ލިޔުނީ: އިސްމާޢީލް ނަސީރު، ނޫރާނީގެ، ރ.ވާދޫ

އުޅަނދެއް ދުއްވުމަށް ހަކަތަބޭނުންވެއެވެ. އެއުޅަދެއްގެ މިސްރާބު ހިފެހެއްޓުމަށް ހުންގާނު ބޭނުންވެއެވެ. ހަމަ އެހެންމެ، އެ އުޅަނދުގެ މިސްރާބު ހިފެހެއްޓުމަށް މައުލޫމާތާއި، ހުނަރު އަދި އެޓިޓިއުޓް ހުރި މާލިމީއެއްވެސް ބޭނުންވެއެވެ. ކޮންމެ އުޅަނދަކީވެސް އެތައްފަޅުވެރިންނެއް އޭގައިހިމެނޭއުޅަދަކަށްވުމުން އުޅަނދުގެފަޅުވެރިންގެމިސްރާބު އެއްވިސްނުމެއްގައި ހިފެހެއްޓުމަށް އިރުޝަދުދެވޭފަދަ މީހަކަށްމާލިމީވާންވާނެއެވެ. ދަންނަވަންމިއުޅެނީ ލީޑަރޝިޕްގެ ވާހަކައެވެ. އާއިލާއެއް ބެލެހެއްޓުމަށް ނުވަތަ މުޖުތަމައުއެއް އަމާކަންމަތީބޭއްވުމަށް ހަރުދަނާ ލީޑަރޝިޕެއްބޭނުންވާނެ ކަމާއި، އެލީޑަރޝިޕެއްގެކިބައިގައި ޚާއްސަ ސިފަތަކެއް ހުންންނަޖެހޭނެ ވާހަކައެވެ. މުއައްސަސާއެއް އޭގެ ހަގީގީމާނައިގައި ހިންގުމަށް ދުރަށްވިސްނާ އަމާޒު ކަނޑައަޅާ، އިރުޝާދާއިއެކު ނަމޫނާ ދައްކާ އަދި ޖަޒުބާތުގެ ތޫނުފިކަން ހުންނަ ލީޑަރުން ތިބުމަކީ ނަތީޖާ ހާސިލްކުރެވިގެންދާނެކަމެކެވެ.
ލީޑަރޝިޕު މިމައުލޫއަކީ ފުޅާ މަޢުޟޫއަކަށް ވާއިރު، އެކި އެކި ފަލްސަފާވެރިން، މިޒަމާނުގެ ލިޔުންތެރިން އަދި ލީޑަރޝިޕްކޯޗުން ލީޑަރޝިޕް މާނަކުރާގޮތް ބަލާލުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ.
މަޝްހޫރު ފަލްސަފާވެރިޔާ ޕްލޭޓޯ ދެކިލައްވާގޮތުގައި ހަރުދަނާ ލީޑަރުންނަންނަކީ އެމީހުންގެ ތަނަވަސްކަމާއި، ނުފޫޒާ ބާރުގެ ތެރެއިން ކަންކަންހާސިލްކުރާބެއް ނޫނެވެ. އެމީހުންނަކީ ޢިލްމަށް ލޯބިކުރާ ހައްގުތެދު ގަބޫލުކޮށް ހަމަހަމަކަން އެމީހުންގެ ލިޑަރޝިޕުންދައްކާމީހުންނެވެ. އަދި އެމީހުންނަކީ ދުރުވިސްނުންތަކުގެ މައްޗަށް ގޮތްނިންމާ މީހުންނެވެ. އިންސާފުވެރިކަމަށް ލޯބިކުރާ އެހެންމީހުނަށް މަގުދައްކައިދޭބައެކެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ، ހަގީގީ ލީޑަރުންނަކީ އެމީހުންގެ ޢިލްމާއި އިންސާފުވެރިކަމުގެ މައްޗަށް އެހެން އިންސާނުންނަށް މަގުދައްކާ ޚިދުމަތްކުރާ މީހާއެވެ. ބާރާއި، ބިރުދެއްކުމާއި ނުފޫޒުގެމަތީގައި ހިނގާމީހާއެއް ނޫނެވެ. މި ވިސްނުމުން ބަލާއިރު ޢިލްމާއި، ހުނަރާއި ލީޑަރުންގެ އެޓިޓިއުޑުގެ ސިފަތަކަށް ބަލައިގެން ލީޑަރޝިޕް އެކުލަވާލުމަކީ ހަރުދަނާ ހިންގުންތެރިކަމަކަށް ޖާގަލިބިގެންދާނެ ކަމެކެވެ. އަދި ހިންގުމަށް އެކުލަވާ ލެވޭ އިންސާނީ ވަސީލަތާއި، އެހެނިހެންވަސީލަތައްކުރާ ޚަރަދުގެ ނަތީޖާ ރަނގަޅުގޮތުގައި ފެނިގެންދާނެ ކަމެކެވެ.
