ޅެން -އެހީތެރިވެދޭށެވެ!

ލިޔުނީ: ސާޖިދާ މޫސާ

ބުނަން ބޭނުން އެތައް ލަފްޒެއް، ދުލުން ބުނެވެން ނެތޭ ހީވޭ

ދުލުން ބުނެވެން ނެތަސް އަހަރެން، ލޮލުން ހަމަ ގައިމުވެސް ބުނެދޭ.      

އަބަދު ހީފާ އެކީ އުޅުނަސް، ހިތަށް ވާވަރު ބުނަން ނުކެރޭ،

އަހާނޭ ކަންފަތެއް ނެތްކަން އެނގޭތީ މަޑުމަޑުން ހުރެވޭ.          

އެކަނި ކުރެވޭ ޚިޔާލުތަކުން، ވަރަށް ގިނަރޭގެ ނިދިގެއްލޭ،

އެކަނި މިކަމާ އުޅެންޖެހުމުން ހިތާ ނަފަސަށް ނިކަން ބަރުވޭ.       

ދިމާވާ ކަންކަމާ އަވަހަށް ފިކުރުބޮޑުވާ ގޮތުން ދެރަވޭ،

މިވާކަތައް ކިޔައިދިނުމުން، އެމީހުން ހޭނެހެން ހީވޭ.       

އެކީއުޅެލާ ދެތިން މިތުރުން، މިވާހަކަތައް އަހާފަ ބުނޭ،

”ނެތީހޭ ހިތްވަރެއް ތިކަމާ، ތިއީ މާބޮޑުކަމެއް ނޫނޭ.“

”އެހެންމީހުން ތިމާޔާމެދު، ރަހުމުކުރުމަށް އެދޭތީހޭ،

އެހެންނޫނީ ހިތުން އީމާން ކަމުގެ އަލި ބައްތި ނިވުނީހޭ.“         

މިހެން ބުނެ ހިތްމަރާލީމާ، އަލުން ބުނެދޭން ކެރޭނޭހޭ،

ރިހުން ފޮރުވުން މިއީ މޮޅުގޮތް ކަމަށް ވިސްނައިދިނީނޫންހޭ.       

ތިބާއަށް ނޭގެނީ އަހަރެން، އެހީއަށް އެދި ގޮވާލީކަން،

މިތާ ފެންނަން ނެތިމާދެން، ތިބާ އެކަމާ ނުވިސްނައްޗޭ.

Check Also

ދިވެހި އަދަބުގައި ވާހަކަ ކިޔައިދިނުމުގެ އަދަބު އޮތް ގޮތް އަވަސްކަޅިއަކުން

ލިޔުނީ: އަހްމަދު އިނާޒް ދިވެހިންނަކީ ވެސް އަދަބިއްޔާތުގައި މުއްސަނދި ތާރީޚެއް އޮތް ބަޔެކެވެ. ދިވެހި އަދަބިއްޔާތު ފުރަތަމަ ލިޔެވިފައި އޮތީ …

Leave a Reply

Your email address will not be published. Required fields are marked *