ލިޔުނީ: އިބްރާހީމް ޝަހީމް

ނަންރީތި މާ ނުވަތަ ބަޓަފްލައި ޕީ މަލަކީ، ރީތިކަމާއި، ހިތްގައިމުކަމާއި، ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ މަލެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ދެކުނު އޭޝިޔާގައި މި މަލަކީ ވަރަށް މަގުބޫލު މަލެކެވެ. މިހާރު ރާއްޖޭގެވެސް ގިނަ ރަށްރަށުގެ ގޭގޭ ގެ ބަގީޗާތަކުގައި މީގެ މާގަސްތައް ވަރަށް ގިނައިން ފެނެއެވެ. މި މަލުގެ ފައިދާ އެނގި ގިނަ ބަޔަކު މިހާރު މި މަލުގެ ބޭނުން ދަނީ ކުރަމުންނެވެ.
އެންޓި އޮކްސިޑެންޓްސް ގިނަވުން
ބަޓަފްލައި ޕީ މަލުގައި އެންޓި އޮކްސިޑެންޓްސް ވަރަށް ގިނަ އަދަދަކަށް އެކުލެވެއެވެ. މި މަލުގައި ހުންނަ އެންތޮސައެނިންސް (anthocyanins) ކިޔާ މާއްދާއަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެންޓި އޮކްސިޑެންޓެކެވެ. މިއީ ހަށިގަނޑަށް ލިބޭ ގެއްލުންތަކުން ދިފާޢުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ނަތީޖާއެއްގެ ގޮތުން، ބަލިތަކުން ދުރުހެލިވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވެއެވެ.
ހަންގަނޑާއި އިސްތަށިގަނޑުގެ ސިއްހަތަށް ރަނގަޅުވުން
ކުރިން ބުނިހެން މި މަލުގައި ހުންނަ އެންޓި އޮކްސިޑެންޓްސްގެ ސަބަބުން ހަމުގެ ހައިޑްރޭޝަން އިތުރުކޮށްދީ ހަންގަނޑު ތާޒާކަންމަތީ ބަހައްޓައެވެ. މީގެ އިތުރުން އިސްތަށިގަނޑުގެ ސިއްހަތަށް ވެސް މިއީ ވަރަށް ރަނގަޅު އެއްޗެކެވެ. އިސްތަށިގަނޑު ފަޅައި، ވަރުގަދަވެ، އިސްތަށި ފޭބުން މަދުކުރުމަށް އެހީވެދެއެވެ.
ސިކުނޑިއަށް ފައިދާކުރުން
ބަޓަފްލައި ޕީ މަލުގައި އެކުލެވޭ މާއްދާތަކަކީ ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކަންކަމަށް ފިކުރުކުރުމާއި، ސަމާލުކަންދިނުމުގެ ގާބިލުކަން އިތުރުކޮށްދިނުމަށް ވެސް މިއީ ރަނގަޅު އެއްޗެކެވެ. ހަމަ އެހެންމެ މި މާ ބޭނުންކޮށްގެން ހަދާފައިވާ ބުއިންތަކަކީ ނިދި ގެނައުމަށް އެހީވެދޭ، އަދި ސްޓްރެސް ކުޑަކޮށް، ހިތް ހަމަޖައްސައިދޭ އެއްޗެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މި މަލަށް ”ނޭޗަރަލް ސްޓްރެސް ރިލީވަރ“ ގެ ގޮތުގައި ވެސް ބަލާ އުޅެއެވެ.
ހަކުރު ބައްޔަށް ފައިދާކުރުން
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ބަޓަފްލައި ޕީ މަލުން ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ޚާއްސަކޮށް ކާބޯތަކެތި ކެއުމަށްފަހު ލޭގެ ހަކުރު މައްޗަށް ދިޔަ ނުދިނުމަށް މިއީ ފައިދާހުރި އެއްޗެކެވެ.
