނެތެވެ. ނަމަވެސް ދުނިޔޭގެ އިރުމަތިން އަދި ހުޅަނގުންވެސް އެމީހުންގެ އެކި އެކި ޙާދިސާތައް ފަރުމާވެ އުފެދުމުގައި މުނިފޫހި ފިލުވަން އަދަބީ ޚިޔާލުތައް އުފަންވެފައިވާކަމަށް ލިޔެފައިވެއެވެ. އެނގޭކަމަކީ އިންސާނާގެ ޙަޔާތުގައި ދިމާވާހާކަމެއްގައި ދިމާވާހާ ކުރިމަތިލުމެއްގައި ލޯތްބާއި ކުލުނު އެކުލެވި، ޝައުޤާއި ޖަދަލު އުފަންވުމާއެކު ބަސްމަގަށް އޭގެ އަސަރުކޮށް އެމަގަށް ފަރުމާކުރެވޭކަމެވެ. ދިވެހި އަދަބުގައިވެސް ހުރީ މި ގޮތެވެ. މި އަސަރެވެ. އަދަބަކީ އިހުސާސެއްގެ ނަތީޖާއެވެ. އިންސާނާގެ ގުޅުމާއި ގުޅުންތަކުގެ އަސަރެކެވެ. އެހެންކަމުން އިމާރާތެއް އަޅައިވަކި ބޭނުމަކަށް އެތަނަށް ނަންކިޔައި ހުޅުވާ ފަދައިން އައި އެއްޗެއްކަމުގައި އަދަބިއްޔާތު ނުވެއެވެ. ހުޅަނގުގެ އަދަބީ ލިޔުންތެރިކަމުގައިވާ ޑޭވިޑް ޑެމްރޮޝް (2011ގައި ނެރުއްވި އަދަބީ ފޮތެއްގައި) ލިޔެފައިވެއެވެ.
ޢަރަބި އަދަބުގައި އަދަބީ ލިޔުންތެރިކަމާއި އަސަރު އުފެދުނީ ތުންތުންމަތިން ކިޔައިދެމުން ދިޔަ ވާހަކަތަކުގެ ބޭނުން ޖެހުނު ޒަމާނުގައި ކަމުގައި ލިޔުންތެރިން ލިޔެފައިވެއެވެ. 2000 ވަނަ އަހަރު ލަންޑަންގެ ރޯގަން އެލަން ކިޔާ މީހަކު،ޢަރަބި ބަހުގެ އަދަބިއްޔާތު ދިރާސާކުރައްވައި ލިޔުއްވައިފައިވާގޮތުގައި ޢަރަބީންގެ ތެރޭގައި އެންމެ އެވޭލާއިރުވެސް ތުންތުންމަތިން ވާހަކަ ކިޔުމާއި ޅެން ކިޔުން އޮވެއެވެ.އިނގިރޭސީބަހަކީ މާ ދުރު ނުވިޔަސް ވަރަށް ޒަމާންވީ ބަހެކެވެ. އެތައް މިލިޔަން ބަޔަކު ވާހަކަދައްކައި ލިޔެ އުޅޭ އަދަބީ އުފެއްދުން ގިނަ ބަހެކެވެ. މި ޒަމާނުގެ އިނގިރޭސީބަސް މީލާދީ ސަނަތުން 1400 އަށްވުރެ ޒަމާންވިކަމުގައިވިޔަސް އޭގެ ކުރީގައިވެސް ގްރީކްގެ އަދަބުން މި ޒަމާނުގެ އިނގިރޭސީ އަދަބު ފެންނަކަމުގައި ރޮބަޓް ހަންޓިންޓަން 2009 ގައި ބަޔާންކޮށްފައިވެއެވެ. އަދި 2002 ގައި އޭނާ ނެރެފައިވާ ”އިނގިރޭސީ އަދަބުގެ ތާރީޚު“ ކިޔައިފައި އޮތް ފޮތުގައިވެސް އިނގިރޭސީ ބަހުގެ އަދަބީ އަސަރު ދިރިގެން އައިސްފައިވަނީ ގްރީކްގެއަދަބީ އުސްލޫބުގެތެރެއިންކަމުގައި ބަޔާންކޮށްފައިވެއެވެ.

މުޅި ދުނިޔޭގައިވެސް ފާރިސީ އަދަބު، ފާރިސީ ބަސް މަޝްހޫރުވެގެންގޮސްފައިވެއެވެ. ބަސް ފެތުރި ބައިބައިވެ އުފެދި ވަކި ބަހަކަށްވިޔަސް އެ ބަހެއްގެ އަސްލުން ފާރިސީ އަސަރު ފިލައި ނުދެއެވެ. އުރުދޫ ބަހަކީ މިފަދަ އަސަރު ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ބަހެވެ. ހިންދީގައިވެސް މިއަސަރު ނެތެކޭ ނޫނެވެ. އަދަބިއްޔާތު ފެށިގެންއައީ މިފަދަ ގޮތަކަށް ޅެންތަކާއި ވަޒަންބަހުރުވައިގެ ބާވަތްތަކާއި ޒަމާނާއި ގުޅިގެން އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރިވުމުގެ ނިޝާނެއްގެ ގޮތުންނެވެ.