ލިޔުނީ: މަރްޔަމް މާއިން މުޙައްމަދު، ގްރޭޑް 8

ދިވެހިރާއްޖެއަކީ އަމިއްލަ ބަހެއް ލިބުމުގެ ނަސީބު ލިބިފައިވާ މަދު ގައުމުތަކެއްގެ ތެރެއިން ގައުމެކެވެ. އެގޮތުން އަމިއްލަ މާދަރީ ބަހެއް ލިބުމަކީ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވެރިވާން ޖެހޭ ކަމެކެވެ. ނަމަވެސް ޒަމާން ބަދަލުވަމުން އައިސް މިހާރު ދިވެހިބަސް ވަނީ ނެތި ފަނާވެގެންދިއުމުގެ މަގުމަތީގައެވެ. އަދުގެ ހާލަތަށް ބަލާއިރު ދިވެހިބަސް ދިރުވާ އާލާކުރުން އެހާމެ މުހިންމުވެފައިވާއިރު މިކަން ކުރާނެ ގޮތުގެ ބައެއް އިރުޝާދު މިލިޔުމުގައި ދޭނަމެވެ.
ދިވެހިބަސް ދިރުވާ އާލާކުރުމަށްޓަކައި ގިނަގިނައިން ދިވެހި ބަހުން މުޢާމަލާތް ކުރާށެވެ. ދުވަހީ ދިރިއުޅުމުގައި އާންމުކޮށް ވާހަކަ ދައްކާ އުޅޭއިރު ދިވެހި ބަހުން ވާހަކަ ދައްކާށެވެ. އަދި ދިވެހި ބަހުން މުޢާމަލާތް ކުރަމުން ދާއިރު އިނގިރޭސި ބަހާއި ދިވެހި ބަސް މަސްހުނިކޮށްގެން ވާހަކަ ނުދައްކާށެވެ. އަދި މަދަރުސާގެ ކޮންމެހެން އިނގިރޭސިން ވާހަކަ ދައްކަން ޖެހޭ ކިލާސްތައް ފަދަ ހާލަތްތައް ފިޔަވާ އެހެން ހާލަތްތަކުގައި ދިވެހިން ވާހަކަ ދައްކާށެވެ. އޭރުން ދިވެހި ބަހުން ވާހަކަ ދެއްކުން އާންމުވާނެއެވެ. އެހެންކަމުން ދިވެހިބަސް ދިރުވާ އާލާ ކުރުމަށްޓަކައި ގިނަގިނައިން ދިވެހި ބަހުން މުއާމަލާތު ކުރާށެވެ. އޭރުން ދިވެހިބަހުން ވާހަކަދެއްކުން ގިނަވެ ދިވެހިބަސް ކުރި އަރާނެއެވެ.
ދިވެހިބަސް ދިރުވާ އާލާ ކުރުމަށްޓަކައި ދިވެހިބަސް ލިޔެ ކިޔާށެވެ. ސްކޫލުން ކުރިއަށް ގެންދާ ލިޔުންތެރިކަމުގެ މުބާރާތްތަކުގައި ބައިވެރިވާށެވެ. އަދި ސްކޫލުން ނެރޭ މަޖައްލާއަށްވެސް މަޒުމޫނާއި ވާހަކަ ފަދަ އިލްމީ އަދި އަދަބީ ލިޔުންތައް ލިޔާށެވެ. އޭރުން އެހެން ކުދިންވެސް ތިބާގެ ލިޔުންތައް ކިޔާ ދިވެހި ލިޔުންތައް ލިޔަން ޝައުގުވެރިކަން އުފެދޭނެއެވެ. މީގެ އިތުރުން ދިވެހި ލިޔުންތަކާއި ފޮތްތައް ކިޔުމުގެ އާދަ ނަފްސުގައި އަށަގަންނުވާށެވެ. އަދި ސްކޫލުގެ ލައިބރަރީއިން ލިބެން ހުރި ފޮތްތައްވެސް ކިޔުމަށް އާދަކުރާށެވެ. އެހެންކަމުން ދިވެހިބަސް ކުރިއެރުވުމަށްޓަކައި ގިނަގިނައިން ދިވެހިބަސް ލިޔެ ކިޔާށެވެ. އޭރުން ދިވެހި ލިޔުންތެރިކަމާއި ކިޔުންތެރިކަން ކުރިއަރައިގެންދާނެއެވެ.
ދިވެހިބަސް ދިރުވާ އާލާ ކުރުމަށްޓަކައި ދިވެހިބަހާ ގުޅޭގޮތުން މައުލޫމާތުގެ ހަޒާނާ މުއްސަނދި ކުރާށެވެ. މިހާރަކަށް އައިސް ބޭނުން ނުކުރާ އަދި ނެތެމުންދާ ދިވެހި ބަސްތަކާއި އެބަސްތަކުގެ މާނަ ދަސްކުރާށެވެ. އަދި އެބަސްތައް އާންމު ދިރިއުޅުމުގައި ބޭނުން ކުރާށެވެ. މީގެ އިތުރުން އަދަބީ ބަސްތަކާއި މަޖާޒުތައް ފަދަ އާ އެއްޗެހި ދަސްކުރާށެވެ. އަދި ހަމައެހެންމެ އުމުރުން ދުވަސްވީ މީހުން ގާތުން އަހައިގެން އަދި ފޮތްތަތްފަދަ ވަސީލަތްތަކުގެ އެހީގައި ދިރާސާކޮށް ދިވެހިބަހާއި ގުޅޭ އާ މައުލޫމާތު ދަސްކޮށް އެހެންމީހުންނަށް ފޯރުކުރާށެވެ. އެހެންކަމުން ދިވެހިބަސް ދިރުވާ އާލާ ކުރުމަށްޓަކައި ދިވެހިބަހާ ގުޅޭ އާ މައުލޫމާތު ދިރާސާކުރާށެވެ. އޭރުން ދިވެހިބަހާއި ގުޅުންހުރި ނެތެމުންދާ މައުލޫމާތު އަލުން ދިރުވާ އާންމުކުރެވޭނެއެވެ.
ދިވެހިބަސް ދިރުވާ އާލާކުރުމަށްޓަކައި މުހިންމު އިރުޝާދުތަކަށް އަމަލުކުރާށެވެ. އެގޮތުން ގިނަގިނައިން ދިވެހިބަހުން މުއާމަލާތް ކުރާށެވެ. އަދި ދިވެހިބަހުން ގިނަގިނައިން ލިޔެ ކިޔާށެވެ. އަދި މީގެ އިތުރުން ދިވެހިބަހާ ގުޅޭ އާ މައުލޫމާތު ދިރާސާ ކުރާށެވެ. އެހެންކަމުން މި ކަންކަމަށް ސަމާލުކަން ދިނުމުން ދިވެހިބަސް ދިރުވި އާލާ ކުރެވޭނެއެވެ.