ކާނާއަށް ކުލަ ޖެއްސުމަށް ބޭނުންކުރުން
ބަޓަފްލައި ޕީ މަލުގެ އެންމެ ހާއްސަ ސިފައަކީ އޭގެ ރީތި ނޫކުލައެވެ. މި މާ ބޭނުންކޮށްގެން ތަފާތު ބުއިންތަކަށާއި، ކާނާއަށް ގުދުރަތީ ކުލަ ޖެއްސެއެވެ. ލުނބޯ ނުވަތަ އެސިޑިކް އެއްޗެއް އެއްކުރުމުން މި މަލުގެ ކުލަ ނޫކުލައިން ދަނބުކުލަ އަށް ބަދަލުވެއެވެ. މިއީ ތަފާތު ބުއިންތައް ތައްޔާރުކުރުމުގައި ވަރަށް މަގުބޫލު ސިފައެކެވެ.
ލޮލުގެ ފެނުން ހިމާޔަތްކުރުމަށް އެހީތެރިވެދޭ
ބަޓަފްލައި ޕީ ފްލާވާގައި ހިމެނޭ އެންތޮސައިނިންސް އަކީ ލޮލަށް ލޭ ދައުރުވުން އިތުރުކޮށްދީ، ވަރުބަލިކަން ފިލުވައިދީ، އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން ރެޓިނާ އަށް ލިބޭ ގެއްލުމަކުން ރައްކާތެރިކަން ފޯރުކޮށްދޭ މާއްދާއެކެވެ.
ބަޓަފުލައި ޕީ މަލުގެ ސައި ތައްޔާރުކުރާ ގޮތް
ތައްޔާރުކުރާ ގޮތް:
ފުރަތަމަ، ފެންކޮޅެއް ތެއްޔެއްގައި ނުވަތަ ކެޓުލް އެއްގައި ކައްކަން އުދާށެވެ. ފެން ރަނގަޅަށް ކެކެންދެން ބަހައްޓާށެވެ.
ސައި ތައްޔާރުކުރާނެ ޖޯޑަކަށް ބަޓަފުލައި ޕީ މާކޮޅެއް އަޅާލާށެވެ. ކެއްކި ފެންއެތި ތެރެއަށްވެސް އަޅާލެވިދާނެ.
ފެން ކެކުމުން، ކެކިފައި ހުރި ފެންކޮޅު ޖޯޑަށް އަޅާށެވެ.
5-7 މިނިޓު ވަންދެން ބަހައްޓާށެވެ. މިގޮތަށް ބެހެއްޓުމުން މަލުގެ ރީތި ނޫކުލަ ފެނަށް އަރާނެއެވެ. އަދި ސައިގެ ރަހަވެސް ރަނގަޅަށް ނިކުންނާނެއެވެ.
އެއަށްފަހު ޖޯޑުން މާތައް ނެގުމަށް ފުރާނާލާށެވެ.
ފޮނިރަހަ ލައްވަން ބޭނުންނަމަ ކުޑަ ހަކުރުކޮޅެއް އަޅައި އަޅައި ރަނގަޅަށް ގިރުވާލާށެވެ. ހަކުރު ބޭނުން ނުކުރާނަމަ މާމުއި ކޮޅެއްވެސް އަޅާލެވިދާނެ.
ތައްޔާރުކުރި ސައިގެ ކުލަ ބަދަލުކުރަން ބޭނުންނަމަ، ލުނބޯ ނުވަތަ ހުތްލުނބޯ ފޮދެއް ފިއްތާލާށެވެ. ލުނބޯ އެޅުމުން ސައިގެ ނޫކުލަ ދަނބުކުލަފާޑެއްގެ ކުލައަކަށް ބަދަލުވާނެއެވެ. މިއީ މި ސައިގެ އެންމެ ޝައުގުވެރި އެއް ކަމެވެ. މިހާރު ތިޔަ ތައްޔާރުކުރި ބަޓަފުލައި ޕީ މަލުގެ ސައި ބުއިމަށް ތައްޔާރުވެއްޖެއެވެ. ފިނިކޮށް ނުވަތަ ހޫނުކޮށްވެސް މި ސައި ބުއިމުގެ ރަހަ ބެލިދާނެއެވެ. މި ސައި ފިނިކޮށް ބޯން ބޭނުންނަމަ، ކުދިކުދި އައިސްކިއުބް ކޮޅެއް ވެސް އެޅިދާނެއެވެ.
Faanooz Vaadhoo School