އަޅުގަނޑުމެންގެ މާދަރީބަސް ނެތިދާން ދޫކޮށްލަނީތޯއެ؟

ލިޔުނީ: ހާމިދު ވަހީދު، ލީޑިންގ ޓީޗަރ

އަޅުގަނޑުމެން ކުޑައިރު ދުނިޔޭގެ އެކި ގައުމުތަކުން އެއް ގައުމުން އަނެއް ގައުމާއި ދެމެދު ހަނގުރާމަކުރާ އަޑުއަހައި އުޅެމުއެވެ. އާރާއި ބާރުވެރިކަން ހޯދުމަށެވެ. ބިންތައް އެބައިމީހުންގެ ބާރުގެ ދަށަށް ގެނެސް އެބައި މީހުންގެ އިޤްތިސޯދު ފުޅާކުރުމަށެވެ. ނުފޫޒާއި ބާރުގެތެރެއިން އަނެކާ ދެރަކޮށް އަޅުވެތިކުރުމަށެވެ. މިއަދު އަޅުގަނޑުމެނާވެސް ކުރިމަތިވެފައި މިވަނީ މިފަދަ ހަނގުރާމައަކާއެވެ.

އާދެ، އަޅުގަނޑު އިންސާފުކުރަން މިއުޅޭ މައުލޫ ތަންކޮޅެއް ތިލަކޮން ބުނެލަދެވޭތޯ މަސައްކަތް ކުރާނަމެވެ. އަޅުގަނޑުމެނަށް ކުރިމަތިވެގެން މިއުޅެނީ އަޅުގަޑުމެންގެ މާދަރީ ބަހައް ކުރިމަތިވެގެން އުޅޭ ހަނގުރާމައެކެވެ. ދެބަހެއްގެ ދޭތެރޭ ފެށިގެނއްއުޅޭ ހަނގުރާމައެކެވެ. އަޅުގަނޑު ހަނގުރާމައެކޭ މި ނަންގަތީ އަޅުގަނޑުމެންގެ ތެރެއަށް އެހެންބަހެއްގެ ނުފޫޒާއި، ބާރުވެރިކަން ވެރިވެފައިވާލެއް ބޮޑުކަމުންނެވެ.

އަޅުގަނޑުމެން އެބަހަކުން މޮށެއުޅޭ ދިވެހިބަސް މިއަދު މިވަނީ އަޅުގަނޑުމެނަށް ބީރައްޓެހި އެއްޗަކަށްވެފައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ ޅަދަރިންނަށް ދިވެހިބަހުން ވާހަކަދައްކާކައް ނޭންގެއެވެ. ދިވެހިބަސްދެކެ އެކުދިން ފޫހިވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ދިވެހި ބަހަކީ މުހިންމު ބަހެއްކަން، އެއީ އަޅުގަނޑުމެންގެ މާދަރީ ބަސްކަން، އެބަހަކީ މުއްސަނދި ބަހެއްކަން އަޅުގަނޑޔުމެނައް ހަމައެކަނި އެނގެނީ ”މާދަރީބަހުގެދުވަސް“ މި ނަމުގައި ދުވަހެއް ފާހަގަކުރާތީއެވެ. ގިނަފަހަރު އެދުވަހުވެސް އަޅުގަނޑުމެނައް ފާހަގަކުރެވޭ މުނާސަބު ހަރަކާތްތަކުގަވެސް ބޭނުންކުރެވެނީ މިހާރު އަޅުގަނޑުމެންގެ ތެރެއަށް ނުފޫޒް ގަދަވެފައިވާ އިންގިރޭސިބަހެވެ.

