ލިޔުނީ: ޢާލިން އަޙްމަދު އަރުޝަދު / ގްރޭޑް 3

ދިވެހިރާއްޖެއަކީ ކުޑަ ޤައުމެކެވެ. ދިވެހިރާއްޖެ އޮންނަނީ އިންޑިޔާ ކަނޑުގައެވެ. ދިވެހި ރާއްޖެ އުފެދިފައިވަނީ ޖަޒީރާ ރަށްތަކެއްގެ ގޮތުގައެވެ. ރަށްތައް ހުންނަނީ އެކި އަތޮޅު އަތޮޅުގައެވެ. ދިވެހިރާއްޖޭގައި ގުދުރަތީ ގޮތުން އުފެދިފައިވާ 26 އަތޮޅު އޮވެއެވެ. މި އަތޮޅުތައް ދައުލަތް ހިންގުމަށް ފަސޭހަކުރުމުގެ ގޮތުން އަތޮޅުތައް ބަހާލެވިފައިވަނީ 20 އަތޮޅަށެވެ.ދިވެހި ރާއްޖެއަކީ ނަލަ ހިތްފަސޭހަ ގައުމެކެވެ. ރާއްޖޭގައި ރީތި ފަރުތައް އޮވެއެވެ.އަދި މިތަންތާ ބައިވަރު މިޔަރާއި މަޑިއާއި، ކުދި މަސްތައް ވެސް އުޅެއެވެ. ދޮންވެލި ފިނޮޅުތައް ހުރެއެވެ. ފެހި ބޮޑެތި ގަސް ހުރެއެވެ. ދިވެހި ރާއްޖެއަކީ ފަތުރުވެރީންގެ މެދުގައި ވަރަށް ވެސް މަގުބޫލު މަންޒިލެކެވެ.
ދިވެހި ރާއްޖެއަކީ ރީތި ސަގާފަތެއް ލިބިގެންވާ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ގައުމެކެވެ. އަދި ސާފުތާހިރުކަމަށް ލޯބިކުރާ ހިތްހެޔޮ ރައްޔިތުންދިރިއުޅޭ ގައުމެކެވެ. ބޭރުގައުމުގެ މީހުން ދިވެހިރާއްޖެ ސިފަކުރަނީ ދުނިޔެމަތީގައި ސުވަރުގޭގެ ގޮތުގައެވެ. ދިވެހިރާއްޖޭގައި އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި ފަތުރުވެރިކަމަށެވެ.
ދިވެހި ރާއްޖޭގެ ގައުމީ މަލަކީ ފިޔާތޮށި ފިނިފެންމަލެވެ. ގައުމީ ގަހަކީ ދިވެހި ރުކެވެ. ގައުމީ ދޫންޏަކީ ކަނބިއްޔެވެ. އަދި ގައުމީ ޖަނަވާރަކީ ރީނދޫ އުރަހަ ކަންނެއްޔެވެ. ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެއެވެ.
ދިވެހި ރާއްޖޭގައި އޮންނަނީ ދެމޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. ދިވެހިރާއްޖޭގައި ދުވަސްވީ ބިނާތަކާއި އާސާރީ ތަންތަން ހުރެއެވެ. މިތަންތަނުގެ ސަބަބުން ފަތުރުވެރިންގެ މަދުގައި ދިވެހި ރާއްޖެ އިތުރަށް މަގުބޫލުވެއެވެ. ދިވެހި ރާއްޖެއަކީ ހިތްވަރުގަދަ ކެރޭ ބަތަލުންތަކެއް އުޅުއްވި ގައުމެކެވެ. އެކަން ދިވެހިރާއްޖޭގެ ތާރީހުން ފެންނަން އެބަހުއްޓެވެ. އަދި މިއަދާ ހަމަޔަށްވެސް ދިވެހިރާއްޖެ އިސްލާމް ދީނާއި މިނިވަންގައުމެއްގެ ގޮތުގައި މިއޮތީ އެބޭފުޅުންގެ ސަބަބުންނެވެ.