ފަލްސަފާވެރިޔާ އެރިސްޓޯޓަލް ދެކެލައްވާގޮތުގައި ލީޑަރުންނަކީ؛ އެހެންމީހުންނަށް މަގުދައްކާ، ބުއްދީގެ ހަމަތަކުން ވިސްނައިދީގެން އަދި ރަނގަޅަށް މުއާސަލާތުކޮށްގެން ކަންކަން ތަންފީޒުކުރާ މީހާއެވެ. ބާރާއި ނުފޫޒުން ކަންކުރާމީހާއެއް ނޫނެވެ. އަދި ހަގީގީ ލީޑަރުންގެ ކިބައިގާ ތެދުވެރިކަމާއި، ދެމިހުރުމުގެ ހިތްވަރާ، ހަމަހަމަކަމާއި، އެހެންމީހުންގެ މައްޗަށް އޯގާތެރިކަން އޮންނަންވާނެއެވެ. އަދި ލީޑަރުންވާންވާނީ ނަމޫނާދައްކާ ބަޔަކަށެވެ. އެހެންމީހުން އެމީހެއްގެ ކިބައިން ރަނގަޅުސިފަތައް ދެނަގަންނަ ބަޔަކަށެވެ. އަދި އެމީހުން އެސިފަތަކުން ސިފަ ލިބިގަންނަބަޔަކަށެވެ. މި ނަޒަރުން ބަލާއިރު ލީޑަރޝިޕް ހުނަރުތަކުގެ ތެރޭގައި ކްރިޓިކަލް ވިސްނުމާއި، ކޮމިއުނިކޭޝަން ސްކިލްސް އާއި، ޑައިރެކްޓިވް ނުވަތަ އިރުޝާދު ދިނުމުގެ ހުނަރު ހުންނަންޖެހެއެވެ. އެހެންކަމުން، ލީޑަރޝިޕަކީ މަގާމެއް ނުވަތަ ޓައިޓަލް އެއް ނޫނެވެ. އެއީ ޚާއްސަ ސިފަތަކަކާއި ހުނަރުތަކެއްގެ މައްޗަށް ހިމެނިގެންދާކަމެކެވެ. މިޒަމާނުގައި ގިނަ އިންސްޓިޓިއުޝަންތައް ފެއިލްވުމުގެ އެއްމެ ބޮޑު އެއްސަބަބަކީ ލީޑަރޝިޕް ސްކިލްސްތަކަށް ނުބަލާ މަސްއޫލިއްޔަތު ހަވާލުކުރެވުމެވެ.
