ލިޔުނީ: އައިމިނަތު އިލްހާމާ

14ވަނަ ޤަރުނުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި އިބްނު ބަޠޫޠާ، އޭނާގެ ދަތުރު ހަނދާންތަކުގައި، ދިވެހިރާއްޖެއަށް އިސްލާމްދީން ތަޢާރަފުކުރި މޮރޮކޯގެ ވިޔަފާރިވެރިއަކާ ބެހޭ ވާހަކައެއް ހިމަނުއްވާފައިވެއެވެ. މިފަދަ ވަރަށް އެއްގޮތް ވާހަކަތަކެއް، ދެކުނު އިންޑިޔާގެ އަދި ސްރީލަންކާގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް އިސްލާމްދީން ތަޢާރަފުވުމާ ގުޅޭގޮތުންވެސް އަޑުއިވެއެވެ. މި ވާހަކަތަކުން، ދެކުނު އޭޝިޔާގެ ދެކުނު އައްސޭރިފަށުގެ ސަރަޙައްދުތަކަށް އިސްލާމްދީން ތަޢާރަފުވެގެން ދިޔަ ސުލްޙަވެރި ގޮތްތަކާ ބެހޭ ޚިޔާލެއް ލިބެއެވެ.
ތާރީޚީ އަދި އާސާރީ ހެކިތަކުން ދައްކާގޮތުގައި، ޢަރަބިންގެ ފުޅާ ވިޔަފާރީގެ ގުޅުންތަކެއް އޮތެވެ. އަދި 8 ވަނަ ޤަރުނުން ފެށިގެން ދެކުނު އޭޝިޔާގެ ދެކުނު އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ޢަރަބި އާބާދީތައް ޤާއިމުވެފައި ހުއްޓެވެ. ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގެ ސަބަބުން، މީލާދީން 1153 އަހަރުގެ ކުރިން އިސްލާމްދީނާއި މުސްލިމުންނާ ބެހޭ މަޢުލޫމާތު ލިބިފައި އޮތްކަން ކަށަވަރެވެ. ތާރީޚީ ހެކިތަކުން ހާމަވާގޮތުގައި، ދިވެހިރާއްޖެ ރަސްމީކޮށް އިސްލާމްދީން ޤަބޫލުކުރީ މީލާދީން 1153 ވަނަ އަހަރު، ރަސްގެފާނު ތިރިބުވަނަ އާދީއްތާ އިސްލާމްދީން ޤަބޫލުކުރެއްވުމާ އެކުގައެވެ. (އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު ރަސްގެފާނު އެ މަނިކުފާނުގެ ނަންފުޅު ބަދަލުކުރެއްވީ ސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ އަށެވެ. ފަހުން މި މަނިކުފާނު މަޝްހޫރުވެވަޑައިގަތީ ދަރުމަވަންތަ ރަސްގެފާނުގެ ނަމުންނެވެ). މި ދީނަށް ވެއްދެވުމުގެ ކަންތައް ނިސްބަތްކުރެވެނީ މޮރޮކޯގެ ބަރްބަރު ނުވަތަ އީރާނުގެ ތަބްރީޒުން ވަޑައިގެންނެވި ޝައިޚް ޢަބްދުލް ބަރަކާތު ޔޫސުފުލް ބަރްބަރީ އަށެވެ. އެ މަނިކުފާނު ވަޑައިގެންނެވި އިރު، ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އައި ދީނަކީ ބުދުދީނެވެ.
ތާރީޚީ ހެކިތަކުން ދައްކައިދެނީ ހުރިހާ ރަށެއް އިސްލާމްދީނަށް ބަދަލުވުމުގެ މަރުހަލާ ނިންމުމަށް ގިނަ އަހަރުތަކެއް ނަގާފައިވާކަމެވެ. މިކަމުގެ މައިގަނޑު ސަބަބަކަށްވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމާއި މުވާސަލާތު ކުރުމުގައި ހުރި ދަތިތަކެވެ. އަދި އަނެއް ސަބަބަކަށް ވެދާނެ ކަމަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި ހަރުދަނާކޮށް ޤާއިމުވެފައިވާ ބުދުދީނުގެ މުއައްސަސާތަކުން ދެއްކި ދެކޮޅުވެރިކަމެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އިސްލާމްދީނަށް ވަނުމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ހުރެއެވެ. މިގޮތުން ދެކުނު މިލަދުންމަޑުލު އަތޮޅު ކެންދޫގެ އާދަކާދައިގެ ވާހަކައެއްގައި ބުނެވެނީ އަބުލް ބަރަކާތު ޔޫސުފުލް ބަރްބަރީ އެންމެ ފުރަތަމަ އައިސް މަޑުކުރީ އެރަށަށް ކަމަށާއި، އެތާނގައި ކޮންމެވެސް މުއްދަތަކަށް މަޑުކޮށް، އެރަށުގެ މީހުން އިސްލާމްދީނަށް ވެއްދި ކަމަށެވެ. އެރަށުގައި އޭނާ ފުރަތަމަ މަޑުކުރި ތަނުގައި ބިނާކުރެވިފައިވާ ކަމަށް ބުނެވޭ ޒިޔާރަތެއް ވެއެވެ.
ފަހުން އޭނާ ދަތުރުކުރީ މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހަށް ކަމަށާއި، އޭގެފަހުން މާލެއަށް ކަމަށް ބުނެވެއެވެ. އައްޑު އަތޮޅުގެ އާދަކާދައެއްގައި ބުނެވެނީ މީދޫއަށް ގާތްގަނޑަކަށް 1126 ވަނަ އަހަރު ޢަރަބިކަރައިން އައި ޔޫސުފް ޤާދިރު ނަމަކަށް ކިޔާ ދީންވެރި މުސްލިމަކު އޭނާގެ އާއިލާއާއެކު އައި ކަމަށެވެ. އޭނާ އައްޑު އަތޮޅުގެ ގިނަ ރަށްރަށުގެ މީހުން އިސްލާމްދީނަށް ވެއްދި ކަމަށް ބުނެވެއެވެ. މީގެ އިތުރުންވެސް އެހެން ރަށްރަށުގައި ވަކިވަކިން އިސްލާމްދީނަށް ވަނުމުގެ ކަންތައްތައް ހިނގާފައިވެއެވެ. އެއީ ރާއްޖޭގެ އެކި ރަށްރަށަށް ޢަރަބިންނާއި ފާރިސީން ޒިޔާރަތްކުރަމުން ދިޔައީމައެވެ.
ދިވެހިން އިސްލާމްދީނަށް ވަދެފައިވީ ނަމަވެސް، އަބުލް ބަރަކާތު ރާއްޖޭގައި މަޑުކުރީ މީހުންނަށް އިސްލާމްދީން އުނގަންނައިދިނުމަށެވެ. އޭނާ ނިޔާވި ތާރީޚެއް އެނގިފައެއް ނުވެއެވެ. ތާރީޚުވެރިޔާ ހަސަން ތާޖުއްދީން ވިދާޅުވާ ގޮތުގައި އޭނާ ވަޅުލެވިފައިވަނީ މާލޭގައިވާ މެދުޒިޔާރަތުގައެވެ. އޭގެ ފަހުން ދިވެހި ރާއްޖޭގައި ހުރި ބުދު ފައްޅިތައް ތަޅާލައި މިސްކިތްތައް ބިނާކުރެވުނެވެ.