ލިޔުނީ: މައިރީން ޙުސައިން މާހިރު، ގްރޭޑް 5

ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްސަކޮށް ތިކުދިން ފަދަ ކުޑަކުދިންނަށް، ދުޅަހެޔޮކޮށް އުޅުމަކީ ބަލިވުމުން ރައްކާތެރިވެ، ކިޔެވުމުގައިވެސް ކުރިއެރުން ލިބި، ކުޅިވަރު ކުޅޭއިރުވެސް ވަރުގަދަވެގެން އުޅެވޭނެ ކަމެކެވެ. ހަށިގަނޑު ސަލާމަތްކޮށް ހުރުމުން ކޮންމެ ދުވަހަކުވެސް އުފަލުގައި މަސައްކަތްކޮށް، ކިޔަވައި، ކުޅެވޭނެއެވެ.
ދުޅަހެޔޮ ސިއްހަތަކަށް އެންމެ މުހިންމީ ރަނގަޅު ކާނާ ކެއުމެވެ. ކޮންމެ ދުވަހަކު ތަރުކާރީ އާއި މޭވާ ގިނައިން ބޭނުންކުރުމާއިއެކު ބަތާއި ރޮށި، މަސް، ކިރު ފަދަ ކާނާވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ކާންވާނެއެވެ. ހަކުރު ގިނަ ބުއިންތަކާއި، ތެލުލި ކާނާއާއި، ޗިޕްސް ފަދަ ތަކެތި މަދުކުރަންވާނެއެވެ. ސިއްހަތަށް ފައިދާހުރި ކާނާއަކީ ހަށިގަނޑަށް ބޭނުންވާ ބާރު ލިބިދޭނެ އެއްޗެހި ކަމަށްވާތީ، މީގެން އަބަދުވެސް ރަނގަޅު ކާނާ އިޚްތިޔާރު ކުރާށެވެ.
ދުޅަހެޔޮ ސިއްހަތަކަށް ކުޅުމާއި ކަސްރަތު ވަރަށް މުހިންމެވެ. ކޮންމެ ދުވަހަކުވެސް ބޭރަށް ނުކުމެ ކުޅެލާށެވެ. ދުވުން، ފެތުން ނުވަތަ އެހެންވެސް ކުޅިވަރެއް ކުޅެލުން ރަނގަޅުވާނެއެވެ. ހަށިގަނޑު ހަރަކާތްތެރިކުރުމުން ކަށިތައް ވަރުގަދަވެ، ހިތްވެސް ސަލާމަތްވުމުގެ އިތުރުން މޫޑު ރަނގަޅުވުމަށްވެސް އެހީތެރިވެއެވެ. ކޮންމެ ދުވަހަކު މަދުވެގެން އެއްގަޑިއިރު ކަސްރަތު ކުރަން މަސައްކަތް ކުރާށެވެ.
މީގެ އިތުރުން ގިނައިން ފެންބޮއި، ނިދި ހަމަކުރަން ވާނެއެވެ. ކޮންމެ ދުވަހަކު 8 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ނިދަންވާނެއެވެ. އަދި އަމިއްލަ ސާފުތާހިރުކަން ބަލަހައްޓަންވާނެއެވެ. އަތްދޮވެ، ފެންވަރާ، ދަތް އުނގުޅާށެވެ. މި ހުރިހާ ކަމަކަށް ސަމާލުވުމުން އަހަރެމެންނަށް ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއް އުޅެވޭނެއެވެ. ހަށިގަނޑު ސަލާމަތްކޮށްގެން އުޅުމަކީ ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް ވަރަށް މުހިންމު ކަމެއްކަން ހަނދާން ބަހައްޓާށެވެ.
Faanooz Vaadhoo School