ލިޔުނީ: މުޙައްމަދު އަޒްޔާން އަޙްމަދު

ތައުލީމީ ހަޔާތް ކާމިޔާބު ކުރުމަށް އެދޭ ދަރިވަރުންނަށް މޯބައިލް ފޯނަކީ ބޭނުންތެރި، އެހެނަސް ދުޝްމަނެކެވެ. ޓެކްނޮލޮޖީގެގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި މޯބައިލް ފޯނަކީ ދަރިވަރުންނަށް އެހީވެދޭ މަގުބޫލު ވަސީލަތެއްކަން ގައިމެވެ. ކަންމިހެން ހުރިނަމަވެސް، މިއަދު ބޮޑު މަންޒަރެއްގެގޮތުގައި ފެންނަމުންދަނީ މޯބައިލް ފޯނުން ދަރިވަރުންނަށް ކުރަމުންދާ ނޭދެވޭ އަސަރެވެ. އަދުގެ ޖީލުގެ އެތައް ކުދިންނެއް މޯބައިލް ފޯނުގެ އަވައިގައިޖެހި، އޭގެ ބޭނުން ނޭދެވޭގޮތުގައި ހިފަމުންދާކަމީ މިއަދު އެންމެންވެސް ގަބޫލުކުރަންޖެހިފައިވާ ހިތި ހަގީގަތެކެވެ.
މޯބައިލް ފޯނުގެ ސަބަބުން ދަރިވަރުންނަށް ލިބޭ އެދެވޭ މައުލޫމާތަށްވުރެ ގިނައީ އެއިން ލިބޭ ނޭދެވޭ މައުލޫމާތެވެ. ކުދިންގެ އުމުރާއި ނުގުޅޭ މައުލޫމާތާއި، މަންޒަރުތައް ނުހަނު ފަސޭހަކަމާއިއެކު ހޯދެއެވެ. މޯބައިލް ފޯނުގެ ޒަރީއާއިން ތަފާތު އެކިއެކި މަންސަތައް ބޭނުންކޮށްގެން މުނިފޫހި ފިލުވުމަކީ މުޖުތަމައުގައި މިހާރު އާއްމުވެފައިވާ ކަމެކެވެ. ދަރިވަރުންގެ ހުރިހާ ވަގުތެއް އެފަދަ މަންސަތަކަށް ހުސްކޮށްލައެވެ. އެކަމުގެ ސަބަބުން، ކުދިން ސްކްރީނަށް ގެއްލި، މުޖުތަމައުއިން އެކަހެރިވެ، ފޯނަށް ގޮސް ހުސްވެއެވެ. ކުދިންގެ އުޅުމަށް ހީވެސްނުކުރާވަރުގެ ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމީ މިއަދު ކަންބޮޑުވާންޖެހިފައިވާ ކަމެކެވެ.
މިފަހަކަށް އައިސް، ދަރިވަރުންގެ ފަރާތުން އެންމެބޮޑަށް ފާހަގަވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ގުޅިފައިވަނީ މޯބައިލް ފޯނަށެވެ. ކުދިންގެ ބަސްމަދުވުމާއި، މީހުންނާއި އެކަހެރިވުމާއި، އަމިއްލަ ދުނިޔެއެއްގައި ކުދިން އުޅެން ފެށުމަކީ މިކަމުގެ ހެއްކެކެވެ. ކުދިން ތައުލީމީ މަގުން އެއްފަރާތްވެ، ތައުލީމަށް އޮތް ލޯބި ދަނީ ދުވަހެއް ދުވަހަކަށް ފަނޑުވަމުންނެވެ. ދިރިއުޅުމުގެ ކަންކަމުގައި އަމިއްލައަށް ޒިންމާ ނެގުމަކީ، މިހާރުގެ ދަރިވަރުންގެ ކިބައިން މަދުން ނޫނީ ނުފެންނަ އާދައެކެވެ. މޯބައިލް ފޯނުގެ ”އަވައިގައިޖެހި“ ދަރިވަރުން ދީނީ ކަންކަމަށް ފަރުވާކުޑަ ކުރަނީއެވެ. ހުނަރުވެރިކަމާއި، މަސައްކަތްތެރިކަން ނެތެމުން ދަނީއެވެ. ސާފުތާހިރުކަން ކުޑަވަނީއެވެ. ކާބަފައިންގެ ރިވެތި އާދަތަކުގެ ކުލަ ފަނޑުވެއްޖެއެވެ. ހައްތަހާވެސް ކަންބޮޑުވާންޖެހޭ މައްސަލަތަކެވެ.
މޯބައިލް ފޯނަކީ ޒަމާނާއިގުޅޭ، ބޭނުންތެރި އެއްޗެއް ކަމުގައިވީހިނދު، އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިއްމު ކަމެކެވެ. މުޅި ދުވަސް ސްކްރީނުގެ ތެރެއަށް ގެއްލިފައި އިނުމުގެ ބަދަލުގައި، ވަށައިގެންވި މާހައުލުގައި ހިނގަމުންދާ ކަންކަމަށް ވިސްނައިލަން ވަގުތުކޮޅެއް ހޭދަކުރަމާތޯއެވެ. މޯބައިލް ފޯނަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކުރާ އެއްޗަކަށް ނަހަދަމާތޯއެވެ. އޭގެ ބަދަލުގައި، ސިކުނޑި ތަރައްގީކޮށް، އިލްމީގޮތުން އިތުރު ހަރުފަތެއް ގިރާކުރުމަށް ފައިދާހުރި މައުލޫމާތު ހޯދާ އެއްޗަކަށް ހަދަމާތޯއެވެ. އިލްމާއި، ހުނަރުތައް އިތުރަށް ތަރައްގީ ކުރުމަށް އޮތް ފުރުސަތުތައް ދެނެގަނެ، ދިރިއުޅުން ކުރިއެރުވުމަށް ކޮށާލެވޭ މަގަކަށް މެނުވީ މޯބައިލް ފޯނު ނަހަދަމާތޯއެވެ.
Faanooz Vaadhoo School