އެމެރިކާގެ އޯގަނައިޒޭޝަނަލް ކޮންސަލްޓެންޓް އަދި ލިޔުންތެރިޔާ ވޮރަންބެނިސް ((Warren Bennis ހާމަކުރައްވާގޮތުގައި، ލީޑަރޝިޕަކީ؛ މުއްސަނދި ޚިޔާލުތަކެއްގެ މައްޗަށްވަރުގަދަ އަމާޒެއް ކަނޑައެޅިގެންދާކަމެކެވެ. ކުރިމަގުގައި ޙާސިލްކުރަން ބޭނުންވާ ލަނޑު ދަނޑިތައް ކަނޑައެޅޭކަމަކަމެކެވެ. އެކަންކަމަށް ޕްލޭންހެދި އަދި ޢަމަލީ ފިޔަވަޅުތައްއެޅި ދެކޭހުވަފެންތައް ހަގީގަތަކަށް ހެދެންވާނެ ކަމެއްވެސް މެއެވެ. އެގޮތުން، މީހުން ޝައުގުވެރިކުރުވުމާއި، އެއްމިސްރާބަކަށް އެހެންމީހުންގެ ވިސްނުން ގެނައުމަކީ ވަރަށް ލީދަރުންގެ ހުންނަންވާނެ ވަރަށް މުހިއްމު ސިފަ އެކެވެ. މި ވިސްނުމުން ބަލާއިރު، ޕްލޭންނިން ސްކިލްސް އާއި، ވިޝަން އުފެއްދުމުގެ ހުނަރު މަތީހަރުފަތަތަކުގައި މަސައްކަތްކުރާ ލީޑަރުންގެ ހުންނަންޖެހެއެވެ. މިފަދަ ހުނަރުތައް ހުންނާނީ އިލްމުހުރި،އަދި ޢިލްމަށްލޯބިކުރާ، ދިރާސާކުރާ، ދުނިޔޭގެ ތަޖުރިބާހޯދާ ދުރައްވިސްނާ އަދި ކަމުގެ ޝައުގު ހުންނަމީހުންގެ ކިބައިގައެވެ.
މިޒަމާނުގެ މެނޭޖުމެންޓުގެ ބައްޕަ، ޕީޓަރ ޑްރަކަރ ( Peter Drucker ) ދެކެލައްވާގޮތުގައި ލީޑަރޝިޕަކީ؛ ގޮތްނިންމުމުގައި ފުރިހަމައަށް ޒިންމާނެގުމެވެ. އެ ނިންމާ ގޮތެއްގެމައްޗަށް އެހެންމީހުންނަށް ކޮށްފާނެ ނޭދެވޭ އަސަރު ދެނެގަތުމެވެ. އެހެންމީހުން ބަދުނާމުނުކުރުމެވެ. އެހެންމީހުން ތިމާބަލައިގަންނަ ނުވަތަ ފޮލޯކުރާމީހަކަށްވުމެވެ. އަދި މަގާމު ހިފަހައްޓައިގެން ހުންނަ މީހެއްގެ ބަދަލުގައި، މައްސަލަ ހައްލުކުރުމާއިއެކު ނަތީޖާ ޙާސިލްކުރާމީހަކަށްވުމެވެ. ހަމައެހެންމެ، ލީޑަރު އެހެންމީހުންނާއިމެދު ދަމަހައްޓާ އިތުބާރާއި، ދައްކާ ގާބިލިއްޔަތާއި ތެދުވެރިކަމުގެ ސަބަބުން އެސިފަތަކުގެ މައްޗަށް އެހެންމީހުން ލެނބި އެގޮތަށް އެހެންމީހުން ހާނުވާ މީހާއެވެ. މި ނަޒަރިއްޔާތުން ބަލާއިރު، އެކުގައި މަސައްކަތްކުރާ އެހެންމީހުންގެ ހުނަރުތަކާއި، ކޯޕިން ސްކިލްސް ހުންނަ މިންވަރު ދެނެގަންނަންވާނެއެވެ. ނުވަތަ އެހެންމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ދެނެގަނެވޭ ފެންވަރުގެ މީހަކަށް ލީޑަރުން ވާންވާނެއެވެ.
މައިކޮރޯސޮފްޓްގެ ބާނީ ބިލްގޭޓުސް ( Bill Gates ) ހާމަކުރައްވާގޮތުގައި ލީޑަރޝިޕަކީ އެހެންމީހުން ބާރުވެރިކުރުވާމީހާއެވެ. އެމީހުންގެ ޖުމްލަ ގާބިލްކަން ނެރެގެން މަސައްކަތްކުރެވޭނެ މާހައުލެއް މުއައްސަސާގައި އުފައްދާ މީހާއެވެ. އެފަދަ މީހާ އެހެންމީހުންނަށް ކުރިއަރާ ދިއުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެއެވެ. ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެއެވެ. އެހެންމީހުންގެ ކާމިޔާބީއަށްޓަކައި އެމީހުންގެ ކިބައިގާ ނަފްސަށްކުރާއިތުބާރު އުފައްދާނެއެވެ. ކާމިޔާބީއާ ހަމައަށް ދިއުމަށް އެކަކަށްވުރެ ޓީމު އިސްކުރުރާނެއެވެ. އުފެއްދުންތެރިކަމާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި އުނގެނުމަށް ހިތްވަރު ދޭނެއެވެ. އެހެހެންކަމުން، ލީޑަރުން ވާންވާނީ ކޯޕިންގް ނުވަތަ ކެތްތެރިކަމުގެ ހުނަރު ހުންނަ އިންސްޓްރަކްޝަނަލް ލީޑަރުންނަށެވެ.
