ބެލެނިވެރިކަމުގައި ބައްޕައިންގެ މުހިންމުކަން

ލިޔުނީ: ޙުސައިން މާހިރު، ބެލެނިވެރިއެއް 

ކޮންމެ ދަރިއަކީވެސް މައިންބަފައިންގެ ދިރިއުޅުމުގެ ފުރިހަމަކަމެވެ. ދަރިން ބޮޑުކުރުމުގައި، ބައްޕައިންގެ ދައުރަކީ ހަމައެކަނި ފައިސާގެ ގޮތުން އެހީތެރިވުމެއް ނޫނެވެ. އެއީ ދަރީންގެ ނަފްސާނީ، އިޖުތިމާޢީ އަދި ތަޢުލީމީ ކުރިއެރުމަށް އެހާމެ މުހިންމު ދައުރެކެވެ. ބައްޕައިންގެ އެއްބާރުލުން ނެތި، ދަރިންނަށް ލިބިގަންނަންޖެހޭ ވަރަށް ގިނަ ކަންކަމުން މަޙުރޫމުވެގެންދާނެއެވެ. ކުޑަ ކުޑަ ވާހައެއް ހިއްސާކޮށްލާނަމެވެ.                                                                    

އެއްދުވަސްވަރެއްގައި އަޙުމަދު އާއި ފާތިމަތުގެ ދިރިއުޅުން އޮތީ ހަމަޖެހުމާއި އުފަލުން ފުރިފައެވެ. އެދެމަފިރިންނަށް ލޯބިލޯބި ދެ ކުދިންވެސް ލިބުނެވެ. ބޮޑު އަންހެން ދަރިފުޅު އައިޝާ އާއި ކުޑަ ފިރިހެން ދަރިފުޅު ޢަލީއެވެ. އަޙުމަދު އަކީ ވަރަށް މަސައްކަތްތެރި، އާއިލާއަށްޓަކައި ބުރަ މަސައްކަތްކުރާ ބައްޕައެކެވެ. ނަމަވެސް އޭނާގެ ހުރިހާ ވަގުތެއް ދިޔައީ މަސައްކަތުގައެވެ. ގޭގައި ހުންނައިރުވެސް ގިނަ ފަހަރު ވަރަށް ބޮޑަށް ވަރުބަލިވެފައި ހުންނާތީ، ކުދިންނާއިއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބެނީ ވަރަށް މަދުފަހަރަކުއެވެ. ކުދިންގެ ކިޔެވުމާއި ކުޅުމާއި އަދި އެހެނިހެން ހުރިހާ ކަމެއްގައިވެސް ގިނައިން އުޅެނީ ފާތިމަތުއެވެ.                            

ފާތިމަތުއަކީ ވަރަށް ހިތްވަރުގަދަ މަންމައެކެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާ އަންނަނީ ވަރުބަލިވެ ލޮޑުވަނުންނެވެ. ކުދިންނަށް ބައްޕައެއްގެ އެއްބާރުލުން ކޮންމެހެން ބޭނުންވާ ވަގުތުތައް އައުމުން، އައިޝާ އާއި ޢަލީގެ ހިތްތަކުގައި ބައްޕައަށްޓަކައި އުފެދެމުންދިޔަ ލޯބި މަޑުމަޑުން ފަނޑުވެ، އެމީހުންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް މީހާގެ ދައުރު މަޑުމަޑުން އުނިވަމުންދާކަމުގެ އިހުސާސު ފާތިމަތުއަށް ކުރެވުނެވެ.                                               

އެއްދުވަހެއްގައި އައިޝާއަށް ސުކޫލު މަސައްކަތެއްގައި ވަރަށް ބޮޑަށް ދަތިވިއެވެ. އެއީ އެހާ ފަސޭހަ ކަމެއް ނޫންކަމުން، ފާތިމަތު އެހީވާން މަސައްކަތް ކުރިއެވެ. ނަމަވެސް އައިޝާ ބޭނުންވީ ބައްޕަގެ ލަފައެވެ. އޭނާގެ ބައްޕަ އެފަދަ ކަންކަމުގައި ދޭ ލަފާ އާއި އެހީތެރިކަން ވަރަށް ތަފާތުކަން އައިޝާއަށް އިހުސާސް ކުރެވުނެވެ. އަދި ޢަލީ ހުރީ ބައްޕައާ އެކު ބޯޅަ ކުޅެން ނުލިބުމުން ވަރަށް ދެރަވެފައެވެ.                                                                         