މީގެކުރިން އަޅުގަނޑު އަޑު އަހައި އުޅުނީ އިނގިރޭސިންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވީ ވާހަކައެވެ. ނަމަވެސް މިއަދު އެ މިނިވަން ކަމުގެ އެއްވެސް ފޮނިމީރުކަމެއް އެބައޮތްބާވައޭ ހިތައް އަރައެވެ. އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވީއިރު އިނގިރޭސި ބަހުގެ އަޅުވެތިކަމަށް މި ދިވެހިރާއްޖެ މިވަނީ ގޮސްފަނޫންހެއްޔެވެ. އަޅުގަނޑުމެން މީގެ ކުރިން އިޖުތިމާއީ އިލްމު ކިޔެވީމުއެވެ. ހިސާބު އިލްމުވެސް ކިޔެވީމުއެވެ. އަދި އަމަލީފަންނު ފަދަ އަޅުގަނޑުމެންގެ ދަރިންނަށް އެކި ހުނަރުތައް ދަސްކޮށްދޭ މިފަދަ އެތައް ފޮތްތަކެއް އަޅުގަނޑުމެން ކިޔެވީމުއެވެ.އޭރު މި ހުރިހާ ފޮތަކީވެސް ދިވެހިބަހުން ލިޔެވިފައިވާ ފޮތްތަކެވެ. އޭރު އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި ގައުމީ ވަތަނީ ލޯބި މާގަދައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް ބަހުގެ ނުފޫޒު ގަދަވެ އަޅުގަނޑުމެންގެ ރީތި ދިވެހި ބަހުގެ މައްޗައް ގަދަވެގެން މިދިޔަ އިނގިރޭސި ބަހުގެ ސަބަބުން އަޅުގަނޑުމެންގެ ޅަދަރިންގެ ހިއްތަކުގައި ބަހައް އޮންނަ ލޯބި ނެއްތާންގައި ގައުމީ ލޯބިވެސް ނެތެވެ. މިއީ އަޅުގަޑުމެންގެ އަތުން ފޭސުނު އިލޮށި އަޅުގަނޑުމެންގެ ލޮލަށް ހެރުން ނޫނީދެން ކޮންކަމެއްބާއޭ އަޅުގަނޑުގެ ހިތައް އަރައެވެ.

އަޅުގަނޑުމެނަށް ރީތި ދިވެހި ބަހުން ބުނެވެން ހުރި ބަސްތައްވެސް މިއަދު އިނގިރޭސި ބަހުން ބުނެގެން ނޫނީ ގަދަރުހުރި މޮޅުމީހަކަށް ނުވާ ޒަމާން މިއޮތީ އައިސްފައެވެ. މިއަދު މޮޅުމީހެކޭ މި މުޖުތަމައުގައި ބުނެވެނީ އެމީހަކަށް ނިކަން ފަރިތަކަމާއި އެކު އިނގިރޭސި ބަހުން ވާހަކަދެއްކެންޏާއެވެ. ލިޔެވެންޔާއެވެ. އެހެން ނޫނީ މިވަނީ ނުކިޔަވާހުރި އަދުގެ ދުނިޔެއަށް ލޯނުހުޅުވި ހުރި މީހަކަށެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި އެއީ މުޅިންވެސް ކުންހީއެކެވެ. ސަބަބުވެސް ބުނެދޭނަމެވެ. ދުނިޔޭގައި ތަރައްގީގެ ރޮނގުގައި ކުރިއަރައިގެން ގޮސްފައިވާ ބައެއް ގައުމުތަކުން އެބައި މިހުންގެ މާދަރީ ބަހައް ނުހަނު ލޯބިކުރެއެވެ. ބޮޑެތި މަހާސިންތާތަކުގައިވެސް އެބައިމީހުން އެބައި މީހުންގެ ގައުމު ތަމްސީލް ކޮށްދެނީ އެމީހުންގެ ބަހުންނެވެ. ސަބަބަކީ އެމީހުންގެ ބަހައް އެމީހުންކުރާ އިޙްތިރާމެވެ. މިސާލަކަށް ބަލާނަމަ ޗައިނާ، ޖަޕާން ، އިންޑިއާ ފަދަ ގައުމުތަކުންވެސް މިފައދައިން އަމަލުކުރާތަންފެނެއެވެ. ވީއިރު އަޅުގަނޑުމެންފަދަ ބައި ހަމަނުވާ ގައުމަކުން އަޅުގަނޑުމެންގެ މާދަރީބަސް ނެތިދާން ދޫކޮށްލާނީތޯއެވެ؟ މިއީ މިއަދު އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ.

ކިޔާލަން

ދަތުރު ނާމާ – އުތީމުދަތުރުގެ ހަނދާން

ލިޔުނީ: އަޙްމަދު އިނާޒް ފަތިހުގެ ފިނިކަން ހަށިގަނޑު ތެންމަމުން ހީގަންނަވަމުން ދިޔަ ނަމަވެސް އަހަރެން ( އަހުމަދު އިނާޒް ) …

Leave a Reply

Your email address will not be published. Required fields are marked *