މަޝްހޫރު ލިޔުންތެރިޔާ އަދި ސެވަން ހެބިޓްސް އޮފް ހައިލީ އިފެކްޓވް ޕީޕަލް، މިފޮތުގެމުސައްނިފު ސްޓެފަން އާރ ކޯވޭ ( Stephen R. Covey ) ހާމަކުރައްވާގޮތުގައި ލީޑަރޝިޕަކީ؛ އެމީހަކަށް އެމީހެއްގެ ޓެލެންޓާއި، ގާބިލްކަން އެމީހަކަށް ސިފަވުމުގެ ކުރިން ހަގީގީލީޑަރު އެކަން ދެނެގަންނާނެއެވެ. ހަމަ އެހެންމެ އިތުބާރާ ޔަގީންކަމާއިއެކު ސާފުބަހުން މުއާމަލާތްކުރާމީހާއެވެ. ހަރުދަނާ އަގީދާއެއްގެ މަތީގައި މަތީހަރުފަތަކަށް އެހެންމީހުން ގެންދިއުމަށްއެހެންމީހުންޝައުގުވެރިކުރުވާމީހާއެވެ. އަދި އެހެންމީހުންގެ ހަރުދަނާ ސިފަތައްދެނެގަނެ މަސައްކަތުގެ މާޙައުލުގައި އެމީހުން ބާރުވެރިކުރުވާ މީހާއެވެ. މިގޮތުން، ކޮންމެ މީހެއްގެހުންނަ ސިފައާއި، ހުނަރާއި މަޢުލޫމާތުގެ މުއްސަނދިކަން ލީޑަރުން ދެނެގަތުމަކީ ކާމިޔާބުލީޑަރޝިޕަކަށް ކޮށާލެވޭ މުހިއްމު މަގެކެވެ.
ބަޔާންކުރެވުނު އެކި ޑެފިނިޝަންތަކުން ހާމަވެގެން ދިޔައީ ނަމޫނާ ލީޑަރޝިޕަކަށް ޢިލްމާއި ހުނަރުގެ މުހިއްމުކަމެވެ. ދުރުވިސްނުމާއި ތެދުވެރިކަމުގެ މުހިއްމުކަމެވެ. ދެމިހުރުމާއި މަގުދެއްކުންމުހިއްމުކަމެވެ. ބުނެދިނުމާއި ބަސްމަގުގެ ސާދާކަމުގެ މުހިއްމުކަމެވެ. ސާބިތުކަމާއި ބާރުވެރިކުރުވުމުގެ މުހިއްމުކަމެވެ.އަދި ދެމެހެއްޓެނިވި އުނގެނުމުގެ ޝައުގަކީ ލީޑަރަޝިޕަކަށް ބޭނުންވާ އަސީ ސިފަތަކެއްގެ ގޮތުގައެވެ. ލީޑަރުންނަކީ ވަރަށް ގިނަފަހަރު އެހެންމީހުން ގޮވައިގެން މަގުދައްކާ މުއާމަލާތުކުރަންޖެހޭ ބައެކެވެ. އެހެންކަމުން ލީޑަރުންގެ ނަފްސުގެ ސިފަތައް އަމިއްލައަށް ދެނެގަތުމަކީ ދުރުވިސްނާ ލީޑަރެއްގެ ހުރުން އެއްމެ މުހިއްމު އެއްސިފައެވެ. އެގޮތުން ނަފްސު ތަރައްގީކުރަންޖެހޭ ކަންކަމަށް އިސްކަންދިނުމަކީ ލީޑަރެއްގެ ގޮތުގައި ދުރައްހިންގުމަށް އެޅޭނެ އެއްމެ ހަރުދަނާ ފިޔަވަޅެވެ. އެހެންކަމުން، ޖަޒުބާތުގެ ތޫނުފިކަން ނުވަތަ އިމޯޝަނަލް އިނެޓެލިސްންސްގެ ސިފަތަކާއި ހުނަރުތައް ބޭނުންކުރުމަކީ ލީޑަރޝިޕްކާމިޔާބުކަމާއިއެކު ތަންފީޒުކުރަމަށް ބޭނުންވާ މުހިއްމު ހުނަރެކެވެ.