މި މަންޒަރު އަޙުމަދުއަށް ފެނުމުން، އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ފުން އަސަރުތަކެއް ކުރިއެވެ. އޭނާ ހުރީ އާއިލާއަށްޓަކައި ބުރަ މަސައްކަތްކުރުމަށްފަހު ވަރުބަލިވެފައެވެ. ނަމަވެސް އޭނާގެ ދަރިންގެ ހިތްތަކުގައި އޭނާގެ ދައުރު އޮތް މިންވަރު އޭނާއަށް ހަނދާންކޮށްދިނުމުގެ ބަދަލުގައި، އޭނާގެ ބުރަ މަސައްކަތްތަކުގެ ސަބަބުން ކުދިންނާ ދުރުވެފައިވާކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އޭނާ ފާތިމަތުގެ އަތުގައި ހިފާލަމުން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ”ފާތިމަތު، އަހަންނަށް ހަމަހޭވެރިކަން ވެއްޖެ! އަހަރެން ހީކުރީ ކުދިންނަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދިނުމުން އަހަރެންގެ ދައުރު ފުރިހަމަވީ ކަމަށް! އެކަމަކު ހަގީގަތަކީ، އެކުދިން ބޭނުންވަނީ އަހަރެންގެ ވަގުތާއި، އަހަރެންގެ ލޯތްބާއި، އަޅާލުންކަން ވަރަށް ރަނގަޅަށް މިއަދު އިހުސާސް ކުރެވިއްޖެ!                 

އެދުވަހުން ފެށިގެން އަޙުމަދު އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނައެވެ. އޭނާ މަސައްކަތުގެ ބުރަތައް މަދުކޮށް، ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތު ކުދިންނާ އެކު ހޭދަކުރަން ފެށިއެވެ. އައިޝާއަށް ކިޔަވައިދިނުމުގައި އެހީތެރިވިއެވެ. ޢަލީއާ އެކު ބޯޅަ ކުޅެ، އެކުގައި ކުދިކުދި ވާހަކަތައް ދައްކައި ހެއްވާ މަޖާ ކޮށްލިއެވެ. ރޭގަނޑު ނިދުމުގެ ކުރިން ކުދިންނަށް ރީތި ވާހަކަތައް ކިޔައިދީ، އެކުދިންގެ ދުވަހުގެ ކަންކަމާމެދު ސުވާލުކޮށް، ސުކޫލުގެ ކިޔެވުން ދަނީ ކިހިނެއްތޯއަހާ މަޝްވަރާކޮށްލައެވެ.                                                                                                                                       

 މި ބަދަލުތަކުގެ ސަބަބުން، އަޙުމަދު އާއި އޭނާގެ ދަރިންގެ ގުޅުން ވަރަށް ބޮޑަށް ހަރުދަނާވިއެވެ. ދެކުދިންގެ ކިޔެވުމުގެ ނަތީޖާ ރަނގަޅުވެ، ދެކުދިންގެ މޫނުމަތިން އުފާވެރިކަން ފެންނަން ފެށިއެވެ. ފާތިމަތުއަށްވެސް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. ދެމަފިރިން އެކުގައި ކުދިން ބޮޑުކުރުމުގެ މުހިންމުކަން އެމީހުންނަށް ދެނެގަނެވުނެވެ.                                                           

މި ވާހަކައިން އެންމެހާ ކިޔުންތެރިންނަށް ދޭން ބޭނުންވާ މެސެޖަކީ މައިންބަފައިންގެ ދައުރަކީ ދެފަރާތުންވެސް އެކުގައި ނިސްބަތްވާ ކަމެއް ކަމެވެ. ބައްޕައިންގެ ދައުރު ހަމައެކަނި މާލީ އެހީތެރިކަމަކަށް ނުވެ، އެމީހުންގެ ވަގުތާއި ލޯތްބާއި، ދަރިންނަށް ދޭ ސަމާލުކަމަކީ އެކުދިންގެ ކުރިމަގަށް އޭގެ ރަނގަޅު އަސަރުކުރާނެ ކަމެއް ކަމެވެ. އެހެންކަމުން، ކޮންމެ ބައްޕައަކުވެސް އާއިލާއަށް ވަގުތު ދިނުމާއި، ދަރިންނާ ގާތް ގުޅުމެއް ބޭއްވުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔާލަން

އަޅުގަނޑުމެންގެ މާދަރީބަސް ނެތިދާން ދޫކޮށްލަނީތޯއެ؟

ލިޔުނީ: ހާމިދު ވަހީދު، ލީޑިންގ ޓީޗަރ އަޅުގަނޑުމެން ކުޑައިރު ދުނިޔޭގެ އެކި ގައުމުތަކުން އެއް ގައުމުން އަނެއް ގައުމާއި ދެމެދު …

Leave a Reply

Your email address will not be published. Required fields are marked *