ލިޔުނީ: އީވާ އަޙްމަދު ރަޝީދު

ދުނިޔެ އަކީ ވަގުތީ ތަނެކެވެ. ހިތައް އެރިހައި ގޮތަކަށް އުޅެމުންދަނީ ބިރެއް ފިކުރެއް ނެތިއެވެ. މަރުވާނެކަންވެސް ގިނަފަހަކަރު ހަނދާނަކު ނުހުރެއެވެ. ދުނިޔެވީ ހަޔާތައް ނިމުމެއް އައިސް، ދެން ފެށޭ ހަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރަނީ މަދުބައެކެވެ. މިއަދު މިއީ ދުނިޔޭގެ ހާލަތެވެ! އިންސާނުންގެ ނިކަމެތިކަން ހާމަވާ ކަމެކެވެ.
ދުނިޔޭގައި އަޅުގަނޑުމެންނަށް ދިރިއުޅުމަށް ލިބިފައިވި މަދު ދުވަސްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެއެވެ. ކުށެއް ނުވަތަ ގޯސްކަމެއް ކުރެވިދާނެއެވެ. އެއީ އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ކުރެވޭ ކަންކަމެވެ. ނަމަވެސް އޭގެތެރެއިންވެސް އެންމެ ރަނގަޅު މީހުންނަކީ އެކުށަށް ތައުބާވާ މީހުންނެވެ.
އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއްނޫނެވެ. ކޮންމެ އިންސާނެއްގެވެސް އުނިސިފަތަކެއް ހުންނާނެއެވެ. އިންސާނުންގެ ތެރޭގައި އެކި މިޒާޖުގެ މީހުން އުޅެއެވެ. މަޑުމައިތިރި މީހުންނާއި ރުޅިގަދަމީހުންނެވެ.
މަޑުން އިންނަ ކޮންމެ ކުއްޖަކީ ”ޑިޕްރެޝަން“ ހުންނަ ކުއްޖެއް ނޫނެވެ. ހަމަ އެފަދައިން ރުޅިގަދަ ކޮންމެ ކުއްޖަކީ ބަސްނާހާ އުޅޭ ކުއްޖެއްވެސް ނޫނެވެ. މިއީ މުޖުތަމައު ތަކުގައި ކުދިން މާނަ ކުރެވޭ ގޮތެވެ. ނަމަވެސް ހަގީގަތުގައި މަޑުން އިންނަ ކުއްޖާ އަކީ މަޑުމައިތިރިކަމަށް ލޯބިކުރާ ކުއްޖަކަށް ވެދާނެ ނޫންހެއްޔެވެ! ނަމަވެސް މީހުން ވާހަކަ ދައްކާއިރު ވާހަކަ ދައްކަނީ ހަޤީގަތާއި ހިލާފަށެވެ. އަބަދުވެސް ރަނގަޅު ކުއްޖާވަނީ ގޯސްކުއްޖާ އަށެވެ. މީ މިމުޖުތަމައުތަކުން ފެންނަ ވަރަށްވެސް ހިތާމަވެރި މަންޒަރެކެވެ. މީހަކު ނެތްތަނެއްގައި އެމީހާއޭ ކިޔައިގެން އެމީހަކު ނުރުހޭނެ ފަދަ ވާހަކަތައް ދެއްކުން މިވަނީ އާންމުވެފައެވެ. އެކަމެއްގެ ސަބަބުން ނަރަކައަށް ދާން މަގުފަހިވާ ކަންކަން ކުރަނީ ކޮން ބޭނުމަކުހެއްޔެވެ؟
ނެތި މޮށުމާއި ޣީބަ ބުނުން މިއީ މިހާރަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެކެވެ. މިކަމަކީ ހަރާމްކަމެއްކަން ނޭނގޭނެ މީހަކަ އުޅޭނެހެނެއް އަޅުގަނޑަކަށް ހިޔެއް ނުވެއެވެ. މިއީ ދުލުން ބުނެލާ ކުޑަކުޑަ ޖުމްލައަކަށް ވެދާނެއެވެ. ނަމަވެސް އެކަމެއްގެ ސަބަބުން އާހިރަތުގައި އޭގެ އަޒާބުގައި ލިބޭނެ ކަމަކަށްވެސް ވެދާނެއެވެ.
އަޅުގަނޑު މިލިޔުން މިލިޔަނީ ވަކި މައުލޫއަކަށް ވިސްނައިގެނެއް ނޫނެވެ. ނަމަވެސް މި މުޖުތަމައުއިން ފެންނަ ބައެއް ނުރަނގަޅު ކަންކަމާއި އެކަމުގެ ނުބައިކަން ކިޔުންތެރިންނަށް ވިސްނައިދިނުމުގެ މަޤްސަދުގައެވެ.
ދިރިއުޅުމުގެ މައިގަނޑު މަޤްސަދަކީ އާހިރަތައް ތައްޔާރުވުމެވެ. އޭގެތެރޭގައި އޭގެ ތެރޭގައި ހެޔޮއަމަލުތައްކުރުމާއި ﷲ ހަރާމް ކުރައްވާފައިވާ ކަންކަމުން ދުރުހެލިވުން ހިމެނެއެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެއެވެ. ތިބާވީ ކޮންމެ ތަނަކުން މަރު ތިބާއާ ބައްދަލުކުރާނެއެވެ. ވަގުތު ޖެހުމުންނެވެ. އޭގެ ކުރިން ހެޔޮގޮތުގައި އުޅެވޭތޯ ބަލާށެވެ. މީހުންނޭ ކިޔައިގެން ތިމާއަށް ހަގީގަތް ނޭނގޭފަދަ ވާހަކަތައް ދެއްކުމުން ދުރުހެލިވާށެވެ. ހަރާން ކަންކަން ނުކުރާށެވެ. އޭގެ ބަދަލުގައި ހެޔޮއަމަލުތައް ކުރުން ގިނަކުރާށެވެ. ފަރުޟު ފަސްނަމާދު ކުރަން އާދަކުރާށެވެ. ދިރިއުޅުން ހެޔޮގޮތުގައި ހޭދަކުރާށެވެ. ރަނގަޅު މުސްލިމަކަށް ވުމަށް މަސައްކަތް ކުރާށެވެ. އޭރުން އާހިރަތް ކާމިޔާބުކުރަން ނުހަނު ފަސޭހަވާނެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން މިކަންކަން ރަނގަޅުކުރެވޭތޯ މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
Faanooz Vaadhoo School