ލިޑަރޝިޕްގައި އިމޯޝަނަލް އިންޓެލިގެންސް ގެ މުހިއްމުކަން ހާމަވާ އަލިގަދަ ދަލީލެއް މުސްލިމުންގެ ލަޝްކަރު މައްކާހިއްޕެވުމަށް ކުރި ދަތުރުން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން، ދަތުރުގެ މެދުތެރެއިން އަބޫސުފިޔާން އިސްލާމްވެ ލަޝްކަރާ ގުޅުނެވެ. ނަމަވެސް އެކަން ވަންހަނާކުރެވިފައިވަނިކޮށް ލަޝްކަރުގެ އެއްކޮމާންޑަރ ސައުދުބިން ޢުބާދާ އަބޫސުފިޔާން ނުރުހޭނެ މަގަކުން މުޚާތަބު ކުރެވުނު ހިނދު އަދި އެޚަބަރު ކީރިތިރަސޫލާއަށް އިވިވަޑައިގަތުމުން ސައުދުބިން ޢުބައިދާ ހިއްޕަވައިގެން ހުންވި ދިދަކޮޅު އެކަލޭގެ ފާނުގެ އަތްޕުޅުން ނަންގަވާ ރަސޫލުﷲ މުހައްމަދުއްސަލަﷲ ޢަލައި ވަސައްލަމަ އެ ދިދަ ކޮޅު ދެއްވެވީ ސަޢުދުގެ ފާނުގެ ދަރިކަލުން ޤައިސް އިބްނި ސަޢުދުގެ އަތްޕުޅަށެވެ. ލީޑަރޝިޕަކީ ހާލަތައް ރިއާޔަތްކުރެވެންޖެހޭ ހަރަކާތަކެވެ. އިހުގެ ދުޝްމަނުންނަށްވެސް އިހުތިރާމްކުރުމަކީ ސިޓުއޭޝަނަލް ލީޑަރޝިޕްގެ ބޮޅަކަށްވާތީއެވެ. އަބޫސުފިޔާން ރުޅިއާއި ހިތްހަމަ ނުޖެހުން ކޮންޓްރޯލް ކުރެއްވުމާ މުޅި ދަތުރުގެ މިސްރާބުން މަގުން ކައްސާލިޔަ ނުދިނުމަށްޓަކައެވެ. މިއީ މިޒަމާނުގެ ލީޑަރުން ވިސްނަންވީ މުހިއްމު ފިލާވަޅެކެވެ. ސަބަބަކީ ލީޑަރޝިޕެއްގެ މުޅިހަރަކާތުގައި އެތައް ކޮންފްލިކްޓެއް ނުވަތަ ޚިޔާލު ތަފާތުވުންތަކެއް އުފެދި އެޙައްލުކުރަން ޖެހޭތީއެވެ. އެހެންކަމުން،ހަރުދަނާ ލީޑަރުންނަކީ އެކަމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި ސިފަތައް ދެނެގަނެ މުތާލިއާކުރާ މީހާއެވެ. ތިމާ ބަދަލުވާންޖެހޭ ކަންކަން ނިކަންރަނގަޅަށްދެނެގަނެ އޯގަނައިޒޭޝަނަށާއި އެހެންމީހުންނަށް ގޯލް ހާސިލްކުރެވޭ ގޮތަށް ބަދަލުގެނުވާމީހާއެވެ. އަދި ކޮންމެހާލަތެއްގައި ރަނގަޅަށް އިރުޝާދުދީ އަމާޒުކަނޑައަޅާ ޕްލޭން ހަދާ ޕްލޭން ތަންފީޒުކުރާ މީހާއެވެ.